ޒިދާން ނޫނެކޭ ބުނުމުން ޕީއެސްޖީގެ އަމާޒު މޮރީނިއޯ އަށް
ޒިދާން ނޫނެކޭ ބުނުމުން ޕީއެސްޖީގެ އަމާޒު މޮރީނިއޯ އަށް

ޕެރިސް (ޖުން 6) - ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒައިނުދީން ޒިދާނަށް ބޮޑު މުސާރައެއް ހުށަހެޅުމުން ވެސް، ޕީއެސްޖީގެ ކޯޗުގެ މަގާމަށް އޭނާ ނޫނެކޭ ބުނުމުން، ހޯސޭ މޮރީނިއޯ ގެންދިއުމަށް އެ ކްލަބުން މަސައްކަތް ފަށައިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

މި ސީޒަންގެ ޔޫއެފާ ކޮންފަރެންސް ލީގު އޭއެސް ރޯމާ އަށް ހޯދައިދިން މޮރީނިއޯ ކުރިން ބުނެފައި ވަނީ އަންނަ އަހަރު ވެސް އެ ކްލަބްގައި އޭނާ މަޑުކުރާނެ ކަމަށެވެ.

ޕީއެސްޖީގެ މިހާރުގެ ކޯޗު މައުރީސިއޯ ޕޮޗެޓިނޯގެ މަސައްކަތާ މެދު އެ ކްލަބްގެ ވެރިން ހިތްހަމަ ނުޖެހޭ ކަމަށް މީޑީއާ ރިޕޯޓްތައް ބުނެ އެވެ. އެހެންވެ އެމަގާމަށް އެހެން ކޯޗަކު ހޯދުމުގެ މަސައްކަތް އެ ކްލަބުން ފަށައިފައިވާތާ ދުވަސްތަކެއް ވެއްޖެ އެވެ. ސްޓާ ފޯވާޑް ކިލިޔަން އެމްބާޕޭގެ ކޮންޓްރެކްޓް އާ ކުރުމަށް ފަހު، މިހާރު އެ ޓީމުގެ ރާޑަރު ބަދަލުކޮށްފައި ވަނީ އާ ކޯޗަކު ހޯދުމަށެވެ.

ޕީއެސްޖީން އެންމެ ފުރަތަމަ މަސައްކަތް ކުރީ، ޒިދާން ގެންދިއުމަށެވެ. އެކަމަކު ޕީއެސްޖީގެ ހުށަހެޅުން އޭނާ ގަބޫލު ނުކުރީ ފްރާންސްގެ ގައުމީ ޓީމާ ހަވާލުވުމުގެ އުންމީދުގަ އެވެ. މި އަހަރު ވޯލްޑް ކަޕަށް ފަހު ފްރާންސްގެ މިހާރުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕް ފްރާންސްގެ ކޯޗުކަން ދޫކޮށްލާނެ ކަމަށް މީޑީއާތަކުން ބުނެ އެވެ. އޭނާ އަށް ފަހު އެމަގާމާ ހަވާލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ޒިދާން ކަމަށް ވެސް މިޑީއާތަކުން ބުނެ އެވެ.

ޕީއެސްޖީން މޮރީނިއޯ ގެންދަން ނިންމި އަނެއް ސަބަބަކީ، އެ ޓީމުގެ ސްޕޯޓިން ޑައިރެކްޓަރު ކަމަށް ހަމަޖެއްސި ލުއިސް ކެމްޕޯސް އެވެ. ކުރީގެ ސްޕޯޓިން ޑައިރެކްޓަރު ލިއޮނާޑޯ ގައުޗޯ މަގާމުން ދުރުކޮށް ކެމްޕޯސް އަށް އެ މަގާމު ވަނީ ހަވާލުކޮށްފަ އެވެ. މޮރީނިއޯ އާއި ކެމްޕޯސް ވަނީ މީގެ ކުރިން އެކުގައި ރެއާލްގައި މަސައްކަތް ކޮށްފަ އެވެ. މެންޗެސްޓާ ޔުނައިޓެޑްގައި މޮރީނިއޯ މަސައްކަތް ކުރި އިރު އޭނާ ވަނީ އެ ކްލަބްގެ ސްޕޯޓިން ޑައިރެކްޓަރު ކަމަށް ކެމްޕޯސް ހަމަޖެއްސުމަށް ބާރު އަޅައިފަ އެވެ.

މޮރީނިއޯ ގެންދަން ޕީއެސްޖީން ބޭނުވާ އަނެއް ސަބަބަކީ، ޔޫރަޕްގެ ފުޓްބޯޅައިގައި ކާމިޔާބު ހޯދުމެވެ. ޔޫރަޕުގެ ކްލަބް ފުޓްބޯޅައިގެ ހުރިހާ މުބާރާތެއްގެ ތަށި ހޯދި ހަމައެކަނި ކޯޗަކީ މޮރީނިއޯ އެވެ.