04 ޖޫން 2022 - 21:22

ދ. މާއެނބޫދޫގައި މި އަހަރުގެ ބޮޑުއީދު ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް ގިނަ އަދަދެއްގެ ފަންނާނުން އެ ރަށަށް ގެންދާ ގޮތަށް ހަމަޖައްސައިފި އެވެ.
އެ ރަށުގައި ބާއްވާ އީދު ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވީ މި އަހަރުގެ އީދަކީ މަޖާ، ކުޅިވަރުތައް ގިނަ، އަދި ފުރިހަމަ އީދަކަށް ހެދުމަށް ޓަކައި އެ ރަށުގެ ކުދިބޮޑު އެންމެން ޝާމިލުވާ ގޮތަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ރަށަކީ ކުލަގަދަކޮށް އީދު ފާހަގަކުރުމުގައި ޒަމާންވީ މުއްސަނދި ތާރީހެއް އޮތް ރަށެއް ކަމަށެވެ. އެގޮތުން މާއެނބޫދޫގެ ލަނގިރި ގުރޫޕުތައް ސަރުކާރުގެ ދައުވަތަށް މާލެ ގެނެސް އެކި މުނާސަބަތުތަކުގައި ކުޅިވަރު ހުށަހަޅައިދީފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"މި ރަށަކީ އަމިއްލަ މިއުޒިކު ބޭންޑެއް އޮވެ، ކޮންމެ އަހަރަކު ވެސް މަގުމަތީގައި ކުޅިވަރުގެ އަޅައިގެން ޝޯތައް ބޭއްވި ރަށެއް. އެ ޝޯތަކުގައި ހުރިހާ އިންސްޓްރޫމެންޓެއް ވެސް ލައިވްކޮށް ކުޅޭނީ. އެ ކަމުގައި ވެސް ލަވަ ކިޔުމުގައި ވެސް ހަރަކާތްތެރިވާނީ ހަމަ މި ރަށު މީހުން،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ، މި އަހަރުގެ ބޮޑުއީދުގައި މި ކުޅިވަރުތައް އިތުރަށް ދިރުވާ އާލާކުރަން އެ ރަށުގެ ރައްޔިތުން ބޭނުންވާ ކަމަށެވެ. އީދުގެ ހަރަކާތްތައް ރާވާ ހިންގުމުގައި ހަރަކާތްތެރިވަނީ ކައުންސިލާއި ޖަމިއްޔާތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖަމިއްޔާތަކާއި ކައުންސިލާ ގުޅިގެން މި ކުޅިވަރުތައް އިންތިޒާމު ކުރަނީ. ލީޑުކުރާނީ ކައުންސިލުން،" އޮފިޝަލް ވިދާޅުވި އެވެ.
އީދުގެ ކުޅިވަރުތަކަށް ތައްޔާރުވުމުގެ ގޮތުން މިހާރު ވެސް ފަރިތަކުރުންތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުޅިވަރުތަކުގައި ޒުވާނުންނާއި އިހުގެ މީހުން ވެސް ބައިވެރިވާ ކަމަށް ވިދާޅުވި އެވެ.
މި އަހަރުގެ އީދު ހަރަކާތްތަކުގައި އާންމުންގެ މަގުބޫލުކަން ހޯދާފައިވާ ނެށުންތެރިޔާ ޖާދުﷲ އިސްމާއީލާ އެކު ގިނަ ފަންނާނުންތަކެއް ހިމެނޭ ގުރޫޕެއް ވެސް ބައިވެރިވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އޭގެ އިތުރުން ވެސް ދާނެ ލަވަކިޔުންތެރިން. ކުރިއަށް އޮތްތަނުގައި އޭގެ ތަފްސީލު އަޅުގަނޑުމެން ހާމަކުރާނަން،" އޭނާ ވިދާޅުވި އެވެ.
އީދު ވެދުމާ ދިއުން
މަސް ރޭސް
ފިރިހެނުންގެ ލަނގިރި/ދަފި
ބޮޑުމަސް ބޭނުން
ފުޓްބޯޅަ މުބާރާތް ފިރިހެން
ވޮލީ މުބާރާތް އަންހެން/ފިރިހެން
މިޔުޒިކް ދެ ޝޯ މާލެއިން މާއެނބޫދޫއަށް ދާ ލަވަކިޔުންތެރީން
ބަނޑިޔާޖެހުން
ރައްޔިތުންގެ އީދު ބޮޑު ސައި
ކުޑަކުދީންގެ ހަވީރު
އީދާއި ކުލަމަޖާ