03 ޖޫން 2022 - 15:56

ބްރޯޑްބޭންޑް އިންޓަނެޓް މާކެޓުގައި ވާދަވެރިކަން އިތުރުކުރުމަށާއި، އޮންލައިންކޮށް ހިދުމަތްތަކުގެ ރައްކާތެރިކަން އިތުރުކޮށް ޑިޖިޓަލް ޓެކްނޮލޮޖީތަކާއި ޑޭޓާ އަދި އެނެލިޓިކްސް ބޭނުންކުރުމަށް އެހީތެރިވުމަށް، 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ދޭން ވޯލްޑް ބޭންކުގެ އެގްޒެކްޓިވް ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.
އެ ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފުޅާވެފައި އޮތަސް، ރަށްރަށުގައި އިންޓަނެޓްގެ ހިދުމަތް ލިބުމުގައި ގޮންޖެހުންތަކެއް އެބަހުއްޓެވެ. ޑިޖިޓަލް އިންފްރާސްޓްރަކްޗާ އާއި ޕްލެޓްފޯމްތަކުގައި ހުރި ފަރަގުތަކުގެ ސަބަބުން ދިވެހިންނަށް އިންޓަނެޓުގެ ބޭނުން ހިފައި، ދައުލަތުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުން ފޯރުކޮށްދޭ ގިނަ ހިދުމަތްތަކެއް ރައްކާތެރިކަމާ އެކު ލިބިގަތުމަށް ދަތިތަކެއް ހުރިކަމަށް ވެސް ވޯލްޑް ބޭންކުން ބުނެފައިވެ އެވެ.
ވާލްޑް ބޭންކުން ރާއްޖެ، ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި ތަރައްގީ ހާސިލްކޮށް މިހާރަށް ވުރެ ރަނގަޅު އިގްތިސާދެއް ބިނާކުރަން ރާއްޖެއަށް އާ ފުރުސަތުތަކެއްގެ ބޭނުން ކުރެވިދާނެ ކަމަށެވެ.
"ޑިޖިޓަލް ރާއްޖެއަކަށް ބަދަލުވަމުންދާ ދިއުން އިތުރަށް ހަލުވިވެ، އޮންލައިންކޮށް ފައިސާ ދެއްކޭ ނިޒާމުތަކާއި ސިއްހީ ހިދުމަތްތައް އޮންލައިންކޮށް ހޯދުމާއި އޮންލައިންކޮށް ކިޔަވައިދިނުން ފަދަ އާ ޑިޖިޓަލް ޕްލެޓްފޯމްތަކާއި އެޕްލިކޭޝަންތައް އުފެދުން ވަނީ އިތުރުވެފައި،" އޭނާ ވިދާޅުވި ކްމަށް ބަޔާނުގައި ވެއެވެ.
ވޯލްޑް ބޭންކްގެ އެހީގައި އަލަށް ފަށާ 'ޑިޖިޓަލް މޯލްޑިވްސް ފޯ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަސިފިކޭޝަން ޕްރޮޖެކްޓް'ގެ ދަށުން، ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ފުޅާކުރާނެ އެވެެ. އިންޓަނެޓު ހިދުމަތް ދޭން ބޭނުންކުރާ އިންފްރަސްޓްރަކްޗާ އާއި ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް ބޭނުންވާ ގާނޫނީ އަދި އިދާރީ އޮނިގަނޑުތައް ހަރުދަނާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ މީހުންގެ އިތުރުން، ހުރި ވިޔަފާރިތަކަށާއި ސަރުކާރުގެ އިދާރާތަކަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކޮމިއުނިކޭޝަން އޮތޯރިޓީ އާއި ނޭޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީގެ ގާބިލުކަން ހަރުދަނާކުރަން ވޯލްޑް ބޭންކްގެ އެހީ ބޭނުން ކުރާނެ އެވެ.