ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 700،000 އިން މައްޗަށް
ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 700،000 އިން މައްޗަށް

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ހަތް ލައްކަ ޓޫރިސްޓުން އައިސްފައިވާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 706،000 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. މިއީ މި އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ އަދަދުގެ 40 ޕަސެންޓެވެ.

މިއަހަރު ރާއްޖެއަށް 1.6 މލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެވެ.

މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ އިންޑިއާއިންނެވެ. އެ ގައުމުން 99،000 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. ދެވަނަ އެންމެ ގިނައިން ޓޫރިސްޓުން އައި އިނގިރޭސިވިލާތުން 88،000 ޓޫރިސްޓުން އައިސްފައިވެ އެވެ. ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިޔާއިންނެވެ. އެ ގައުމުން 67،000 ޓޫރިސްޓުން ރާއްޖެއަށް އައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ރަޝިއާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އެސަރަހައްދުން ރާއްޖެއަށް ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް މަދެވެ. ހަނގުރާމައިގެ ކުރިން އެ ސަރަހައްދަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްތުން އަންނަމުން ދިޔަ ސަރަހައްދެވެ.

ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 4،000 ޓޫރިސްޓުން އާދެ އެވެ.

ކޮވިޑްގެ ހާލަތުގެ ކުރިން 2019 ވަނަ އަހަރު ރާއްޖެއަށް ފުރަތަމަ ފަސް މަހު 750،000 ޓޫރިސްޓުން އައިސްފައިވެ އެވެ. އެހެންވެ އެ އަހަރާ އަޅާ ބަލާ އިރު މިއީ ހަ ޕަސެންޓުގެ ދަށްވުމެކެވެ.

ރާއްޖޭގައި ޓޫރިސްޓުން އެވްރެޖުކޮށް އަށް ދުވަސް ހޭދަކުރެ އެވެ. މިއީ 2019 ވަނަ އަހަރަށް ވުރެ ދެ ދުވަސް އިތުރު އަދަދެކެވެ. ކޮވިޑްގެ ބަލިމަޑުކަމަށް ފަހު އަންނަ ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މުއްދަތު ވަނީ އިތުރުވެފަ އެވެ.

މިދިޔަ އަހަރު ރާއްޖެ އަށް 1.3 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. ދުނިޔެއަށް އިގްތިސާދީ ދަތިކަމެއް ކުރިމަތިވަމުން އައި ނަމަވެސް މިހާރު ރާއްޖެއަށް ޓޫރިސްޓުން އަންނަ ވަރަށް އަހަރުގެ ބާކީ އޮތް މުއްދަތުގައި ވެސް އަންނަ ނަމަ މިއަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ އަދަދަށް ޓޫރިސްޓުން ގެނެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެ އެވެ.