03 ޖޫން 2022 - 20:03

މެންޗެސްޓާ (ޖޫން 3) - ޔޫއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައި ނުވިއަސް އަންނަ ސީޒަނުގައި ވެސް މެންޗެސްޓާ ޔުނައިޓެޑުގައި މަޑުކުރަން ވައުދުވެފައިވާނެ ކަމަށާއި، އާ ކޯޗު އެރިކް ޓެން ހަގްއާ އެކު ކާމިޔާބު ހޯދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑާ އެކު ފުރަތަމަ ހަ ސީޒަނަށް ފަހު 2009 ވަނަ އަހަރު ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވީ އޭރުގެ ރެކޯޑް ފީއަކަށް؛ 80 މިލިއަން ޕައުންޑް (94 މިލިއަން ޔޫރޯ) އަށެވެ. އޭގެ ފަހުން އިޓަލީގެ ޔުވެންޓަސް އަށް ވެސް ކުޅުމަށް ފަހު ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް ބަދަލުވީ މިދިޔަ އޮގަސްޓް މަހު، ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ބޭނުން ނަމަ އިތުރު އެއް އަހަރަށް މުއްދަތު އިތުރު ކުރުމުގެ ފުރުސަތު ވެސް ދީފައިވެ އެވެ.
ނިމިދިޔަ ސީޒަނަކީ ޕްރިމިއާ ލީގުގެ ތާރީހުގައި މެންޗެސްޓާ ޔުނައިޓެޑް އެންމެ މަދުން ޕޮއިންޓް ހޯދި ސީޒަނެވެ. ފަންސާސް އަށް ޕޮއިންޓާ އެކު ހަވަނައިގައި ނިންމި ޔުނައިޓެޑް އަންނަ ސީޒަނުގައި ކުޅޭނީ ޔޫރޮޕާ ލީގެވެ. އަދި އަންނަ ސީޒަން ވާނީ ކްރިސްޓިއާނޯ ރޮނާލްޑޯ 2003/04 ގައި ފުރަތަމަ ޔުނައިޓެޑަށް ބަދަލުވި ފަހުން ޗެމްޕިއަންސް ލީގުގައި ނުކުޅޭނެ ފުރަތަމަ ސީޒަނަށެވެ.
މިއާ އެކު ވެސް ރޮނާލްޑޯ ހުރީ އަންނަ ސީޒަނުގައި ޔުނައިޓެޑާ އެކު ކާމިޔާބު ހޯދައި އަލުން ކުލަބުގެ އަސްލު މަގާމަށް ގެންގޮސްދޭން ތައްޔާރަށް ކަމަށް، އޭނާ ވަނީ މިއަދު ކުލަބުގެ ރަސްމީ ވެބްސައިޓުގައި އާއްމުކުރި އިންޓަވިއުއެއްގައި ބުނެފަ އެވެ.
"ހަގީގަތުގައި އަހަރެންގެ ކެރިއަރު ބިނާ ކޮށްދިން ކުލަބަށް އަލުން އެނބުރި އާދެވުމުން ވަރަށް އުފާވޭ. އަހަރެން އެނބުރި އައުމުން ސަޕޯޓަރުންގެ އުފާވެރިކަން ފެނިފައި ވަރަށް ހިތްހަމަ ޖެހުނު،" ރޮނާލްޑޯ ބުންޏެވެ.
"އަހަރެންނަށް އެންމެ މުހިންމު ކަމަކީ މެޗުތައް ކާމިޔާބުކޮށް މުބާރާތްތައް ކާމިޔާބު ކުރަން މަސައްކަތް ކުރުން. އަހަރެން ގަބޫލުކުރާ ގޮތުގައި މެންޗެސްޓާ ޔުނައިޓެޑް އަބަދުވެސް އޮންނަން ވާނީ ކުލަބުގެ އަސްލު މަގާމުގައި. ބައެއް ފަހަރު ވަގުތު ނަގާނެ، ނަމަވެސް އަދިވެސް ގަބޫލުކުރަން."
މިދިޔަ ސީޒަނުގައި ލީގުގައި 18 ގޯލު ޖެހި ރޮނާލްޑޯ ވަނީ ސީޒަނުގައި 24 ލަނޑު ޖަހައިފަ އެވެ. އަދި އޭނާ ވަނީ ޕީއެފްއޭ ޕްލޭޔާ އޮފް ދަ އިޔާ އެވޯޑަށް ވެސް ނޮމިނޭޓްވެފަ އެވެ. އާ ކޯޗު ޓެން ހަގް ޔުނައިޓެޑާ ހަވާލުވީ އަޔެކްސްއާ އެކު ތިން ސީޒަނުގައި ނެދަލެންޑްސް ލީގު ކާމިޔާބުކޮށްފަ އެވެ. ރޮނާލްޑޯ ވަނީ މީގެ ކުރިން ވެސް ޓެން ހަގް އަށް ޔުނައިޓެޑުގައި ކާމިޔާބު ހޯދަން އެކަށޭނަ ވަގުތު ދޭން ޖެހޭނެ ކަމަށް ބުނެފަ އެވެ.
"އޭނާ (ޓެން ހަގް) ވަނީ އަޔެކްސްއާ އެކު މޮޅު މަސައްކަތެއް ކޮށްފައި، އެއީ ތަޖުރިބާކާރު ކޯޗެއް. އެކަމަކު އޭނާ ބޭނުންވާ ގޮތަށް ޓީމު ބައްޓަން ކުރަން ވަގުތު ދޭން ޖެހޭނެ،" ރޮނާލްޑޯ ބުނެފައި ވެއެވެ.
"ހަމައެކަނި ކުޅުންތެރިއެއްގެ ހައިސިއްޔަތަކުން ނޫން، ސަޕޯޓަރުންގެ ގޮތުގައި ވެސް މިތިބީ އުފަލުން. އަހަރެން އޭނާއަށް ކާމިޔާބަށް އެދެން. އަދި ގަބޫލުކުރަނީ އަންނަ އަހަރު އަހަރެމެންނަށް ޓްރޮފީތަކެއް ހޯދޭނެ ކަމަށް."
މި ސީޒަނުގައި ކޮންޓްރެކްޓް ހަމަވެގެން އެޓީމުގެ ޕައުލް ޕޮގްބާ އާއި ޖެސީ ލިންގާޑް އަދި ހުއާން މަޓާ ވަނީ ޓީމު ދޫކޮށްލައިފަ އެވެ. މިއާ އެކު ޔުނައިޓެޑުން އަންނަނީ ޓެން ހަގްއާ އެކު އަޔެކްސް ޗެމްޕިއަންސް ލީގު ސެމީ ފައިނަލަށް ދަތުރު ކުރި ޓީމުގައި މުހިއްމު ދައުރެއް އަދާ ކުރި މިޑްފީލްޑަރު، މިހާރު ބާސެލޯނާ އަށް ކުޅޭ ފްރެންކީ ޑި ޔޮންގް ހޯދަން މަސައްކަތް ކުރަމުންނެވެ.
ބާސެލޯނާއަށް އަލަށް ސޮއިކުރި އޭސީ މިލާނުގެ ފްރޭންކް ކެސިއޭ އާއި ޗެލްސީގެ އަންޑްރެސް ކްރިސްޓިއެންސެން ޓީމުގައި ހިމަނަން އެކުލަބަށް ވަނީ ކުޅުންތެރިންގެ މުސާރަ ވަރަށް ބޮޑުތަނުން ކުޑަކުރަން ޖެހިފަ އެވެ. އެޓީމުން ގާތްގަނޑަކަށް 85 މިލިއަން ޔޫރޯ އަށް ޑި ޔޮންގް ވިއްކަން އަގު ކަނޑައަޅާފައި ވިޔަސް އޭނާ އަދިވެސް ބޭނުމީ ބާސެލޯނާގައި މަޑުކުރާށެވެ. އަދި އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅެން ވެސް ޑި ޔޮންގް ބޭނުންވެ އެވެ.
ޔުނައިޓެޑުގެ އެކަޑަމީން ގްރެޖުއޭޓް ވެގެން ސީނިއާ ޓީމުގައި ކުޅެން ފެށި ޕޮގްބާގެ ކޮންޓްރެކްޓް ހަމަވެގެން މީގެ ކުރިން އޭނާ ވަނީ ހިލޭ ޓްރާންސްފާގައި އިޓަލީގެ ޔުވެންޓަސްއާ އެކު ތަފާތު ދައްކައިފަ އެވެ. ނަމަވެސް އޭރުގެ ރެކޯޓް ފީއެއް ކަމަށްވާ 89.3 މިލިއަން ޕައުންޑަށް އަލުން ޔުނައިޓެޑަށް ބަދަލުވެ އޭނާ އަށް ވަނީ އެންމެ ރަނގަޅު ކުޅުން ނުދެއްކިފަ އެވެ. އަދި ޔުވެންޓަސް އިން އަނެއްކާވެސް އަންނަނީ ހިލޭ ޓްރާންސްފާގައި، ތިން ސީޒަނަށް، އަށް މިލިއަން ޔޫރޯގެ މުސާރައަކަށް ޕޮގްބާ އެޓީމަށް ގެންދަން މަސައްކަތް ފަށައިފަ އެވެ.