އައްޑޫގައި އަމާންކަން ގާއިމްކޮށްދިނުމަށް ސިޓީ ކައުންސިލުން ގޮވާލައިފި
އައްޑޫގައި އަމާންކަން ގާއިމްކޮށްދިނުމަށް ސިޓީ ކައުންސިލުން ގޮވާލައިފި

ސިލްސިލާ މާރާމާތީތައް ހިނގަމުންދާ އައްޑޫ ސިޓީގައި އަމާންކަން ގާއިމްކޮށްދިނުމަށް އެ ސިޓީ ކައުންސިލުން އިއްޔެ ގޮވާލައިފި އެވެ.

އެ ސިޓީގެ ފޭދޫގައި ހިނގި މާރާމާރީތަކެއްގައި ދެ މީހަކަށް ސީރިއަސް ޒަހަމްތަކެއް ލިބި، އޭގެ ތެރެއިން އެކަކު މަރުވި ހާދިސާއަށްފަހު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އިސްލާމް ދީނުގެ އަސާސްތަކާއި ރާއްޖޭގެ ގާނޫނުއަސާސީއާ ގާނޫނުތަކާއި ރާއްޖެ ބައިވެރިވާ މުއާހަދާތަކުން މަނާކުރާ އަދި ހައްގުތަކެއް ކަށަވަރުކޮށްދެވިފައިވާ މުޖުތަމައެއްގައި އެފަދަ އަމަލުތައް ހިންގުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

"މި މައްސަލައަކީ މުޖުތަމައުގެ އަމާންކަމާއި ސަލާމަތާ ގުޅިފައިވާ ނުރައްކާތެރި މައްސަލައަކަށް ވުމުން، މި މައްސަލައިގައި ކުށްވެރިވާ ފަރާތްތަކަށް ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބުދީ، ރަށު ތެރޭގައި އަމާންކަން ގާއިމްކޮށްދެއްވުން އަވަސްކޮށްދިނުމަށް ދައުލަތުގެ މުއައްސަސާތަކާއި ކަމާބެހޭ އިދާރާތަކަށް މި ކައުންސިލުން ގޮވާލަމެވެ،" ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި ބުންޏެވެ.

އެ ރަށުގައި އެންމެ ފުރަތަމަ މާރާމާރީ ހިންގީ މިދިޔަ އަންގާރަ ދުވަހުގެ ރެ އެވެ. އެ މާރާމާރީގައި 19 އަހަރުގެ ޒުވާނެއްގައި ގައިގައި ތަޅައި އަނިޔާކޮށްގެން، ހިތަދޫގައި ހުންނަ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ އެވެ.

ފިރިހެންމީހާގެ ސިކުނޑިއަށް ލޭ އެޅިފައި ހުރުމުން ޖެހިގެން އައި ދުވަހު ވަނީ އިތުރު ފަރުވާ އަށް މާލެ ގެނެސްފަ އެވެ.

އޭގެ ފަހުން މިދިޔަ ބުދަ ދުވަހުގެ ރޭ މެންދަމުން އަލިވެ 3:10 ހާއިރު ފޭދޫގައި ހިންގި މާރާމާރީގައި 21 އަހަރުގެ މީހަކަށް އަނިޔާ ވެގެން އައްޑޫ ހޮސްޕިޓަލަށް ގެންދިޔަ އެވެ. މުހައްމަދު ޒަޔާން މޫސާ ނަމަކަށް ކިޔާ ޒުވާނާ މަރުވީ އެ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެނިކޮށެވެ.

ހޮސްޕިޓަލުން ބުނީ އޭނާގެ ބުރަކައްޓަށް ވަރަށް ފުންކޮށް ހަމަލާދީފައި ހުރުމުން މެޔަށް ވެސް އޭގެ އަސަރުކޮށްފައި ކަމަށެވެ.

އެ ހަމަލާތަކާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިހާތަނަށް ބެލިބެލުމުގައި މާރާމާރީތަކާ މަސްތުވާތަކެއްޗާ ގުޅުން އެބަހުރި ކަމަށެވެ. އެ މައްސަލަތައް އިތުރަށް ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.