އެންބީއޭގެ ލެޖެންޑް ލެބްރޯން ޖޭމްސް ބިލިއަނަރަކަށް
އެންބީއޭގެ ލެޖެންޑް ލެބްރޯން ޖޭމްސް ބިލިއަނަރަކަށް

ލޮސް އެންޖެލެސް (ޖޫން 3) - އެމެރިކާގެ ބާސްކެޓްބޯޅަ ލެޖެންޑް ލެބްރޯން ޖޭމްސް އަކީ ދުނިޔޭގެ ފުރަތަމަ ބާސްކެޓްބޯޅަ ބިލިއަނަރު ކަމަށް އެ ގައުމުގެ ވިޔަފާރި މެގަޒިން ފޯބްސް އިން ބުނެފި އެވެ.

އެންބީއޭގެ ލެޖެންޑް ލެބްރޯން ޖޭމްސް ބިލިއަނަރަކަށް
އެންބީއޭގެ ލެޖެންޑް ލެބްރޯން ޖޭމްސް ބިލިއަނަރަކަށް

ކުރީގެ ބާސްކެޓްބޯޅަ ލެޖެންޑް މައިކަލް ޖޯޑަންސް އަކީ ވެސް ބިލިއަނަރެކެވެ. ނަމަވެސް އޭނާ ބިލިއަނަރަކަށްވީ ޕްރޮފެޝަނަލް ބާސްކެޓްބޯޅަ ކުޅުން ހުއްޓާލިތާ 11 އަހަރު ފަހުން؛ 2014 ގަ އެވެ. އެކަމަކު ލެބްރޯން ޖޭމްސް ވެފައި ވަނީ ބިލިއަނަރުނެގެ ލިސްޓުން ޖާގަ ހޯދި ފުރަތަމަ ޕްރޮފެޝަނަލް ބާސްކެޓްބޯޅަ ކުޅުންތެރިޔާ އަށެވެ.

ފޯބްސް އިން ހާމަކުރާ ގޮތުގައި މިދިޔަ އަހަރު ޖޭމްސް ވަނީ 121.2 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފަ އެވެ. ޖޭމްސް އަށް ވުރެ ބޮޑު އާމްދަނީއެއް މިދިޔަ އަހަރު ލިބުނު ކުޅިވަރު އެތުލީޓަކީ އާޖެންޓީނާގެ ފުޓުބޯޅަ ތަރި ލިއޮނެލް މެސީ އެވެ. އޭނާ އަށް ވަނީ މިދިޔަ އަހަރު 130 މިލިއަން ޔޫއެސް ޑޮލަރު ލިބިފަ އެވެ.

ލޮސް އެންޖެލަސް ލޭކާސް އަށް ކުޅޭ މިހާރު އުމުރުން 37 އަހަރުގެ ޖޭމްސްގެ 19 އަހަރުވީ ކެރިއަރުގައި އެންބީއޭ ޕްލޭއޮފްސް އަށް ނުހޮވި ދިޔައީ ހަތަރު ސީޒަނުގަ އެވެ. އޭނާ ވަނީ ހަތަރު އެންބީއޭ ޗެމްޕިއަންޝިޕާއި ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަތަރު ފަހަރު ހޯދުމުގެ އިތުރުން 18 ސީޒަނުގައި އެންބީއޭ އޯލްސްޓާ ޓީމުގައި ހިމެނިފަ އެވެ. މީގެ އިތުރުން އޮލިމްޕިކްސްގައި ދެ ރަން މެޑަލް ވެސް އޭނާ ވަނީ ހޯދައިފަ އެވެ.

"އެއީ އަހަރެންގެ ވަރަށް ބޮޑު މަގްސަދެއް. އަހަރެންގެ ވިޔަފާރިތައް ވަރަށް ކުރިއަށް ޖައްސާލަން ބޭނުންވޭ. ބިލިއަން ޑޮލަރުގެ އެތުލީޓަަކަށް ވެވިއްޖެއްޔާ ވަރަށް އުފާ ވާނެ،" ކުރިމަގުގައި އެންބީއޭ ޓީމެއް ގަންނަން ބޭނުންވާކަން ހާމަކޮށްފައިވާ ޖޭމްސް، 2014 ވަނަ އަހަރު އެމެރިކާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.

ބާސްކެޓްބޯޅައިގެ އިތުރުން ޖޭމްސް އެންމެ ބޮޑު އާމްދަނީއެއް ހޯދަނީ އޭނާގެ ވިޔަފާރިތަކުންނެވެ. ޓެކްސް ފައިސާއާ ލައިގެން 1.2 ބިލިއަން ޑޮލަރު އޭނާގެ މިލްކިއްޔާތުގައި ހުރި ކަމަށް ފޯބްސް އިން ހާމަކުރާ އިރު، ކްލީވްލެންޑް ކަވަލިއާސް އާއި މަޔާމީ ހީޓް އަދި ލޭކާސް އިން 385 މިލިއަން ޑޮލަރަށް ވުރެ ގިނަ އާމްދަނީއެއް ލިބިފައިވާކަމަށް ފޯބްސް އިން ބުނެ އެވެ. އަދި ކޯޓުން ބޭރުގައި އެހެނިހެން ވިޔަފާރިތަކުން 900 މިލިއަން ޑޮލަރު ހޯދާފައިވާ ކަމަށް ހާމަކޮށްފައިވެ އެވެ.

އުމުރުން 18 އަހަރުގައި ރީބޮކް އާއި އެޑިޑާސްގެ ހުށަހެޅުންތަކަށް ފުރަގަސްދީ އޭނާގެ ފުރަތަމަ ޕާޓްނާޝިޕް އެގްރީމަންޓުގައި ސޮއިކުރީ މަޝްހޫރު ނައިކީ ކުންފުންޏާ އެކު އެވެ. އަދި 2015 ވަނަ އަހަރު ނައިކީއާ އެކު ވެވުނު ލައިފްޓައިމް އެގްރީމަންޓާ އެކު އެ ކުންފުނިން އޭނާ އަށް އަހަރަކު 10 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބެ އެވެ. މީގެ އިތުރުން 2012 ވަނަ އަހަރު އޭނާ ވަނީ މުޅިން އާ ޕިއްޒާ ފްރެންޗައިޒްއެއް ކަމަށްވާ ބްލޭޒް ޕިއްޒާގެ 10 ޕަސެންޓް ހިއްސާ އެއް މިލިއަން ޑޮލަރަށް ވުރެ ކުޑަކޮށް ގަނެފަ އެވެ. ފޯބްސް އިން ހާމަކުރާ ގޮތުގައި މިހާރު އެ ކުންފުންޏަކީ 30 މިލިއަަން ޑޮލަރުގެ އަގުހުރި ކުންފުންޏެކެވެ. އަދި އޭނާ ވަނީ 2015 ވަނަ އަހަރު، މެކް ޑޮނަލްޑްސްއާ އެކު ހަތަރު އަހަރަށް، އަހަރަކު 15 މިލިއަން ޑޮލަރު ލިބޭ ޑީލެއް ވެސް ދޫކޮށްލައިފަ އެވެ.

އަމިއްލަ ޕްރޮޑަކްޝަން ކޮމްޕެނީއެއް އުފައްދައި ލެބްރޯން ޖޭމްސް ވަނީ ކުޅިވަރު ފިލްމުތަކާއި ސީރީޒް އަދި ޑޮކިއުމެންޓްރީތަކުން ވެސް ބޮޑު ފައިދާއެއް ހޯދައިފަ އެވެ. އަދި އޭނާ ވަނީ 725 މިލިއަން ޑޮލަރަށް އެ ކުންފުނީގެ މައިނޯރިޓީ ހިއްސާ ވިއްކާލައިފަ އެވެ. ހަމަ އެއާ އެކު ދާދި ފަހުން އޭނާ ވަނީ ލިވަޕޫލްގެ މިލްކުވެރި ކުންފުނި ކަމަށްވާ އެމެރިކާގެ ފެންވޭ ސްޕޯޓްސް ގުރޫޕުގެ އެއް ޕަސެންޓް ހިއްސާ ވެސް ގަނެފަ އެވެ.

ލެބްރޯން ޖޭމްސްގެ އުފަން ސިޓީ ކަމަށްވާ، އެމެރިކާގެ އޮހާޔޯ ސްޓޭޓްގެގެ އެކްރޮންގައި އޭނާ ވަނީ 10 މިލިއަން ޑޮލަރުގެ ގެއެއް ބިނާ ކޮށްފަ އެވެ. އަދި ލޮސް އެންޖެލަސް އިން އޭނާ ވަނީ ޖުމްލަ 60 މިލއަން ޑޮލަރަށް ދެ ގެއެއް ގަނެފަ އެވެ. ހަމަ އެއާ އެކު އެކްރޮން ސިޓީގައި އޭނާ ވަނީ ސްކޫލެއް އަޅައިދީ، އާއިލާ ތަކާއި ކުޑަކުދިންނަށް ބޯހިޔާވަހިކަން ހޯދައިދޭން ކޮމިއުނިޓީ ސެންޓަރެއް ވެސް ގާއިމު ކޮށްފަ އެވެ.