03 ޖޫން 2022 - 00:20

ކުނި ވަކިކުރުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ގޭގެއިން ނެރޭ ކުނި ވަކިިކުރަން ޖެހޭ ގޮތަށް މިހާރު އޮތީ ހަމަޖައްސައިފަ އެވެ.
ރައީސް އޮފީހުގެ ދުވަސްވީ މުވައްޒަފުންގެ އަގު ވަޒަންކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މުސްތަގްބަލްގެ ޖީލުތަކަށް ރާއްޖެ ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅާފައިވާ ތިމާވެށީގެ ސިޔާސަތުތަކުގެ ނަތީޖާ ފެންނާނީ ފަރުދީ ގޮތުން ސިޔާސަތު ތަންފީޒުކޮށްގެން ކަމަށެވެ.
އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ހުއްޓާލުމުގެ އިތުރުން ރައްކާތެރި ގޮތުގައި ކުނި ނައްތާލަން ކޮންމެ މީހަކު ކުނި ވަކި ކުރުމަކީ ފަރުދީ ޒިންމާއެއް ކަމުގައި ހަދަންޖެހޭ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ދުނިޔެއަށް އަންނަ ލޮޅުންތަކުން ރައްކާތެރިވުމަށްޓަކައި ފައިސާ ރައްކާ ކުރުމާއި ހަކަތަ ބޭނުންކުރާ މިންވަރު ވެސް މަދުކުރަން ޖެހެ އެވެ.
ރައީސް އޮފީހުގެ މުވައްޒަފުންނާ ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ގައުމު ހިންގަން އެންމެ ބޮޑު މަސައްކަތެއް ކުރާ ބަޔަކީ އެ މުވައްޒަފުން ކަމަށެވެ. އަދި އެ އޮފީހުގެ މުވައްޒަފުންނަކީ އަބަދުވެސް ނަމޫނާ ބަޔަކަށް ވާންޖެހޭ ކަމަށާއި އެކަން މިހާރު ވެސް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
މިރޭގެ ހަފުލާގައި ރައީސް އޮފީހަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންނަށް އެކަމުގެ ހަނދާނީ ފިލާ ދިނެވެ. އޭގެ ތެރޭގައި 40 އަހަރު ވަންދެން ޚިދުމަތް ކުރި މުވައްޒަފުން ވެސް ހިމެނެ އެވެ.