05 ޖޫން 2022 - 12:22

އަންނަ މަހު، މާފުށީގައި ބާއްވާ، އޭޝިއާގެ ބޮޑީ ބިލްޑިން އަދި ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިަޕަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އިންޓަނޭޝަނަލް އެންމެ ބޮޑު ކުޅިވަރު އިވެންޓަށްވާނެ ކަމަށް ބޮޑީ ބިލްޑިން އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ހަމީދު (އިއްބެ) ވިދާޅުވެއްޖެ އެވެ.

އޭޝިއާގެ 30 ގައުމަކުން އެތުލީޓުން ވާދަކުރާ މުބާރާތުގައި ގައުމުތަކުން އަންނަ ކޮންޓިންޖެންޓުގެ މެންބަރުންގެ އަދަދު 500 އަށް ވުރެ މަތިވާނެ ކަމަށް ބޮޑީ ބިލްޑިން އެސޯސިއޭޝަން (ބީބީއޭއެމުން) ލަފާކުރެ އެވެ.
"ކުޅިވަރު މުބާރާތަކަށް ރާއްޖޭގައި އަދި މިހާތަނަށް މިވަރުގެ ކޮންޓިޖެންޓަކަށް ކެޓާކޮށްފައި ވެސް ނުވާނެ. މިއީ ކުޅިވަރު މުބާރާތަކަށް ރާއްޖެ އަންނާނެ އެންމެ ބޮޑު ކޮންޓިންޖެންޓް،" އަންނަ މަހު 15-20 ބާއްވާ މުބާރާތާ ބެހޭގޮތުން އިއްބެ ވިދާޅުވި އެވެ.
ލޯކަލް ޓޫރިޒަމްގެ ހަބް، މާފުށީގައި މުބާރާތް ބޭއްވުމުން ރާއްޖޭގެ ޓޫރިޒަމްގެ މަގުބޫލުން އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ކުޅިވަރު އިވެންޓަކުން އެންމެ ބޮޑަށް ރާއްޖެ އިސްތިހާރު ވާނެ އިވެންޓްގެ ގޮތުގައި އޭނާ ސިފަ ކުރެ އެވެ.
"ރާއްޖޭގައި މުބާރާތް ބާއްވާތީ އަޅުގަނޑަށް އެނގޭ އެހެން ގައުމުތަކުން ބައިވެރިވާ އެތުލީޓުންނާއި އޮފިޝަލުން އެކްސައިޓްމެންޓް އޮތްވަރު. އެކަން އޭބީބީއެފް [އޭޝިއާ ބޮޑީ ބިލްޑިން ފެޑެރޭޝަން]ގެ ވެރިންގެ މެދުގައި ވެސް އެބައޮތް،" އިއްބެ ވިދާޅުވި އެވެ.
"މި މުބާރާތަކީ އޭގެ ޒާތުން ބެލިޔަސް ރާއްޖެ އަށް ކުޅިވަރުގެ އިވެންޓަކުން އެންމެ ބޮޑު އެކްސްޕޯޝާއެއް ލިބޭނެ އިވެންޓް."
މުބާރާތަށް ހާއްސަކޮށް ހަދާ ސްޓޭޖް ވެސް ހަދަނީ މާފުށީގެ ބީޗް ސަރަހައްދުގަ އެވެ.
"ރާއްޖޭގެ ގުދުރަތީ ރީތިކަން ރަމްޒު ކުރާ ގޮތަށް އަޅުގަނޑުމެން މުބާރާތް ކުރިއަށް ގެންދާނީ،" މީގެ ކުރިން އިއްބެ ވިދާޅުވެފައިވެ އެވެ.
"ބޮޑީ ބިލްޑިންގައި އޭޝިއާގެ އެންމެ މަޝްހޫރު އެތުލީޓުން ރާއްޖެ އަންނާނެ. އެ އެތުލީޓުން މެދުވެރިކޮށް އެތައް ބަޔަކަށް ރާއްޖެގެ ޕްރޮމޯޝަން ރީޗް ވާނެ."
ރާއްޖެ އިން ވެސް 20 އެތުލީޓުން މުބާރާތުގައި ތަމްސީލު ކުރާނެ އެވެ. ބޮޑީ ބިލްޑިންގައި ރާއްޖޭގެ އެތުލީޓުން މީގެ ކުރިން ވެސް ވަނީ ދުނިޔޭގެ ލެވަލްގައި ވެސް ކާމިޔާބީތަކެއް ހާސިލުކޮށްފަ އެވެ. މިދިޔަ އަހަރު އުޒްބެކިސްތާންގައި ބޭއްވި ވޯލްޑް ބޮޑީ ބިލްޑިން އަދި ފިޒިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ދެ އެތުލީޓުން ކަމަށްވާ، މުހައްމަދު ރަޝީދު (ރަޗޭ) އާއި މުހައްމަދު މޫސާ (މޯޑް) ވަނީ ރިހި މެޑަލް ހޯދައިފަ އެވެ.
ދެކުނު ކޮރެއާގައި 2019 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި މޯޑް ލޯ މެޑަލް ވެސް ހޯދި އެވެ. ނޭޕާލްގައި 2019 ގައި ބޭއްވި ދެކުނު އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތުގައި މޯޑް ވަނީ ރަން މެޑަލް ވެސް ހޯދައިފަ އެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ އަމާޒަކީ މަދުވެގެން 10 މެޑަލް ހޯދުމެވެ.