04 ޖޫން 2022 - 15:51

ވިކްޓަރީ ސްޕޯޓްސް ކްލަބާ އޭނާ އާއި އޭނާގެ އެކްސްކޯ ހަވާލުވީ، އެއްވެސް ސިޔާސީ އިންތިހާބަކާ ގުޅިގެން ނޫން ކަމަށް،. ވިކްޓަރީގެ ރައީސް ހުސައިން އާދަމް ވިދާޅުވެއްޖެ އެވެ.

ވިކްޓަރީގެ ކުރީގެ ބައެއް ކުޅުންތެރިން ބުނެފައި ވަނީ ސިޔާސީ ބަޔަކު ކްލަބާ ހަވާލުވީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އަމާޒުކޮށް ކަމަށެވެ. އަދި އިންތިހާބަށް ފަހު އަނެއްކާވެސް ކްލަބަށް ވާނެ ގޮތާމެދު ބައެއް ކުޅުންތެރިން ވަނީ ސުވާލު އުފައްދައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދިރިއުޅުއްވާ، މުލިއާގޭ ޗީފް އޮފް ސްޓާފްގެ މަގާމު ވެސް އަދާކުރައްވަމުން އަންނަ ހުސައިން ވިދާޅުވި ގޮތުގައި ވިކްޓަރީގެ ހިންގާ ކޮމިޓީގެ އިންތިހާބުގެ ވާހަކަ ނޫން އެއް ވެސް އިންތިހާބެއްގެ ވާހަކަ އޭނާ ނުދައްކަވަ އެވެ.
"އަޅުގަނޑުމެން ކުރިމަތިލީ ވިކްޓަރީގެ ބޯޑުގެ އިންތިހާބާ. އެއިންތިހާބު ނޫނިއްޔާ އިންތިހާބެއްގެ ވާހަކަ އަޅުގަނޑުމެން ނުދައްކަން. މިއީ ކުޅިވަރު ކްލަބެއް. އަޅުގަނޑުމެންނަށް ބޯޑުގެ އިންތިހާބު ކާމިޔާބު ކުރެވިއްޖެ،" ސޯލްޓް ކެފޭގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ހުސައިން ވިދާޅުވި އެވެ.
ވިކްޓަރީގެ ކުރީގެ ޗެއާޕާސަން ޑރ. އިބްރާހިމް ނާޝިދުގެ ދައުރުގައި ވެސް އެކްލަބްގެ ބޯޑު މެންބަރުކަން ވެސް ކުރެއްވި ހުސައިން ވިދާޅުވީ، އޭނާ އާއި އޭނާގެ އެކްސްކޯގެ ވިސްނުން ގެންގުޅެނީ ހަމައެކަނި ކުޅިވަރުގައި ކުރިއަށް ދިއުމަށެވެ.
ރިޔާސީ އިންތިހާބަށް ފަހު ކްލަބް ދޫކޮށްދަނަންތޯ ސުވާލު ކުރުމުން ވެސް ހުސައިން ވިދާޅުވީ އޭނާގެ ވިސްނުން ހުރީ ކުޅިވަރުގެ މަރުހަލާގައި ކަމަށެވެ.
"ކުޅިވަރުގެ ކޮންމެ މަރުހަލާއެއްގައި އަޅުގަނޑުމެންގެ ވިސްނުމާ ފިކުރު ކުރިއަށް މިދަނީ. އަޅުގަނޑުމެން ކުރިއަށް މިދަނީ ކުޅިވަރު މުބާރާތެއްގައި ވާދަކުރުމާމެދު. މިހާރު މިތައްޔާރު ވަނީ ފުޓްބޯޅަ މުބާރާތެއްގައި ވާދަކުރުމަށް،" ކުރިއަށް އޮތް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރަން ތައްޔާރު ވަމުން އަންނަ ކްލަބްގެ ރައީސް ވިދާޅުވި އެވެ.
ކުރީގެ ކުޅުންތެރިންނަށް މުސާރަ ދިނުމަށް، ވިކްޓަރީން ވަނީ އެފްއޭއެމް އަށް ފައިސާ ހަވާލުކޮށްފަ އެވެ. ހުސައިން ވިދާޅުވީ އެ ފައިސާ އެފްއޭއެމުން ކުޅުންތެރިންނަށް ރައްދުކޮށް ދެމުންދާ ކަމަށެވެ.
އެފްއޭއެމް އަށް ފައިސާ ދެއްކި ނަމަވެސް، ވިކްޓަރީ އޮތީ އަދި ވެސް އެ އެސޯސިއޭޝަންގެ ސަސްޕެންޝަނެއްގަ އެވެ. ޕްރެކްޓިސް ކުރުމަށް އެފްއޭއެމުން ދޫކުރާ ދަނޑުތައް އެކްލަބަށް ލިބޭނެ ކަމުގެ ސިގުނަލް ދީފައިވާ ކަމަށް، ކްލަބް ޓެކްނިކަލް ޑައިރެކްޓަރު މުހައްމަދު އާދަމް ބުންޏެވެ.
"އަޅުގަނޑުމެންނާއެކު ބޭއްވި ބައްދަލުވުމުގައި އެފްއޭގެ ރައީސް ބައްސާމް [އަދީލް ޖަލީލް] ވިދާޅުވި އެންމެ އަވަހަށް ބާއްވާ ކޮންގްރެސްގައި ސަސްޕެންޝަން ނަގައިދޭނަމޭ،" މުހައްމަދު ބުންޏެވެ.
ޗެއާމަން ހުސައިން ވެސް ވިދާޅުވީ މުބާރާތުގައި ބައިވެރިވާން ފޯމް ހުށަހަޅާ ހިސާބުން ޕްރެކްޓިސް ކުރަން ދަނޑު ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އެފްއޭއެމުން ބުނެފައިވާ ކަމަށެވެ.
"ސަސްޕެންޝަނާ ގުޅިގެން ހުރި ވަރަށް ބޮޑެތި ކަންތައްތަކެއް މިހާރު ވަނީ ހައްލުވެފަ. ސަސްޕެންޝަނުގެ ކަންކަން އަޅުގަނޑުމެން ހަނދާން ނައްތައިލައިފިން،" ވިކްޓަރީގެ ފުޓްބޯޅަ ޓީމަށް ކުރިން ކުޅުއްވި ހުސައިން ވިދާޅުވި އެވެ.
މުހައްމަދު ބުނި ގޮތުގައި ދެވަނަ ޑިވިޝަނަށް ތައްޔާރުވުމުގެ ގޮތުން ޅ. ހިންނަވަރުގައި 10 ދުވަހުގެ ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. ހިންނަވަރުގައި ކޭމްޕް ކުރިއަށް ގެންދަން ނިންމީ، އެރަށުގައި ވަސީލަތްތައް ހުރުމުގެ އިތުރުން އެރަށުގައި ވިކްޓަރީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ތިބުމުން ކަމަށް ވެސް މުހައްމަދު ބުންޏެވެ.