05 ޖޫން 2022 - 06:59

އާދިއްތަ ދުވަހާ ގުޅޭ
"އަޅުގަނޑު ނާސިހާ ދެކެ ވަރަށް ލޯބިވޭ!" އަހަރެން ބުނީމެވެ.
ނާސިހާ ހައިރާންވެފައި ބަލަހައްޓައިގެން އިނީއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އިންސާނަކު އިންސާނެއް ދެކެ ލޯބިވުމަކީ ދުނިޔޭގައި އަލަށް ވީކަމެއް ނޫނެވެ. ލޯބިވާ ވާހަކަ ބުނުމަކީ ވެސް، ކާބަފައިންގެ ޒަމާނުއް ސުރެ ހިނގަމުން އަންނަ ކަމެކެވެ. އަހަންނަކީ އޭގެ ހެއްކެކެވެ. ނާސިހާއަކީ ވެސް އޭގެ ހެއްކެކެވެ. ނިކަމެތިންނާއި މުއްސަނދިން ކައިވެނިކުރުމަކީ ވެސް ހުރިހައި ޒަމާނެއްގައި ހިނގާކަމެކެވެ. އަހަރުމެންގެ ދެމެދަށް ވެރިވި ހަމަހިމޭންކަން މިނެޓު ނުވަތަ ދޮޅު މިނެޓަށް ދެމިގެންދިޔައެވެ. ދެން އޮތީ ނާސިހާގެ ޖަވާބެވެ. އަހަރެންގެ ހިތް އޮތީ ނާސިހާގެ އަތުގައެވެ. މޭގައި ލައްކޮށްލަންޏާ ކުރާށެވެ. ސައްޕެއްޖަހަންޏާ ޖަހާށެވެ. ދުނިދަނޑިން ތީރު ވީއްލިއްޖެއެވެ.
"އެއީ ކީއްވެ؟" ނާސިހާ އެހީ އެހެންނެވެ.
"ނޭނގެ!" އަހަރެން ބުނީމެވެ. "އަޅުގަނޑަށް ނާސިހާ ވަރަށް ރީތި. ނާސިހާ ފެނިގެން އަޅުގަނޑު މި އޮފީހަށް ވަނީ. މި މަސައްކަތް މި ކުރަނީ ވެސް ނާސިހާ ކައިރީގަ ހުރެވޭތީ. ނާސިހާޔާ ވާހަކަދެއްކޭތީ. އަޅުގަނޑަކަށް ނޭނގޭ ނާސިހާ ދެކެ ލޯބިވާ މީހުންގެ އަދަދެއް. އެކަމަކު އެނގޭ އެއްޗެއް ބުނެފާނަން. އަޅުގަނޑު މި ލޯބިވާ ވަރަށް ލޯބިވާ އެކަކު ވެސް ނުހުންނާނެ. ނާސިހާ ވަރަށް ލޯބިވާ މީހަކު މި އޮފީހުގަ އުޅޭކަން ވެސް އަޅުގަނޑަށް އެނގޭ. އެކަމަކު އެއީ ނާސިހާޔާ އެކަށީގެންވާ މީހެއް ނޫން."
އެ ދުވަހަކީ އޮފީހުގެ އެންމެ ފަހު ދުވަސްކަމުގައި އަހަރެން ހުރީ ނިންމައިގެންނެވެ. ނާސިހާ ލޯބިވާ މީހުންގެ ލިސްޓުގެ އަނެއް ފުށުން ވެސް އަހަންނަކަށް ޖާގައެއް ނުލިބޭނެއެވެ. އެކަމަކު އަމިއްލަ ނަފުސަކާ ދެނެެއް އަހަރެން ޝަކުވާއެއް ނުކުރާނަމެވެ. ފަހު ނޭވާ ހަށިން ލުހިގެންދާ އިރު ހިތާމައެއް ވެސް ނުކުރާނަމެވެ. ނާސިހާގެ ލޯތްބަށް ޓަކައި އަހަރެންނަށް ކުރެވެން އޮތް ހުރިހައި ކަމެއް ކުރެވިއްޖެއެވެ. އެއީ ލޯބިވާ ވާހަކަ ބުނުމެވެ.
"އަހަންނާ އިންނަން ކެރިދާނެ؟" ނާސިހާ އެހިއެވެ.
"ކީކޭތޯ؟" އަހަރެންނަށް ބުނެވުނެވެ. "ސާފެއް ނުވި."
"އެއްވެސް ސުވާލެއް ނުކޮށް އަހަންނާ އިންނަން ޒުހުރީއަށް ކެރޭނެހޭ؟" ނާސިހާ ބުންޏެވެ.
ނޫނެކެވެ. އެއް ހާސް ސުވާލުކުރަން އަހަރެން ބޭނުމެވެ. އެކަމަކު، ސުވާލުނުކުރަން ނާސިހާ އެދުނީމަ އެ ކަން ވެސް އަހަންނަށް ކުރެވޭނެއެވެ. އަހަންނަށް ކުރެވުނު ކުށަކީ އެއީއެވެ. ނާސިހާ ކަހަލަ، ފިރިހެނުން މަށަށްމަށަށް ކިޔާ ކުއްޖަކު، ސަބަބެއް ނެތި އަހަރެން ކަހަލަ މީހަކާ ނީންނާނެއެވެ. ގަމާރަކަށް ވެސް އެ ވަރު ވިސްނެންޖެހޭނެއެވެ. ދެވަނަ ވިސްނުމަކަށް ދާންޖެހޭނެއެވެ.
"ލައްބަ!" އަހަރެން ބުނީމެވެ. "އެކަމަކު.."
"ކީކޭ އަހަރެން ބުނީ؟" ނާސިހާ ސުވާލުކުރިއެވެ. "އެއްވެސް ސުވާލެއް ނުކޮށޭ! އަހަރެންގެ އެބަ އޮތް ޝަރުތެއް ވެސް. އަހަރެންގެ ފިރިމީހާ ތި ވަޒީފާއަދައެއް ނުކުރާނެ. އިނުމަށް ފަހު ތި ވަޒީފާއަކު ނޫޅެވޭނެ. މި އޮފީހުން ކެނޑެންޖެހޭނެ. އެހެން އޮފީހެއްގެ، މޭޒުކައިރީގަ އިންނަ ވަޒީފާއަކަށް ވަނަސް މައްސަލައެއް ނެތް."
އަހަރެން ވަގުތުން އެއްބަސްވީމެވެ. ކައިވެނީގެ ކަންކަން ހަމަ އެ ދުވަހު ހިނގައިގަތެވެ. އަހަރެން އެއްވެސް ކަމެއް ކުރާކަށް ނުޖެހެއެވެ. ހީވަނީ ހުވަފެނެއްގައި އުޅެވޭހެންނެވެ. އަހަންނަކީ އަހަރެންގެ ހުރިހައި ނިންމުމެއް އަމިއްލައަށް ނިންމާ މީހެކެވެ. އަހަރެންގެ އާއިލާ އެއްވެސް ފާޑެއް ނުކިޔާނެއެވެ. އަހަންނަކީ އަމިއްލައަށް އާމުދަނީ ހޯދައި، އެއިން ދެކޮޅުޖައްސާ މީހަކަށް ވީތީއެވެ.
ކައިވެނިކުރީ ނާސިހާގެ ގޭގައެވެ. ނާސިހާގެ ގެއަކީ އަހަންނަށް ގަނޑުވަރެކެވެ. އެހައި ވެސް ރީއްޗެވެ. އަހަންނަކަށް އެ ގޭގެ ތަންތަނެއް ނުދައްކައެވެ. ކިޔައެއް ވެސް ނުދެއެވެ. އެ ކަމާ އަހަރެން ހައިރާންވިއެވެ. އަހަރެން ޖެހުނީ އަމިއްލައަށް ދަސްކުރާށެވެ. އަހަރެން އެ ގެއަށް ވަނީ ކައިވެނީގެ ގަޑިއެއްހައި އިރު ކުރިންނެވެ. އަހަރެން ހުރީ ތައްޔާރުވެގެންނެވެ. އަހަރެންގެ ފެންވަރުންނެވެ. އެކަމަކު އަހަރެން ލާންވީ ގަމީހާއި ފަޓުލޫނު ނާސިހާ ދިނެވެ. އަހަރެން ލައިގެން ހުރި އަންނައުނު ބަދަލުކުރުމަށް އެދުނެވެ. އެ ކަން ކުރަން އަހަންނަށް ކޮޓަރިއެއް ދެއްކިއެވެ. އެ ކޮޓަރި ވެސް، އާދައިގެ ކޮޓަރިއަކަށް ވުރެ ރީއްޗެވެ. އެ ވަގުތަށް ބޭނުންވާނެ ހުރިހައި ސާމާނެއް އެ ތަނުގައި ހުއްޓެވެ.
ކައިވެނީގެ މަޖިލީސް ވަރަށް ތަފާތެވެ. އެ ތަނުގައި އޮތީ ސިއްރު ނޭނގޭ ހަމަހިމޭންކަމެކެވެ. ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް މެނުވީ ނުދައްކައެވެ. އެ ތަނުގައި ހިނގީ ރަސްމީ ކަންތައް އެކަންޏެވެ. ކައިވެންޏަށް ފަހު ޕާޓީއެއް ނުބާއްވައެވެ. ނާސިހާގެ މައިންބަފައިން އަހަންނާ މުހާތިބުކޮށް އެންމެ ބަހެއް ވެސް ނުބުނެއެވެ. ނުބުނި ވާހަކަތަކުން ބުނި ވާހަކަ ވަަރަށް ސާފެވެ. ނާސިހާގެ މައިންބަފައިންނަށް މުހިންމީ ކައިވެންޏެވެ. އެ ކަން ކުރަން އެ މީހުން ވަރަށް ބޭނުމެވެ. ފިރިމީހާގެ މޫނާއި ދަރަޖަ މުހިންމެއް ނޫނެވެ. ފޮޓޯތައް ނެގި އިރު ވެސް އަހަރެން ހުރީ، ފާޑަކަށް ބާކީވެފައެވެ. އެ ވަރުން ވެސް އަހަރެންގެ ސިކުނޑިއެއް ނެހޭލައެވެ. ބުއްދި ރަނގަޅަށް މަސައްކަތެއް ނުކުރެއެވެ. ކުރި ނަމަ، ބޮޑު މަންޒަރު އަހަންނަށް ފެނުނީހެވެ. ވެގެން އުޅޭ ގޮތް ލަފާކުރެވުނީހެވެ. އަހަރެން ހުރީ ނާސިހާޔާ މޮޔަވެފައެވެ. އެ ނޫން ދިމާއެއް ނުބެލެއެވެ. އެ ނޫން ކަމަކަށް ނުވިސްނެއެވެ. ތެދެކެވެ. ލޯތްބަކީ ކަނު އެއްޗެކެވެ.
ކައިވެންޏަށް ފަހު ސައި އޮތެވެ. ނަން ހުސްކޮށް ހެދިކާ ހުއްޓެވެ. ހުރިހައި ކަމެއް ނިމުނު އިރު ނާސިހާގެ ކޮޓަރި އަހަރެން ދަސްކޮށްފީމެވެ. ނާސިހާގެ ފަހަތުން އަހަރެން ވެސް ކޮޓަރިއަށް ވަންނަން ދިޔައީމެވެ.
"ބަލަބަލަ!" ދޮރާ ހަމަވި ތަނާ މައިދައިތަ ބުނި އަޑު އިވުނެވެ.
އަހަރެން ބަލައިލުމުން މައިދައިތަ އިޝާރާތްކޮށްލީ، ކުރިން އަހަރެން ވަން ކޮޓަރިއަށެވެ. އަހަރެންގެ ފޮށި އޭރު ވެސް ހުރީ ގެނައި ގޮތަށެވެ. އެ ވެސް ހިފައިގެން ވަނުމަށް، އިޝާރާތުން މައިދައިތަ އެންގިއެވެ. އަހަންނާ ވާހަކަދައްކަން އޭނަ ކިހައި ބޭނުން ނޫންކަން އަހަންނަށް އެނގެއެވެ. އެ ގެއަށް އަހަރެން ވަނީ ހިލޭފިރިހެނެއް ގޮތުގައެވެ. އެކަމަކު ނާސިހާގެ ފިރިމީހާއަށް ވީމައި އަހަންނަކީ ތަފާތު މީހެކެވެ. އެ އާއިލާއަށް ނިސްބަތްވާ މީހެކެވެ. ކުރުނީސް ނުކުރިޔަސް އިހުތިރާމުލިބޭނެކަމަށް ހީކުރެވުނެވެ. އެހެނެއް ނުވިއެވެ.
"މި ބުނާ އެއްޗެއް ނޭނގޭތަ؟" އަހަރެން ހުރި ފިޔަވަޅުމަތިން ގުޑައިނުލައި ހުރުމުން މައިދައިތަ އެހިއެވެ.
އޭރު ވެސް އަހަރެން ހުރީ ނާސިހާ ކޮޓަރީގެ ދޮރު ހުޅުވައިގެންނެވެ. އަހަންނަށް ބަލަހައްޓައިގެން ނާސިހާ އެތެރޭގައި ހުއްޓެވެ. ނުކުތުމުގެ އެއްވެސް ހިޔާލެއް އޭނަގެ ނެތް ކަހަލައެވެ. އަހަންނަށް ނެގުނީ މި މާނައެވެ. ކަންތައް ހިނގަމުންދިޔައީ، ކުރިއް ސުރެ ރޭވި އެއްބަސްވެފައިވާ ގޮތަށެވެ. ނާސިހާ އައެވެ. އަހަރެން ހީކުރީ އަހަރެންގެ އަތުގައި ހިފައި، ކޮޓަރިއަށް ވައްދަން ކަމަށެވެ. އެހެނަސް ނާސިހާ އައިސް ދޮރު ޖެހިއެވެ. އަހަރެން ނުވިސްނައި ހުރި ނަމަ، އަހަރެންގެ ނޭފަތް ފަޅައިގެންދިޔައީހެވެ. އަހަންނަކީ ކެރޭ މީހެކެވެ. ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަމެވެ. ކުރިމަތިލާން ނުކެރޭ ކަމެއް ނޯންނާނެއެވެ. ހަމަ އެހެންމެ، ކެތްތެރިކަމުގައި ވެސް އަހަރެންގެ ފައިތިލަ ވަރަށް ސާބިތުވާނެއެވެ. ކެތްނުކުރެވޭ ކަމެއް ވެސް ނޯންނާނެއެވެ. އަހަރެން ފޮށި ހިފައިގެން ގޮސް ކޮޓަރިއަށް ވަނީމެވެ. ދޮރުލައްޕައިލީމެވެ. ދެން ވީ އަންތަރީސްވާ ވަރުގެ ކަމެކެވެ. ބޭރުން ދޮރު ތަޅުލިއެވެ. ބޭރުގައި ހުރީ މައިދައިތައެވެ. ހިތަށްއެރިއެވެ. އަހަންނަކީ އީދަށް ކަތިލަން ގެނައި ބަކަރިއެއް ހެއްޔެވެ؟ ޔަގީންކޮށްލުމަށް ޓަކައި ދޮރުގެ އަތްގަނޑުގައި ހިފައިލީމެވެ. ހަގީގަތުގައި ވެސް ދޮރު ހުރީ ތަޅުލައިފައެވެ. އެއީ އަހަރެން އުންމީދުކުރި ގޮތެއް ނޫނެވެ. އަހަންނަށް ތަޅު ހަލާކުކޮށްލެވޭނެއެވެ. ދޮރު ވައްޓައި ވެސް ލެވޭނެއެވެ. އެހެނެއް ނަހަދަމެވެ. މަޑުމަޑުން ގޮސް އެނދުގައި އިށީނދެލީމެވެ. އަހަރެން ކުރިން އުޅުނު ކޮޓަރިއަށް ވުރެ އެ ކޮޓަރި ހާސް ބައި ރީއްޗެވެ. އެ ކަމަކާ ޝަކުވާއެއް ނެތެވެ. އެކަމަކު އަނބިމީހާ ނެތުމުން ކޮޓަރި ވަރަށް ފަޅެވެ. އެ ކޮށްޓަށް އަހަރެން ވަންނަންޖެހުނީ، ކުޑަމިނުން ނާސިހާގެ އަތުގައިހިފައި ވެސް ނުލެވިއެވެ.
އަހަރެން ފަތިހުފަތިހާ ހޭލީމެވެ. ފާހާނާ ކަންތައް ނިންމައިލައި، ކުޑަކޮށް ތައްޔާރުވެލައިގެން ގޮސް ދޮރުގައި ހިފައިލީމެވެ. އޭރު ވެސް ދޮރު ހުރީ ތަޅުލައިފައެވެ. ގަޑިން ފަސްގަޑިބައެވެ. އެހައި ދިގު ދުވަހެއް އަހަރެންގެ ހަޔާތަކަށް ނާދެއެވެ. ހިތަށްއެރިއެވެ. ހަތްގަޑި ބައިގައި ނާސިހާ އޮފީހަށް ދާނެއެވެ. އޭގެ ކުރިން ހުޅުވާނެއެވެ. ތަޅުލި ސަބަބު ކިޔައިދޭނެއެވެ. ތަޅު ހުޅުވީ ހަތެއްޖަހަން އުޅެނިކޮށެވެ. ތަޅު ހުޅުވުމަށް ފަހު ދޮރު ވެސް ހުޅުވައިލިއެވެ. ދޮރުމަތީގައި ހުރީ ނާސިހާއެވެ. އޭނަ އެތެރެއަށް ވަދެފައި ދޮރުލެއްޕިއެވެ.
"ރަނގަޅަށް ނިދުނު؟" ނާސިހާ އެހިއެވެ.
"ކީއްވެ އަހަރެން މި ކޮޓަރިއަށް ލީ؟" ހައިރާންވެފައި އަހަރެން އެހީމެވެ.
"ހާދަ އަވަހަކަށް ފެންވަރު އޮޅުނީ؟" ނާސިހާ ހިތްހަމަނުޖެހިފައި ބުންޏެވެ.
"ކޮބާ ތީގެ މާނައަކީ؟" އަހަރެން އެހީމެވެ.
"އިއްޔެއާ ހަަމައަށް އަޅުގަނޑު ކިޔާފަ މިއަދު ކުއްލިއަކަށް އަހަރެންނަށްވީ ކީއްވެ؟" ނާސިހާ ވަރަށް ލޯތްބާ އެކު އެހިއެވެ. "އަންބަކަށްވުމަކީ އިހުތިރާމު ގެއްލޭކަމެއްތަ؟"
ހިތަށްއެރިއެވެ. އަހަރެންގެ އިހުތިރާމު ކޮބައި ހެއްޔެވެ؟ ގެނައި ގޮތަށް ކޮށްޓަކަށްލައި ތަޅުލައިފައި، ކުޑަމިނުން އެހެން ހެދި ސަބަބު ވެސް ނުބުނެއެވެ. އެކަމަކު ޝަކުވާކުރާނީ ކިހިނެއް ހެއްޔެވެ؟ ކުރިމަތީގައި ހުރީ ނާސިހާއެވެ. ހުރިހައި ދުވަހަކަށް ވުރެ އެ ދުވަހު އޭނަ ލޯތްބެވެ.
"މާފުކުރައްވާ!" އަހަރެން ބުނީމެވެ. "މިއަދު ހާދަހާ ލޯތްބޭ!"
ނާސިހާގެ ގައިގަ ފިރުމާލަން އަހަރެން އަތް ދިއްކޮށްލި ވަގުތު ނާސިހާ ނުކުންނަން ހިނގައިގަތެވެ.
"އާދޭ ސައިބޯން!" ނާސިހާ ބުންޏެވެ. "މިރޭ އަހަރުމެން ޖެހޭނެ ބާޒާރުކޮށްލަން ނުކުންނަން. މިހާރު ތި ލާ ގަމީސް ރީއްޗެއް ނޫން."
އަހަރެން ހިތަށްއެރިއެވެ. ނާސިހާގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟ އަހަރެންނާ ކައިވެނިކުރީ ކީއްވެގެން ހެއްޔެވެ؟ ސައިބޯން ދިޔަ އިރު މައިދައިތަ އެ ތަނުގައި ވެސް އިނެވެ. ބެލިބެލީނުން މީހަކު ހިންޏަކަށް ހަދައިލެވޭ ނަމަ އެ ފަހަރު އަހަރެން ހިންޏަކަށްވީހެވެ. އެ ވަރަށް މައިދައިތަ ބެލިއެވެ. ސައިބޯން އިށީނދެފައި ނާސިހާ ކައިރީގައި ހުރި ތަށްޓަށް ބަލައިލި ގޮތުން ހީވީ އޭނަ މޭނުބައިކުރިހެންނެވެ. ތަށީގައި އޮތީ ބިސްގަނޑެކެވެ. ކުއްލިއަކަށް ނާސިހާ އޯކަށްދެމުނެވެ.
ނުނިމޭ