އިނގިރޭސިންނަށްވުރެ ވެމްބްލީގައި ވެސް މެސީގެ ކާމިޔާބު މާބޮޑު
އިނގިރޭސިންނަށްވުރެ ވެމްބްލީގައި ވެސް މެސީގެ ކާމިޔާބު މާބޮޑު

މިދިޔަ ބުދަ ދުވަހުގެ ރޭ އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމްގައި، ދެކުނު އެމެރިކާ އާއި ޔޫރަޕުގެ ޗެމްޕިއަނުން ކުޅުނު ފައިނަލިސިމާ ކާމިޔާބުކޮށް އާޖެންޓީނާގެ ލިއޮނެލް މެސީ ވަނީ އޭނާގެ ކެރިއަރުގައި އާޖެންޓީނާގެ ސީނިއާ ގައުމީ ޓީމާ އެކު ބައިނަލްއަގުވާމީ މުބާރާތެއް ދެ ވަނަ ފަހަރަށް ކާމިޔާބުކޮށްފަ އެވެ.

އިނގިރޭސިންނަށްވުރެ ވެމްބްލީގައި ވެސް މެސީގެ ކާމިޔާބު މާބޮޑު
އިނގިރޭސިންނަށްވުރެ ވެމްބްލީގައި ވެސް މެސީގެ ކާމިޔާބު މާބޮޑު

މިދިޔަ އަހަރުގެ ކޮޕާ އެމެރިކާ އާއި މިއަހަރުގެ ފައިނަލިސިމާ ކާމިޔާބު ކުރީ މެސީގެ ކެޕްޓަން ކަމުގަ އެވެ. އަދި އޭގެ ކުރިން އެޓީމު އެންމެ ފަހުން ހޯދި ދެ ކާމިޔާބީ؛ ކޮޕާ އެމެރިކާ 1991 އަދި 1993 ވަނަ އަހަރު ޔޫރަޕުގެ ޗެމްޕިއަން ޑެންމާކާ ދެކޮޅަށް ކުޅުނު ޗެމްޕިއަނުންގެ މެޗުގައި ވެސް ޓީމު ލީޑު ކޮށްފައި ވަނީ ލެޖެންޑް ޑިއޭގޯ މަރަޑޯނާ އެވެ.

އިނގިރޭސިންނަށްވުރެ ވެމްބްލީގައި ވެސް މެސީގެ ކާމިޔާބު މާބޮޑު
އިނގިރޭސިންނަށްވުރެ ވެމްބްލީގައި ވެސް މެސީގެ ކާމިޔާބު މާބޮޑު

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އިންގްލެންޑް ބަލިކޮށް އިޓލީން ޗެމްޕިއަންކަން ހޯދި ވެމްބްލީގަ އެވެ. އިންގްލެންޑާ ދެކޮޅަށް ވެމްބްލީގައި އިޓަލީ އަށް ކާމިޔާބު ހޯދުނު ނަމަވެސް، ހަމަ އެދަނޑުގައި ބުދަ ދުވަހުގެ އާޖެންޓިނާ އާ ދެކޮޅަށް އިޓަލީ އަށް މާބޮޑު ކަމެއް ނުކުރެވުނެވެ. މެސީގެ ނުފޫޒާއި އޭނާގެ މޮޅު ކުޅުން ފެނުނު މެޗުގެ 28 ވަނަ މިނިޓުގައި ލައުޓާރޯ މާޓިނޭޒް އާޖެންޓީނާ އަށް ލީޑު ނަގައިދިނީ، މެސީ ތަނަވަސްކޮށްދިން ބޯޅައިންނެވެ.

އިނގިރޭސިންނަށްވުރެ ވެމްބްލީގައި ވެސް މެސީގެ ކާމިޔާބު މާބޮޑު
އިނގިރޭސިންނަށްވުރެ ވެމްބްލީގައި ވެސް މެސީގެ ކާމިޔާބު މާބޮޑު

ފުރަތަމަ ހާފް ނިމުމުގެ ކުރިން މާޓިނޭޒް ދިން ބޯޅައަކުން ލީޑް ފުޅާ ކޮށްދިނީ، ކޮޕާ އެމެރިކާ ފައިނަލުގައި ވެސް ލަނޑު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެންހެލް ޑި މާރިއާ އެވެ. ޑި މާރިއާ މި ލަނޑު ޖެހީ އޭނާ އާއި މެސީ އާއެކު ޕީއެސްޖީ އަށް ކުޅޭ ގޯލްކީޕަރު ގިއާންލުއިޖީ ޑޮނަރުއްމާ ބޯ މަތިން ބޯޅަ ފޮނުވާލައިގެންނެވެ. ކޮޕާ އެމެރިކާ ފައިނަލުގައި ބްރެޒިލް ކޮޅަށް ވެސް ޑި މާރިއާ ޖެހީ ހަމަ އެކަހަލަ ލަނޑެކެވެ.

އިނގިރޭސިންނަށްވުރެ ވެމްބްލީގައި ވެސް މެސީގެ ކާމިޔާބު މާބޮޑު
އިނގިރޭސިންނަށްވުރެ ވެމްބްލީގައި ވެސް މެސީގެ ކާމިޔާބު މާބޮޑު

ދެވަނަ ހާފުގައި މެސީ ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ޑޮނަރުއްމާ ވަނީ ހުޝިޔާރުކަމާ އެކު ހަމަލާތައް ދިފާއު ކޮށްފަ އެވެ. ފަހު ލަނޑު ޖެހީ މެސީ ތަނަވަސްކުރި ފުރުސަތަކުން ޕައޮލޯ ޑިބާލާ އެވެ.

އިނގިރޭސިންނަށްވުރެ ވެމްބްލީގައި ވެސް މެސީގެ ކާމިޔާބު މާބޮޑު
އިނގިރޭސިންނަށްވުރެ ވެމްބްލީގައި ވެސް މެސީގެ ކާމިޔާބު މާބޮޑު

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ މެސީ އެވެ. އަދި މިއާ އެކު އާޖެންޓީނާ އެންމެ ފަހުން ކުޅުނު 32 މެޗުގައި ވެސް ބަލި ވެފައެއް ނުވެ އެވެ. އާޖެންޓީނާ އެންމެ ފަހުންން މެޗަކުން ބަލިވެފައި ވަނީ 2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ސެމީ ފައިނަލުގައި ބްރެޒިލް އަތުންނެވެ. ހަމަ އެއާ އެކު ފައިނަލިސިމާ ޓްރޮފީ އަކީ ކްލަބާއި ގައުމީ ޓީމުގައި، މެސީ ކާމިޔާބުކުރި 40 ވަނަ މުބާރާތެވެ.

މިއީ ވެމްބްލީ ސްޓޭޑިއަމްގައި މެސީ ކުޅުނު ދެވަނަ ފައިނަލެވެ. ފުރަތަމަ ފައިނަލަކީ 2011 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލެވެ. އޭރު އިނގިރޭސި ވިލާތުގެ އެންމެ ކާމިޔާބު ކްލަބް މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ބާސެލޯނާ އަށް ކާމިޔާބު ހޯދައިދީފަ އެވެ. އެ މެޗުގައި މަޝްހޫރު ވޭން ރޫނީ، ޔުނައިޓެޑަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައި ވަނިކޮށް ބާސާ އަށް އަލުން ލިޑް ނަގައިދިނީ މެސީ އެވެ. ބާސާއިން މެޗު ކާމިޔާބު ކުރީ 3-1 ންނެވެ. އެ މެޗުގެ ވެސް މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އޭނާ އެވެ.

ޔުނައިޓެޑުގެ ޑިފެންޑަރު ރިއޯ ފާޑިނަންޑް ވަނީ އޭނާގެ ބައޮގްރަފީގައި އެއަހަރުގެ ފައިނަލުގައި މެސީގެ ކުޅުމަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައިވެ އެވެ.

"އަހަރެމެންނަށް އެއްގޮތަކަށް ވެސް މެސީ އެއް ނުހިފޭއްޓުނު. އޭނާ ކުޅުނީ ވަރަށް ޑީޕް ވެގެން، އެކަމަކު އަހަރެން އޭނާ ފަހާ ދުއްވައިގަނެއްޖެ ނަމަ އެޓީމުގެ މިޑްފީލްޑަރުންނާއި ވިންގުން ކުޅުނު ކުޅުންތެރިންނަށް ބޮޑު ބާގަނޑެއް ހެދޭނެ. އަހަރެން އޭނާ ފަހަތުން ދާން ވީކަމެއް ނުވަތަ ނޫން ކަމެއް އަހަރެންނަކަށް ނުވިސްނުނު،" ފާޑިނަންޑްގެ ބައޮގްރަފީގައިވެ އެވެ.

މީގެ އިތުރުން ޔުނައިޓެޑްގެ ލެޖެންޑަރީ ކޯޗު އެލެކްސް ފާގަސަން ވެސް ވަނީ އެ މެޗުގައި މެސީ ހިފަހައްޓަން ސަމާލުކަން ނުދެވުމުން އެކަމާ އަދިވެސް ދެރަވާ ކަމަށް ބުނެފަ އެވެ.

"ހާފް ޓައިމްގައި އަހަރެން ޖެހޭނެ ބަދަލު ގެނެސް ޕާކް ޖީ ސަން، މެސީ ކައިރިއަށް ޖައްސާލަން. އެކަން ނުވެ ދިޔައީ، އެއީ ހެދުނު ވަރަށް ބޮޑު ގޯހެއް. ހާފް ޓައިމް ވަނިކޮށް އަހަރެމެން އެ މެޗުގައި އެއްވަރު ކުރެވުނީމާ އަހަރެން ހިތަށް އެރީ، ބާކީ ބައިގައި އަދި ރަނގަޅު ވާނެއޭ،" ފާގަސަން ބުނެފައިވެ އެވެ.

"މެޗުގެ ފަހު 10 މިނިޓުގައި (އެއްވަރުކުރި ގޯލަށް ފަހު) އަހަރެމެން ވަރަށް ރަނގަޅަށް ކުޅުނީ. ލީޑު ނަގަން ވެސް ފުރުސަތު ލިބުނު. އެކަމަކު އަދިވެސް ހިތަށް އަރާ މެސީ ހިފަހައްޓަން ޕާކްގެ ބޭނުން ކުރެވުނު ނަމައޭ،" އެހެން ނަމަވެސް ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ޕާކް ޖީ ސަން އަށް ވެސް އެ މެޗުގައި މެސީ ހުއްޓުވުން ވީހީ އުނދަގޫ ކަމަކަށެވެ.

އޭގެ ފަހުން 2018/19 ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ވެސް މެސީ ވަނީ ވެމްބްލީގައި ކުޅެފަ އެވެ. އެ ސީޒަނުގައި ޓޮޓެންހަމް ހޮޓްސްޕާގެ ދަނޑު ހަދަން ވެގެން ހޯމް ސްޓޭޑިއަމަކަށް ބޭނުން ކުރީ ވެމްބްލީ ސްޓޭޑިއަމް އެވެ. އެފަހަރު އިންގްލެންޑުގައި ބާސެލޯނާ ކުޅުނު މެޗު އެޓީމު ކާމިޔާބުކުރީ 4-2 އިންނެވެ. އެފަހަރު އާނެސްޓޯ ވެލްވާޑޭގެ އިރުޝާދުގެ ދަށުން ކުޅުނު ބާސެލޯނާގެ ފަހު ދެ ލަނޑު ޖެހީ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު މެސީ އެވެ.

އިދިކޮޅުން ކުޅުނު ޓޮޓެންހަމްގެ ކޯޗަކަށް ހުރީ މިހާރު ޕީއެސްޖީގައި މެސީ އަށް އިރުޝާދު ދޭ މައުރީސިއޯ ޕޮޗެޓީނޯ އެވެ. މެޗުގެ ކުރިން އޭނާ މެސީ ހުއްޓުވާނެ ގޮތް، މީޑިއާގައި ވާހަކަ ދައްކަމުން ކިޔައިދިން ނަމަވެސް މެޗުގައި އޭނާގެ ކުޅުންތެރިންނަށް މެސީ ހުއްޓުވުމުގައި ކާމިޔާބެއް ނުވި އެވެ. އެ މެޗު ވެސް މެސީ ނިންމާލީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާ އެކު އެވެ.

މެސީ ގެ ކެޕްޓަން ކަމުގައި މިދިޔަ އަހަރު އާޖެންޓީނާ އިން ވަނީ ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން ހޯދަން އެގައުމުން ކުރި 30 އަހަރުގެ ދިގު އިންތިޒާރަށް ނިމުމަކަށް ގެނެސްފަ އެވެ.

މީގެ ކުރިން މެސީ ވަނީ އާޖެންޓީނާއާ އެކު އެތައް ފަހަރަކު ބައިނަލްއަގުވާމީ ތައްޓެއް ހޯދަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ކޮޕާ އެމެރިކާގެ ކާމިޔާބާ ހަމައަށް ދެވުނީ ތިން ފަހަރު ފައިނަލުން ބަލިވެގެންނެވެ. މީގެ އިތުރުން 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލަށް ވެސް މެސީ ވަނީ އާޖެންޓީނާ ގެންގޮސް ދީފަ އެވެ. މެސީއާ އެކު ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ޑި މާރިއާ އަށް ކުއާޓާ ފައިނަލުގައި ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ އަށް އެހިސާބުން މުބާރާތް ނިންމާލަން ޖެހުނެވެ.

ކުއާޓާ ގައި އާޖެންޓީނާ އިން ބެލްޖިއަމް މޮޅުވި ލަނޑު ޖަހަން ގޮންޒާލޯ ހިގައިން އަށް ފުރުސަތު ތަނަވަސް ކޮށްދިނީ އޭނާ އެވެ. އަދި ކޮކައުޓް ފުރަތަމަ ބުރުގައި ސްވިޒަލެންޑް ކޮޅަށް މޮޅުވި ލަނޑު އޭނާ ޖެހީ މެސީގެ ޕާހަކުންނެވެ. ފައިނަލުގައި ޖަރުމަން އަތުން އިތުރު ވަގުތުގައި 1-0 އިން ބަލިވި ނަމަވެސް އެފަހަރު މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެސީ އެވެ.

މިއަހަރު ނޮވެމްބަރު މަހު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަކީ މިއަހަރު ގަތަރުގައި ބާއްވާ މުބާރަތަކީ އުމުރުން 34 އަހަރުގެ ފޯވާޑް ކުޅޭނެ އެންމެ ފަހު ވޯލްޑް ކަޕަށް ވުން ވެސް އެކަށީގެން ވެއެވެ. އޭނާ ވަނީ މިއަހަރުގެ ވޯލްޑް ކަޕަށް ފަހު އާޖެންޓީނާ ގައުމީ ޓީމުން ރިޓަޔާ ކޮށްފާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ.

ފައިނަލިސިމާ ކާމިޔާބު ކުރުމަށް ފަހު މެސީ ބުނީ އާޖެންޓީނާއަކީ ވޯލްޑް ކަޕުގެ ފޭވަރިޓުން ގޮތުގައި އޭނާ ނުދެކޭނެ ކަމަށެވެ. ނަމަވެސް އިޓަލީއާ ދެކޮޅަށް ހޯދި ކާމިޔާބާ އެކު އާޖެންޓީނާގެ މިހާރު އޮތް ސްކޮޑާ އެކު ކޮންމެ ޓީމަކާ ދެކޮޅަށް ކުޅެން ޖެހުނުކަމުގައި ވިއަސް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް އޭނާ ބުނެފައި ވެއެވެ.

"އަހަރެން އަދިވެސް ނުބުނާނަން އާޖެންޓީނާއަކީ ފޭވަރިޓުންނެކޭ އެކަމަކު އަހަރެމެންނަށް ކޮންމެ ޓީމަަކާ ދެކޮޅަށް ވެސް ރަނގަޅު ފައިޓެއް ދެވޭނެ، އެއީ މި ޓީމާ މެދު ވަރަށް އުންމީދި ކުރެވޭ، މި ޓީމުގެ އަމާޒެއް އެބަ އޮތް. އަދިވެސް މަސައްކަތް ކުރަންވީ، ސެޕްޓެމްބަރުގައި ހުންނާނެ މުހިއްމު މެޗުތަކެއް، ދެން ޖެހޭނީ ވޯލްޑް ކަޕުގައި ރަނގަޅު ކުރަން،" ހަތް ފަހަރު ބެލޮންޑިއޯ ކާމިޔާބު ކޮށްފައިވާ މެސީ ބުންޏެވެ.

އެންހެލް ޑި މާރިއާ ވަނީ ވޯލްޑް ކަޕަށް ފަހު އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެކަން އިއުލާން ކޮށްފަ އެވެ. މެސީއާ އެކު ޕީއެސްޖީ އަށް ކުޅޭ ޑި މާރިއާ މި ސީޒަނަށް ފަހު ކޮންޓްރެކްޓް ހަމަވެ، ހަތް އަހަރަށް ފަހު ޕީއެސްޖީ ދޫކޮށްލަން ވަނީ ނިންމައިފަ އެވެ. އިޓަލީގެ ޔުވެންޓަސް އިން އަންނަނީ ކުރިއަށް އޮތް ދެ ސީޒަނަށް ޑި މާރިއާ އެޓީމަށް ގެންދަން އޮފާކޮށްފަ އެވެ.