29 ޑިސެމްބަރ 2016 - 06:17

އެޕަލް ޓަޗް އައިޑީ އަށް ކުޑަ ކުއްޖަކު މަކަރުހަދައިފި އެވެ. މިއީ އެޕަލްގެ އިންޖިނޭރުން ފޫބައްދަން ޖެހޭ މައްސަލައެކެވެ. ހަ އަހަރުގެ އޭޝްލީން ވަނީ އެކަން ހަނދާންކޮށްދީފަ އެވެ. މަންމަ ނިދާފައި އޮއްވައި، އައިފޯނުން ވިޔަފާރިކޮށް ބޮޑު ބިލެއް ދައްކަން ވަނީ ޖައްސާފަ އެވެ.
ގަންނަން ބޭނުން ކިތަންމެ އެއްޗެއް އެމޭޒަން ފަދަ އޮންލައިން މާކެޓްތަކުގައި ހުންނަކަން އެ ކުދިން ދަނެ އެވެ. އެކަމަކު ޓަޗް އައިޑީގެ ސަބަބުން އެކަން ވާކަށް ނޯވެ އެވެ. މަންމަގެ އިނގިލި ޖައްސައިގެން މެނުވީ އައިފޯނެއް ނުހުޅުވެ އެވެ.
ޓަޗް އައިޑީ އަކީ ވެރި މީހާ ނޫން މީހުން އައިފޯނާ ކުޅުން މަނާކުރާ ފީޗާއެކެެވެ. އެ ކުދިންނަށް ވެސް އެވަރު އެނގެ އެވެ. މަންމަ އަށް ނިދިފައި އޮއްވައި، ފުރުސަތުގެ ބޭނުން ހިފައި، އޭޝްލީން ވަނީ މަންމަގެ އިނގިލި ބޭނުންކޮށްގެން ފޯނު ހުޅުވާފަ އެވެ.
ބެތަނީ އަށް ނިދިން ހޭލެވުނުއިރު، ސިކުނޑި ތާޒާވެފައި ހުރި ނަމަވެސް، ކުރިމަތީގައި ހުރެގެން އަތްޖަހަޖަހާފައި ދަރިފުޅު ކިޔައިދެމުން ދިޔަ ވާހަކަތައް އަޑުއަހަން ފަސޭހައެއް ނުވި އެވެ. އޭޝްލީން ބޭނުންވެގެން އުޅުނުހާ އެއްޗެއް ގަނެވިއްޖެ ކަމަށާއި، އެ ތަކެތި އަންނާނީ ހަމަ ސީދާ ގެ އަށް ކަން ވެސް މަންމަ އަށް ކިޔައިދިނެވެ.
އޭޝްލީން ކުރި ޚަރަދު އަނބުރާ ލިބޭތޯ ބެތަނީ ކު މަސައްކަތުން ވެސް 250 ޑޮލަރު އެއްކޮށް ލިބޭ ގޮތެއް ނުވި އެވެ. މާލީ ހާލަތު ހުރި ގޮތުން އެ ކަހަލަ ކަމަކަށް ޚަރަދުކުރަން މަންމަ ބޭނުން ނުވި ނަމަވެސް، އޭޝްލީން އުފަލުން ފުމި ނަގަނީ އެވެ.
އޮންލައިން ވިޔަފާރިކުރަން ފޯނު ބޭނުންކުރާ މީހުން ދޭތެރެ ދޭތެރެއިން މި ކަހަލަ ހާދިސާތައް ތަޖުރިބާކުރެ އެވެ. ގޭމް ކުޅެއް ދަރިން ފޯނު އަތުލައި، މާކެޓްތަކުން ވިޔަފާރިކުރުމާއި، ފައިސާ ހޭދަވާ ގޮތަށް ހުންނަ އެޕިލިކޭޝަންތައް ބޭނުންކުރުމަކީ ވެސް އާންމު ކަމެކެެވެ. ނަމަވެސް އެޕަލް ޓަޗް އައިޑީ އަށް މި ކަހަލަ ގޮތަކަށް މަކަރުހެދި ވާކަހަ އާންމެއް ނޫނެވެ.
އެޕަލްގެ އިންޖިނޭރުން މި ހާދިސާއިން އުނގެނެން ޖެހެ އެވެ. ނިދާފައި އޮތް މީހަކު ޓަޗް އައިޑީ ބޭނުން ނުކުރާނެކަން ވެސް އެނގެން ޖެހެ އެވެ. ފިންގާ ޕްރިންޓް ސްކޭނަރުގައި އިނގިލި ޖައްސާލުމުން، އޭނާ ހުރީ ހޭލާތޯ ބެލޭނެ ގޮތެއް ވެސް ހޯދަން ޖެހެ އެވެ.