03 ޖޫން 2022 - 22:49

ގއ. ވިލިނގިލީގައި އަންހެނެއްގެ އަތުގައި ދަތް އަޅައި، އިނގިލި ބުރިކޮށްލި މައްސަލައެއްގައި ހައްޔަރު ކުރި މީހާ ދޫކޮށްލައިފި އެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހު 3 ގައި ވިލިނގިލީގެ ގެއަކަށް ވަދެ އެ ގޭގެ މީހުންނާ ޒުވާބުކޮށް ތަޅައި، މާރާމާރި ހިންގާފައިވާ މައްސަލައެއްގަ އެވެ.
ތުހުމަތުވާ އުމުރުން 35 އަހަރުގެ ފިރިހެން މީހާ ބަންދުކުރަން ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އޭނާގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރު ކޮށްފަ އެވެ. އޭގެ އިތުރުން ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގައި 150 ދުވަހަށް ޖަލަށްލުމަށް ވެސް އެ ކޯޓުން އަމުރު ކުރި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ބުނި ގޮތުގައި އޭނާގެ ޝަރީއަތް ރިވިއު ކުރަން އެދުމުން ކޯޓަށް ހާޒިރުކޮށް މި މަހު 1 ގައި އޭނާ ދޫކޮށްލަން އަމުރުކޮށްފައިވާ ކަމަށެވެ.
އޭނާ ހިންގި ކަމަށް ތުހުމަތު ކުރެވޭ މާރާމާރީގައި ހަތަރު މީހަކަށް އަނިޔާވި އެވެ. އެއީ އިނގިލި ބުރިވި 39 އަހަރުގެ އަންހެން މީހާ އާއި 74 އަހަރުގެ ފިރިހެނަކާއި އުމުރުން 60 އަދި 31 އަހަރުގެ އަންހެނަކަށެވެ.
އެ ހާދިސާއާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ ފިރިހެން މީހާ ދަތް އަޅައި، އިނގިލި ބުރިކޮށްލީ އޭނާގެ ކުރީގެ އަންހެނުންގެ ދައްތަގެ އެވެ. އަނިޔާވި މީހުންގެ ތެރޭގައި އޭނާގެ ކުރީގެ އަންހެނުން ވެސް ހިމެނެ އެވެ. އެ ފިރިހެން މީހާ މަސައްކަތް ކުރީ އެ ކައިވެންޏަށް ލިބިފައި ތިބި ކުދިން އަތުލުމަށް ކަމަށް ވެސް އޭނާ ބުންޏެވެ.