04 ޖޫން 2022 - 17:17

ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ރަން ދުވަސްތައް އަލުން ގެނެވޭނެ ކަމަށް، ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި އެކްލަބަށް އިރުޝާދު ދޭ، ލަންކާގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު މުހައްމަދު ނިޒާމް ޕަކީރް އަލީ ބުނެފި އެވެ.

ރާއްޖޭގެ ވެލެންސިއާ އަށް ކުރިން ކުޅުނު ޑިފެންޑަރު ބުނި ގޮތުގައި އޭނާ ރާއްޖޭގައި ކުޅުނު ދުވަސް ވަރު، ވިކްޓަރީ އަކީ ގިނަ އަދަދެއްގެ ކުޅުންތެރިން އުފައްދައިގެން ގައުމީ ޓީމާ ހަމައަށް ގެންދިޔަ ކްލަބެކެވެ.

"ވިކްޓަރީއޭ ބުނީމަ އަހަރެންގެ ސިކުނޑިއަށް ވަރަށް ބައިވަރު ހިޔާލުތައް އާދޭ. އަހަރެން ރާއްޖޭގައި ކުޅުނުއިރު ވެސް ވިކްޓަރީ އަކީ ވަރަށް ގިނަ އާ ކުޅުންތެރިން ގައުމީ ޓީމަށް ނެރެދިން ކްލަބެއް. އެކްލަބްގެ ސަޕޯޓަރުން ކްލަބްގެ ފަހަތުގައި ތިބޭ ތިބުން އަހަރެން ހަނދާން ވޭ،" ޕަކީރް ބުންޏެވެ.
"ކުރީގައި ވިކްޓަރީން ކުޅުންތެރިން އުފައްދައިގެން ގައުމީ ޓީމަށް ނެރެދިން ގޮތަށް ކުރިއަށް ތަނުގައި ވެސް އެކަން ކުރެވޭނެ ކަމަށް އަހަރެން އުންމީދު ކުރަން. އެއީ ވަރަށް މުހިންމު ފުރިހަމަ މަސައްކަތަކަށް ވާނެ."
ޕަކީރް ބުނީ ކޯޗެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރަން ކުރިން ފެށިގެން އޭނާ ހުރީ އެދި އެދި އެވެ. ކުޅުން ހުއްޓާލި ފަހުން، މިއީ ރާއްޖޭގެ ފުޓްބޯޅައިގައި އޭނާ މަސައްކަތް ކުރާ ދެވަނަ ފަހަރެވެ. ކުރިން ލ. ގަމުގައި ހިންގި އެކަޑަމީއެއްގެ ހެޑް ކޯޗުގެ ގޮތުގައި މަސައްކަތް ކުރި ޕަކީރް ބުނީ ރާއްޖޭގެ ކުޅުންތެރިންނާއި އޭނާ އާ އަބަދުވެސް ގާތް ގުޅުމެއް އޮންނަ ކަމަށެވެ
"އެހެންވެ އަހަރެން ވެސް ދެކެނީ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަން ރާއްޖެ އަކީ އަހަންނަށް ވަރަށް މުހިންމު ގައުމެއްގެ ގޮތުގައި،" ޕަކީރް ބުންޏެވެ.
"އަހަންނަށް އެނގޭ ރާއްޖޭގެ ކުޅުންތެރިންގެ ސަގާފަތާއި އެކުޅުންތެރިންގެ ވިސްނުން ހުންނާނެ ގޮތް. ކޯޗެއްގެ ގޮތުގައި އަހަންނާ ރާއްޖޭގެ ކުޅުންތެރިންނާ ވަރަށް ރަނގަޅު ގުޅުމެއް އޮވޭ. މާލޭގައި އަދި ގަމުގައި މަސައްކަތް ކުރި އިރު ވެސް އެކުޅުންތެރިންގެ ކަންކަން އަހަންނަށް އޮޅުންފިލާ."
އޭނާ ބުނީ ކްލަބެއްގައި ކާމިޔާބު ހޯދާނަމަ އެ ކޯޗަކު ވާން ޖެހޭނީ ކުޅުންތެރިންގެ ކަންކަން ވަރަށް ރަނގަޅަށް އޮޅުން ފިލާފައި ހުރި ކޯޗަކަށް ކަމަށެވެ. ރާއްޖޭގެ ކުޅުންތެރިންގެ އެކަންކަން އޭނާ އަށް އެނގުމަކީ ރާއްޖޭގައި މަސައްކަތް ކުރަން އޭނާ އަށް މުހިންމު ކަމެއް ކަމަށް ޕަކީރް ބުންޏެވެ.
ޝައިހް ޖަމާލް ޑީސީ އަށް ކޯޗުކޮށްދީ އެކްލަބް ބަންގްލަދޭޝްގެ ލީގަށް ޕްރަމޯޓްކޮށްދިން ޕަކީރް އަލީ ބުނީ، ފުރަތަމަ ޑިވިޝަނަށް ޕްރަމޯޓްވުމުން އެކަނި މަސައްކަތް ފުރިހަމަ ނުވާނެ ކަމަށެވެ.
"އަހަރެންގެ އެންމެ އިސް ޓާގެޓަކީ ދެވަނަ ޑިވުޝަނުން ފުރަތަމަ ޑިވިޝަނަށް (ވިކްޓަރީ) ޕްރަމޯޓްކޮށްދިނުން. އެކަމަކު އެހާހިސާބުން މަސައްކަތް ނުނިމޭނެ،" އިންޑިއާގެ އައި ލީގުގައި ވެސް ކުރިން މަސައްކަތް ކުރި ކޯޗު ބުންޏެވެ.
"އަހަރެން ބަންގްލަދޭޝްގައި ވެސް ކުރީ އެމަސައްކަތް. ލަންކާ އަދި ރާއްޖޭގައި ވެސް. ޓާގެޓަކީ ކްލަބްގެ ކޯޗަކަށް ވެ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުން އެކަންޏެއް ނޫން. އެހާހިސާބުން ވެސް ކުރިއަށްދާނެ ޕްލޭނެއް އޮންނަން ޖެހޭ."
ކުރިން ވިކްޓަރީ އަށް ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ އިސްމާއީލް އަނިލް އާއި އިސްމާއީލް ޝަރީފް ޕަކީރްގެ އެސިސްޓެންޓް ކޯޗުންގެ ގޮތުގައި މަސައްކަތްކުރާނެ އެވެ. ފަކީރް ބުނި ގޮތުގައި އޭނާ އާއެކު މަސައްކަތް ކުރާ ދިވެހި ކޯޗުންނަށް ވެސް އޭނާގެ ކިބައިން ކަންކަން ދަސްކޮށްދިނުމަކީ ވެސް އޭނާގެ އަމާޒެކެވެ. އަނިލް ދަނީ އެފްއޭއެމްގެ އަންހެން ފުޓްބޯޅަ އެކެޑަމީގައި މަސައްކަތް ކުރަމުންނެވެ. އިސްމާއީލް ޝަރީފް އަކީ ފުޓްސަލް ކޯޗެކެވެ. އެންމެ ފަހުގެ ކްލަބް މޯލްޑިވްސްގައި އޭނާ ވަނީ އެޗްޑީސީގެ ޓީމަށް ކޯޗުކޮށްދީފަ އެވެ.
ލަންކާގެ ގައުމީ ޓީމުގެ ކޯޗުގެ ގޮތުގައި ދެފަހަރަށް ރާއްޖެއާ ދެކޮޅަށް ނުކުތް ޕަކީރް ބުނީ ރާއްޖޭގެ ގައުމީ ޓީމު ފެންވަރު ރަނގަޅުވީ ކްލަބް ފުޓްބޯޅައިގެ ފެންވަރު ރަނގަޅުވުމުން ކަމަށެވެ.
ވިކްޓަރީގެ ޓެކްނިކަލް ޑައިރެކްޓާ މުހައްމަދު އާދަމް ބުނީ، ބޭރުގެ ކޯޗެއް ހަމަޖެއްސީ ޓީމަށް އަބަދުހެން ކޮމިޓް ވެވޭ ކޯޗެއް ހޯދުމުގެ ގޮތުންނެވެ.
"އެގޮތަށް ބަލާއިރު އަޅުގަނޑަށް އެންމެ ފާހަގަ ކުރެވުނު ކޯޗަކީ ޕަކީރް އަލީ. ކުޅުންތެރިޔެއްގެ ގޮތުގައި ރާއްޖޭގެ ފުޓްބޯޅަ އެނގޭ ރާއްޖޭގައި ކުޅެފަ ހުރި ކުޅުންތެރިޔެއް،" ލަންކާގެ ޖާވާ ލޭން އަށް ކުރިން ކޯޗުކޮށްދިން މުހައްމަދު ބުންޏެވެ.
ވިކްޓަރީގެ ރައީސް ހުސައިން އާދަމް ވިދާޅުވީ ޕަކީރް އަލީ، އެކަލްބްގެ ކޯޗު ކަމަށް ގެންނަން ނިންމީ އެކްލަބަށް ކުރިން ކުޅުނު ކުރީގެ ކުޅުންތެރިންގެ މަޝްވަރާ އާވެސް އެކުގައި ކަމަށެވެ.