29 ޑިސެމްބަރ 2016 - 06:21

ޖިންސީ ދުޅަހެޔޮކަމާއި އުފަންވެނި ސިއްހަތަކީ މީހެއްގެ ދިރިއުޅުމުގެ އެންމެ މުހިއްމު އެއް ބައި ކަމަށް ވިޔަސް، ބައެއް ގައުމުތަކުގައި، މިއީ ދައްކަން ނުކެރޭ ނުވަތަ ދައްކައިގެން ނުވާނެ ކަމަށް ގަބޫލުކުރެވިފައި އޮންނަ ވާހަކައެކެވެ. ރާއްޖޭގައި ވެސް މި ކަން އޮތީ މި ގޮތަށެވެ. އެކަމަކު މި މައުލޫމާތުތަކަކީ ކޮންމެ މީހަކަށް ވެސް ލިބެން ޖެހޭ ހައްގެއްގެ ގޮތުގައި ބައިނަލްއަގުވާމީ ފަރާތްތަކުން ދަނީ ވަކާލާތުކުރަމުންނެވެ. ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް ވަނީ އެކަން ބަލައިގެންފަ އެވެ.
ޖިންސީ ދުޅަހެޔޮކަމާއި އުފަންވެނި ސިއްހަތާ ބެހޭ ގޮތުން މައުލޫމާތު ދިނުން ނުވަތަ "ސެކްޝުއަލް އެންޑް ރީޕްރޮޑަކްޓިވް ހެލްތު (އެސްއާރުއެޗް) އެޑިއުކޭޝަން"ގެ ހާލަތު ރާއްޖޭގައި އޮތް ގޮތް އެޗްއާރުސީއެމުން ވަނީ ދިރާސާކޮށްފަ އެވެ. އެ ދިރާސާގެ ރިޕޯޓް މި މަހު 8ގައި ނެރުނު އިރު އެއް ކަމެއް ޔަގީންވި އެވެ؛ މި މައުލޫއުއާ މެދު ޒުވާނުންގެ ހޭލުންތެރިކަން ވަރަށް ކުޑަ އެވެ.
"މި ދިރާސާގައި ބައިވެރިވި ފުރާއުމުރުގެ ގިނަ ޒުވާނުން/ކުދިންނަށް އެސްއާރްއެޗްއާ ބެހޭ ގޮތުން އެންމެ އާދައިގެ މައުލޫމާތު ވެސް ލިބިފައެއް ނުވޭ. މިއީ އާބާދީގައި ހިމެނޭ މި އުމުރުފުރާގެ އެންމެންގެ ހާލަތު ހުރި ގޮތް ކަމަށް ބުނެވިދާނެ،" އެޗްއާރުސީއެމްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ދިރާސާ އަށް ފަހު އެ ކޮމިޝަނުން ސަރުކާރަށް ލަފާދީފައިވާ ކަންކަމުގެ ތެރޭގައި ޖިންސީ ދުޅަހެޔޮކަމާއި އުފަންވެނި ސިއްހަތު ވަކި މާއްދާއެއްގެ ގޮތުގައި ތައާރަފްކޮށް ސްކޫލްތަކުގައި ކިޔަވައިދިނުން ހިމެނެ އެވެ.
ޖިންސީ ދުޅަހެޔޮކަމާއި އުފަންވެނި ސިއްހަތު ނުވަތަ އެސްއާރްއެޗްގެ ވާހަކަ ދައްކައިގެން ނުވާނެ ކަމަށް ރާއްޖޭގައި ގަބޫލުކުރެވިފައި އޮތުމަކީ މީހުންނަށް، ޚާއްސަކޮށް ޒުވާނުންނަށް، ރަނގަޅު މައުލޫމާތު ލިބުމަށް އޮތް ހުރަހެއްކަން އދ.ގެ އާބާދީ ޖަމްއިއްޔާ ޔޫއެންއެފްޕީއޭ އިން ފާހަގަކުރެ އެވެ.
"މީގެ ސަބަބުން ޒުވާނުންނަށް ވަނީ މިހާރު ލިބެން ހުރި އެސްއާރްއެޗް ޚިދުމަތްތައް ހޯދާނެ ހިތްވަރު ވެސް ނުލިބިފައި. އަދި އެއަށް ވުރެ ވެސް ބޮޑަށް، ޖިންސީ އަދި އިޖުތިމާއީ ގުޅުންތަކުގައި ޒިންމާދާރުކަމާ އެކު ގޮތް ޚިޔާރުކުރަން ބޭނުންވާ މައުލޫމާތާއި ހުނަރާއި އަގުތައް (ވެލިއުސް) ލިބިގަތުމުގެ ފުރުސަތެއް އެ މީހުންނަކަށް ނެތް،" ޔޫއެންއެފްޕީއޭގެ ވެބްސައިޓުގައި މި މަހު ޝާއިއުކުރި ލިޔުމެއްގައި ބުނެފައިވެ އެވެ.
ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަކީ ޒުވާނުންނެވެ. އޭގެ ތެރޭގައި ގިނައީ އެސްއާރްއެޗްގެ މައުލޫމާތު ރަނގަޅަށް ނޭނގޭ މީހުން ނުވަތަ ކުދިންކަން އެޗްއާރުސީއެމުން ފާހަގަކުރެ އެވެ. އެ ކޮމިޝަނުން ބުނީ ތައުލީމީ މަންހަޖުގައި އެ މައުލޫމާތުތައް ހިމަނާފައި ނުވާތީ ސޯޝަލް މީޑިއާ އާއި އިންޓަނެޓް ފަދަ ވަސީލަތްތަކުން މައުލޫމާތު ހޯދަން ކުދިން މަސައްކަތްކުރާ ކަމަށާއި އޭގެ ސަބަބުން ސައްހަ ނޫން ނުވަތަ އެކަށީގެން ނުވާ މައުލޫމާތުތައް ލިބުމުގެ ފުރުސަތު އޮންނަ ކަމަށެވެ. ބައެއް ޒުވާނުން އެކަމަށް ހެކި ދެ އެވެ.
"ގިނަ ފަހަރު މިކަހަލަ މައްސަލަތަކާ މެދު ވާހަކަ ދައްކާނެ މީހަކު ނެތީމަ ދެން މި ވަންނަން ޖެހެނީ އިންޓަނެޓަށް. އިންޓަނެޓަށް ވަންނަ ހިސާބުން ދެން މީހާ އެއްކޮށް ކޮންފިއުޒްވަނީ،" ޔޫއެންއެފްޕީއޭ އިން ކުރިއަށް ގެންދާ "އަޅައެއްނުލާނަންތަ؟" ކެމްޕެއިނުގެ ވީޑިއޯއެއްގައި ޒުވާނަކު ބުނެ އެވެ.
އެޗްއާރްސީއެމުން ފާހަގަކުރާގޮތުގައި ކޮމާސް އަދި އާޓްސް ކިޔަވާ ދަރިވަރުންނަށް އެސްއާރްއެޗްގެ މައުލޫމާތު، ސައިންސް ސްޓްރީމް ކިޔަވާ ކުދިންނަށް ލިބޭ ވަރަށް ވެސް ނުލިބެ އެވެ. އަދި މި މައުލޫއުއާ ގުޅޭ ގޮތުން ކުރާ ސުވާލުތަކަށް ޖަވާބުދޭން ޓީޗަރުން ޖެހިލުންވެ ނުވަތަ ދެކޮޅުހަދާ ކަމަށް ދިރާސާގައި ދަރިވަރުން ބުނެފައިވެ އެވެ. ބައެއް ޓީޗަރުން މައުލޫމާތު ދޭން ބޭނުންވިޔަސް އަނެއް ބައި މީހުން އެފަދަ ސުވާލުތަކާ މެދު ފަރުވާލެއް ނުބަހައްޓާ އިރު ބައެއް ޓީޗަރުން ރުޅިއަންނަ ކަމަށް ވެސް ދަރިވަރުން ކިޔައިދީފައިވެ އެވެ.
"އެސްއާރްއެޗްއާ ގުޅުން ހުރި ބައެއް އެއްޗެހި ކިޔަވައިދޭ އިސްލާމް ކްލާހުގައި މި މައްސަލަ ވަކިން ބޮޑު. ގިނަ ބެލެނިވެރިން ވެސް ހިމެނޭ ގޮތަށް، ދިރާސާގެ ގިނަ ބައިވެރިން ބުނެފައި ވަނީ ދަރިވަރުންނަށް އެސްއާރްއެޗް މައުލޫމާތު ފޯރުކޮށްދެވޭނެ އެންމެ ރަނގަޅު ގޮތަކީ އިސްލާމް މާއްދާގައި އެ މައުލޫމާތު ހިމެނުން ކަމަށް،" ރިޕޯޓުގައި ލިޔެފައިވެ އެވެ.
ތައުލީމީ އާ މަންހަޖު މިދިޔަ އަހަރާއި މި އަހަރު ގްރޭޑް 1-6 އަށް ތައާރަފްކުރި އިރު އެސްއާރްއެޗްއާ ގުޅުން ހުރި ބައިތައް ކޮންމެވެސް ވަރަކަށް ހިމަނާފައިވާކަން އެޗްއާރުސީއެމުން ފާހަގަކުރެ އެވެ. އެކަމަކު، އެ ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެ ބައިތައް އަދިވެސް ރަނގަޅުކުރަން ޖެހެ އެވެ.
"ޒުވާނުންނަށް އެކަށީގެންވާ މައުލޫމާތު ނުދީ، ރަނގަޅު ޑިސިޝަންތައް ނަގަން އެކްސްޕެކްޓްކުރުމަކީ އެއްވެސް ވަރަކަށް ގަބޫލުކުރެވޭ ކަމެއް ނޫން،" ޔޫއެންއެފްޕީއޭގެ ވީޑިއޯގައި އެހެން ޒުވާނަކު ބުނެ އެވެ. އެސްއާރްއެޗްގެ ވާހަކަ ދައްކަން ވަކާލާތުކުރާ އެއް ސަބަބަކީ މި އެވެ.
ރާއްޖެ ފަދަ ބައެއް ގައުމުތަކުގައި، ސަގާފީ އަދި ދީނީ ގަބޫލުކުރުންތަކާ ހެދި، މި މައުލޫއު ނަގަން އުނދަގޫވެފައި އޮތަސް ޖިންސީ ދުޅަހެޔޮކަމާއި އުފަންވެނި ސިއްހަތުގެ ވާހަކަ ދެއްކުން މުހިއްމުކަން ބައެއް ދިރާސާތަކުން އެނގެ އެވެ.
އެއް ބަޔަކު ދެކޭ ގޮތުގައި ކުޑަކުދިންނަށް ނުވަތަ ޒުވާނުންނަށް މި މައުލޫމާތުތައް ދޭން ފަށައިފި ނަމަ ކައިވެނީގެ ކުރިން ނުވަތަ ކައިވެނިން ބޭރުގައި އަދި ގިނަ ބަޔަކާ އެކު ޖިންސީ ގުޅުންތަކަށް ދާން އެ މީހުންނަށް ހިތްވަރު ލިބޭނެ އެވެ. އެޗްއާރުސީއެމްގެ ރިޕޯޓްގައި މި ވިސްނުމަށް އަލިއަޅުވާލައިފައިވެ އެވެ. ތައުލީމީ މަންހަޖުގައި ޖިންސީ އަދި އެޗްއައިވީގެ މައުލޫމާތު ހިމެނުމަކީ ކޮން ކަހަލަ ކަމެއްތޯ ބަލަން ހަދާފައިވާ 83 ދިރާސާއެއް ރިވިއުކޮށް، ޖާނަލް އޮފް އެޑޮލޮސެންޓް ހެލްތުގައި ޝާއިއުކޮށްފައިވާ ލިޔުމަކާ ހަވާލާދީ، އެ ކޮމިޝަނުން ބުނެފައި ވަނީ އެސްއާރްއެޗްގެ މައުލޫމާތު އެނގޭ ކުދިން ޖިންސީ އާދަތަކުގައި ޒިންމާދާރުވާ މިންވަރު، އެ ކަންކަން ނޭނގޭ ކުދިންނަށް ވުރެ 42 ޕަސެންޓް މަތި ކަމަށެވެ.
ރާއްޖޭގައި ވެސް ފުރާއުމުރުގެ ކުދިން ޖިންސީ ގޮތުން ހަރަކާތްތެރިކަން ބައެއް ދިރާސާތަކުން ވެސް އެނގިފައިވެ އެވެ. އެއީ ހާލަތު އޮތް ގޮތްކަން ފާހަގަކުރައްވަމުން، ފުރާވަރު އުމުރުގެ ޖިންސީ ދުޅަހެޔޮކަމާއި އުފަންވެނި ސިއްހަތުގެ ދާއިރާ އިން މަސައްކަތްކުރައްވާފައިވާ ޕަބްލިކް ހެލްތު ސްޕެޝަލިސްޓް، ޑރ. އަބްދުލް މަލިކު ވިދާޅުވީ "މައުލޫމާތު ލިބޭ ކުދިންނާއި ނުލިބޭ ކުދިން އެބަ ތަފާތުވޭ" ކަމަށެވެ.
"އެ މައުލޫމާތުގެ ސަބަބުން ޒުވާނުންނަށް މިކަމާ ގުޅިގެން ރަނގަޅު ނިންމުންތައް ނިންމަން ފުރުސަތު ލިބޭ. ނިންމާ ނިންމުންތަކަކީ އެނގި ހުރެ، އަމިއްލަ އަށް ވިސްނާފައި ނިންމާ ނިންމުންތަކަކަށް ވޭ. މައުލޫމާތު ދެވުމުން، އެއިން ވެދާނެ ފައިދާ ނުވަތަ ގެއްލުން އަދި ދިމާވެދާނެ ކަންކަމާ މެދު ފިކުރުކުރަން މަގެއް ހުޅުވިގެން ދޭ،" ޑރ. މަލިކު ފާހަގަކުރެއްވި އެވެ.
"މި މައުލޫމާތު ދިނީމަ ކުދިން ވަކި ގޮތަކަށް އުޅޭނެއޭ، އެހެން ސީދާ ބުނެވޭނެ ދިރާސާއެއް އޮތް ކަމަކަށް ނުބެލެވޭ. މި މައުލޫމާތު ފުރާވަރު ކުދިންނަށް ދިނުމާ ގުޅޭ ގޮތުން، ދެ ކޮޅަށް ހެދިފައި ހުރި ދިރާސާ ވެސް އެބަހުރި. އެއްކޮޅުން މި ބުނަނީ މި ވާހަކަތައް ދެއްކީމަ ކުދިން މި ކަންކަމަށް އަހުލުވެރިވެ، ތަޖުރިބާކޮށްލަން ބޭނުންވެއޭ. އޭގެ އަނެއްކޮޅުން އެބަ ބުނޭ، މައުލޫމާތު ދިނީމަ ކުއްޖާ އަށް ލިބޭ ގެއްލުންތައް މަދުވެއޭ،" އޭނާ ފާހަގަކުރެއްވި އެވެ.
"އެކަމަކު ދެކޮޅުން ވެސް އެއްބަސްވާ އެއް ޕޮއިންޓެއް އެބަ އޮވޭ. އެއީ، ކުދިންނަށް މައުލޫމާތު ދެވޭ ގޮތުންނޭ ތަފާތު އަންނަނީ. މިސާލަކަށް އުމުރުފުރައާ ގުޅޭ ގޮތަށް މައުލޫމާތު ދެވިއްޖެއްޔާ ގެއްލުމަށް ވުރެ ފައިދާ ބޮޑުވާނޭ. މިސާލަކަށް 10-12 އަހަރުގެ ކުއްޖަކަށް މައުލޫމާތު ދޭނީ 18 އަހަރުގެ ކުއްޖަކަށް ދޭ ގޮތަކަށް ނޫން."
ޑރ. މަލިކު ވިދާޅުވި ގޮތުގައި އެސްއާރްއެޗްގެ މައުލޫމާތު ދިނުން މުހިއްމުވާ ސަބަބުތަކުގެ ތެރޭގައި، ޖިންސީ ގުޅުމުން އަރާ ބަލިތަކުން ރައްކާތެރިވުމާއި އާއިލާ ރޭވުން ވެސް ހިމެނޭ އިރު، ރާއްޖެ މި ކަމުން އިސްތިސްނާއެއް ނުވެ އެވެ.
"މި ކަހަލަ ބަލިތައް ރާއްޖޭގެ މުޖުތަމައުގައި ވެސް އެބަ އުޅޭ. އެ ބަލިތަކުން ސަލާމަތްވާން ދަސްކޮށްދިނުން އެއީ މީގެ އެއް ބޭނުން،" އޭނާ ފާހަގަކުރެއްވި އެވެ.
"އޭގެ އިތުރުން، މިސާލަކަށް ކައިވެނިކޮށް ކުދިން ހޯދައި އާއިލީ ޒިންމާތައް ނަގައިގެން އުޅެވޭ ވަރަށް ހުރިހާ ގޮތަކުން ވެސް ތައްޔާރުވެވިއްޖެތޯ ނޫންތޯ އަމިއްލަ އަށް ކަނޑައަޅަން ދަސްކޮށްދިނުން. އަދި ޚާއްސަކޮށް އަންހެންކުއްޖެއް ވެއްޖެއްޔާ، ނަފްސާނީ ގޮތުން ތަސައްރަފް ފުދި އަދި އޭގެ އިތުރުން އޭނާގެ ހަށިގަނޑު ޖިސްމާނީ ގޮތުން ތައްޔާރު ނުވަނީސް ނުވަތަ މާ ޅަ އުމުރުގައި ބަލިވެއިނީމާ ސިއްހީ ގޮތުން ދިމާވާ މައްސަލަތަކެއް އެބަ ހުރޭ."
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިޔުއެޗްއޯއާ ހަވާލާދީ އެޗްއާރުސީއެމުން ފާހަގަކުރާ ގޮތުގައި އެސްއާރްއެޗްގެ މައުލޫމާތާއި ވަސީލަތްތައް ނުލިބުމަކީ ތަރައްގީވަމުން އަންނަ ގައުމުތަކުގައި އެތައް މިލިއަން ބަޔަކަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. އޭގެ ސަބަބުން 350 މިލިއަނަށް ވުރެ ގިނަ މީހުންނަށް ޖިންސީ ގުޅުމުން އަރާ ބަލިތައް ޖެހިފައިވާ ކަމަށާއި ބޭނުން ނުވެ އަހަރަކު 80 މިލިއަނެއްހާ އަންހެނުން ބަލިވެއިނުމުގެ ނަތީޖާއެއް ގޮތުން ގާތްގަނޑަކަށް 45 މިލިއަން އެބޯޝަން ހަދާ އިރު އެކަމުގެ ތެރޭގައި ދިމާވާ މައްސަލަތަކާ ހެދި އަހަރަކު 68،000 އަންހެނުން މަރުވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.
އެޗްއާރުސީއެމްގެ ދިރާސާގައި، ދަރިވަރުން ބޭނުންކުރާ ހުރިހާ ޓެކްސްޓް ފޮތްތައް ރިވިއުކުރުމުގެ އިތުރުން، މާލެ އާއި އިތުރު 11 ރަށެއްގައި (ކިޔަވާކުދިން ވެސް ހިމެނޭ ގޮތަށް) 850 އަށް ވުރެ ގިނަ މީހުންނާ ސުވާލުކޮށްފައިވެ އެވެ. ދިރާސާ އަށް ފަހު އެ ކޮމިޝަނުން ވަނީ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ ތެރެއިން ފުޅާ ދާއިރާއެއްގައި މި ކަމުގެ މައުލޫމާތު ފޯރުކޮށްދޭން ކުރަންވީ ކަންކަން ބަޔާންކޮށްފަ އެވެ.
އޭގެ ތެރޭގައި، ދަރިވަރުންނަށް ހިންގާ ލައިފް ސްކިލްސް ޕޮރޮގްރާމްގައި، ވަކި މޮޑިއުލެއްގެ ގޮތުގައި އެސްއާރްއެޗް ހިމެނުމާއި ކުދިންގެ އުމުރާ ގުޅޭ ގޮތަށް ޕްރައިމަރީ އަދި ސެކަންޑްރީ ގްރޭޑްތަކުގައި އެސްއާރުއެޗް ކިޔަވައިދޭނެ މެޓީރިއަލް ތައްޔާރުކުރުން ހިމެނެ އެވެ. އަދި ދަރިވަރުންނަށް އެހީތެރިވާން ސްކޫލްތަކުގައި ބައިތިއްބާނެ ކައުންސެލަރުން ތަމްރީންކުރުމާއި އިސްލާމް މާއްދާގައި އެސްއާރްއެޗްގެ މައުލޫމާތު ހިމަނައި އެ އެއްޗެހި ކިޔައިދޭން އިސްލާމް ޓީޗަރުން ތަމްރީންކުރަން ވެސް ވަނީ ލަފާދީފަ އެވެ.
ސިއްހީ ދާއިރާ އަށް ދީފައިވާ ލަފާތަކުގެ ތެރޭގައި އެސްއާރްއެޗްގެ މައުލޫމާތު މިހާރަށް ވުރެ ފުޅާކޮށް އެންމެނަށް ފަސޭހަ އިން ލިބޭނެ ގޮތް ހަމަޖެއްސުމާއި ކޮންމެ އަތޮޅެއްގައި، ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒުގައި، އެސްއާރްއެޗް ކްލިނިކެއް ހަދައި ކޮންމެ ރަށެއްގައި މަދުވެގެން ސިއްހީ އެއް މުވައްޒަފަކު އެސްއާރްއެޗްގެ ބޭސިކް މައުލޫމާތު ދެވޭ ވަރަށް ތަމްރީންކުރުން ހިމެނެ އެވެ. އޭގެ އިތުރުން، މާލޭގައި ކުރިން ހިންގި ޔޫތު ހެލްތު ކެފޭގެ މަސައްކަތް ޔޫތު މިނިސްޓްރީން އަލުން ފެށުމަށާއި އިސްލާމިކް މިނިސްޓްރީން، އިސްލާމީ ނަޒަރުން އެސްއާރްއެޗްގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވެސް އެޗްއާރުސީއެމުން ވަނީ ލަފާދީފަ އެވެ.
ޒުވާނުން އަމިއްލަ އަށް ވެސް އެދެނީ އެފަދަ ހަރުދަނާ ނިޒާމަކުން އެސްއާރްއެޗްގެ މައުލޫމާތު ލިބެން ހުރުމެވެ. އެ މީހުން ބުނަނީ ޖިންސީ ގުޅުމުން އަރާ ބަލިތަކާއި ކައިވެނިން ބޭރުގައި ބަލިވެއިނުމާއި އެބޯޝަން ހެއްދުން ފަދަ ނުރައްކާތެރި ކަންކަމުން ސަލާމަތްވެވޭނީ ވެސް ދުރާލާ ކަންކަން އެނގިގެން ކަމަށެވެ. އެފަދަ ކަންކަން މިހާރު ވެސް ހިނގަމުންދާ އިރު، މި ވާހަކަ ނުދައްކައި ތިބެން ޖެހޭ ސަބަބެއް އޮތް ކަމަކަށް އެ މީހުން ނުދެކެ އެވެ.
"އަޅުގަނޑުމެންގެ މުޖުތަމައުގައި މިކަހަލަ ކަންތައްތައް މަދުކުރަން އެޅެން އޮތް އެންމެ ބޮޑު ފިޔަވަޅަކީ އަޅުގަނޑުމެން ޒުވާނުންނަށް މިކަމާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށް ބާރުއެޅުން،" ޔޫއެންއެފްޕީއޭގެ ވީޑިއޯގައި ޒުވާނަކު ބުނެ އެވެ. އެހެން ޒުވާނަކު ބުނަނީ "ގިނަ ފަހަރު، ދައްކަން އުނދަގޫ ވާހަކަތަކަކީ އެންމެ މުހިއްމު ވާހަކަތައް" ކަމަށެވެ.