ޓީޒާއަކާ އެކު ޝާހުގެ "ޖަވާން" އިއުލާންކޮށްފި
ޓީޒާއަކާ އެކު ޝާހުގެ "ޖަވާން" އިއުލާންކޮށްފި

ބޮލީވުޑްގެ ތަރި ޝާހްރުކް ހާންގެ އިތުރު ފިލްމެއް އިއުލާންކޮށްފި އެވެ.

އަނަންދު އެލް ރާއީ ޑައިރެކްޓްކޮށް 2018 ގައި ނެރުނު ފިލްމު، "ޒީރޯ" ފްލޮޕްވުމުން ޝާހު އޭރު ނެގީ ފިލްމީ ދާއިރާއިން ބްރޭކެކެވެ. ތިން އަހަރު ފަހުން ފިލްމީ ދާއިރާއަށް އެނބުރި އައި ގޮތަށް މިހާރު އުޅެނީ ވަރަށް އަވަދިނެތި އެވެ.

"ޖަވާން" ގެ ނަން ދީފައިވާ ފިލްމު ސޯޝަލް މީޑިއާގައި އިއްޔެ އިއުލާންކުރީ ޝާހު އެވެ. އެއް މިނެޓާއި ތިރީސް ސިކުންތުގެ ޓީޒާގައި ފެންނަނީ ޝާހުގެ މޫނުމައްޗަށް ވަރަށް ބޮޑަށް އަނިޔާވެ، ބެންޑޭޖް އަޅާފައި ހުއްޓަ އެވެ.

ފިލްމު އާންމުކޮށް، ޝާހު ބުނި ގޮތުގައި ފަސް ބަހަކުން ނެރޭ މި ފިިލްމަކީ އެކްޝަން އެކެވެ. ހިންދީގެ އިތުރުން ތަމަޅަ އާއި ތެލޫގޫ އާއި މަލަޔާލަމް އަދި ކަންނަޑާ ބަހުން އެ ފިލްމު ނެރޭނެ އެވެ.

ދެކުނު އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު އަތުލީ ކުމާރު ޑައިރެކްޓްކުރާ މި ފިލްމު ނެރޭ ގޮތަށް އޮތީ އަންނަ އަހަރުގެ ޖޫން ދޭއްގަ އެވެ. މިއީ އޭނާގެ ފިލްމެއްގައި ޝާހު މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

ޝާހުއާ އެކު އެ ފިލްމުގެ ލީޑު ރޯލުގައި އުޅެނީ ދެކުނު ފިލްމުތަކުން ފެނިގެންދާ، ނަޔަންތްރާ އެވެ. އަދި ސަނާޔާ މަލޯތްރާ ވެސް ފެންނާނެ އެވެ.

އެ ފިލްމުގައި ޝާހު ކުޅޭނީ ޑަބަލް ރޯލެކެވެ.

އަންނަ އަހަރު ޝާހުގެ އިތުރު ދެ ފިލްމެއް ވެސް އެބަ އޮތެވެ. އެއީ ސިދާތު އަނަންދު ޑައިރެކްޓްކޮށް ނެރޭ "ޕަތާން" އެވެ. ޖުނުއަރީ 25 ގައި އެ ފިލްމު ރިލީޒްކުރަން އޮތްއިރު ފިލްމުން ދީޕިކާ ޕަދުކޯނާއި ޖޯން އަބްރަހަމް ވެސް ފެންނާނެ އެވެ. އަދި ރާޖް ހިރާނީ ޑައިރެކްޓްކޮށް އަންނަ އަހަރުގެ ޑިސެމްބަރުގައި ނެރޭ ފިލްމު "ދުންކީ" އިން ވެސް ޝާހު ފެންނާނެ އެވެ.