ވިލިމާލެ ބްރިޖް މިހާރު އަޅާކަށް ނުޖެހޭ، ގެއްލުން ވާނެ: ޔާމީން
ވިލިމާލެ ބްރިޖް މިހާރު އަޅާކަށް ނުޖެހޭ، ގެއްލުން ވާނެ: ޔާމީން

މާލެ ސަރަހައްދު ގުޅުވާލާ ބްރިޖް މިވަގުތު އެޅުމުގެ ބޭނުމެއް ނެތް ކަމަށާއި އެއީ ދައުލަތަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ ބްރިޖެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ވިލިމާލެ ބްރިޖް މިހާރު އަޅާކަށް ނުޖެހޭ، ގެއްލުން ވާނެ: ޔާމީން
ވިލިމާލެ ބްރިޖް މިހާރު އަޅާކަށް ނުޖެހޭ، ގެއްލުން ވާނެ: ޔާމީން

ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ސިނަމާލެ ބްރިޖް އެޅިޔަސް، އިންޑިއާގެ އެހީގައި މާލެ އާއި ވިލިމާލެ ގުޅުވާލާ ބްރިޖް މި ސަރުކާރުން އަޅަން އުޅޭގޮތުން އެއީ ކުރިއަށް ގެންދިއުމުގެ ބޭނުމެއް އޮތް މަޝްރޫއުއެއް ނޫން ކަމަށެވެ. ސަބަބެއްގެ ގޮތުގައި ދެއްކެވީ އަގު ބޮޑުވުމެވެ.

ޔާމީން ވިދާޅުވި ގޮތުގައި ޗައިނާގެ އެހީގައި އެޅި ސިނަމާލެ ބްރިޖަށް ޚަރަދުވި 210 މިލިއަން ޑޮލަރުގެ ތެރެއިން ދައުލަތުން އަނބުރާ ދޭންޖެހެނީ އެންމެ 68 މިލިއަން ޑޮލަރެވެ. އެކަމަކު އިންޑިއާގެ އެހީގައި ވިލިމާލެ ބްރިޖްގެ އަގު 500 މިލިއަން ޑޮލަރަށް ވުރެ މަތިވާއިރު، އޭގެ ތެރެއިން 400 މިލިއަން ޑޮލަރު ދިވެހި ސަރުކާރުން އަނބުރާ ދައްކަން ޖެހޭ ވިދާޅުވި އެވެ.

"(ސިނަމާލެ) ބްރިޖަކީ އޭރު ދައުލަތުގެ ހިސާބުތައް ހުރިގޮތުން އެއީކީ މާލީގޮތުން ދައުލަތަކަށް ބުރަ އުފުލަންޖެހޭ ކަމެއް ނޫން. އެކަމަކު މި ބްރިޖަކީ އޭގެ ބުރަ ދައުލަތުން އަބަދުމެ އަބަދު އުފުލަންޖެހޭ ކަމެއް،" ސިނަމާލެ ބްރިޖާއި ވިލިމާލެ ބްރިޖާ އަޅާ ކިޔުއްވައި، ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އަގު ބޮޑުވުމުގެ އިތުރުން ސަރުކާރުގައި ފައިސާ ނެތިގެން އުޅޭއިރު މި ބްރިޖް އެޅުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. އެމަނިކުފާނު ވެރިކަމަށް ހޮވިވަޑައިގަތް ނަމަ، އެ ބްރިޖް އަޅާނީ ހިލޭ އެހީގެ ދަށުން ކަމަށް ވިދާޅުވި އެވެ.

"ޗައިނާގެ ޕްރެޒިޑެންޓް ޝީ ޖިންޕިންގެ އޮތީ ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވުނު ނަމަ ހިލޭ މި ބްރިޖް ދޭން ބުނެފައި." ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި ސިނަމާލެ ބްރިޖަށް ކުރި ޚަރަދު ކުޑަވުމުގެ އިތުރުން އެ ބްރިޖަކީ ގިނަ ބަޔަކަށް ފައިދާތަކެއް ލިބުނު ބްރިޖަކަށް ވިޔަސް، ވިލިމާލެ ބްރިޖުން ރައްޔިތުންނަށް ކުރިމަތިވާނީ އިތުރު ބުރައެކެވެ.

"މިއީ މިހާރު އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް ނޫން. މިކަން ހުއްޓާލާ. އެއީ މި ބްރިޖް އަދާކުރަން ޖެހޭއިރަކު މި މީހުންނެއް ނޫން ވެރިކަމުގައި ތިބޭނީ. އެހެން ބަޔަކު ޖެހޭނީ މި ޒިންމާތައް އުފުލަން. އެއާޕޯޓް ވިއްކާލީމަ އެއާޕޯޓް އަނބުރާ ހޯދާ އެއޮތް ބޮޑު އަދަދުން ފައިސާ ޖެހުނީ ވެސް އެހެން ބަޔަކު،" ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ތި ބްރިޖް އަޅާ ނިމޭނެ ކަމަކަށް. ހަމަ ނުނިމުން މީގެ ރަނގަޅީ ވެސް."

ޗައިނާއާ އެކު ބޭއްވި ގުޅުންތައް ދިފާއު ކުރައްވައި، ޔާމީން ވިދާޅުވީ ޗައިނާއާ އެކު ހެދި އެއްވެސް އެއްބަސްވުމެއްގައި ރާއްޖޭގެ މިނިވަންކަން ގެއްލޭ ގޮތަށް އަދި ދައުލަތަށް ގެއްލުންވާ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އަދި އިންޑިއާއާ އެކު އެމަނިކުފާނުގެ ސަރުކާރުގައި ހެދި އެއްބަސްވުންތަކުގައި ވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބެވޭ ގޮތަށް ހިމަނާފައި ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"އެއްވެސް ގޮތަކަށް މިލިޓަރީ ޕާސަނަލް މިތާނގައި ތިބޭކަށް ރައީސް ޔާމީންގެ ސަރުކާރާއި އިންޑިއާ ސަރުކާރާ ދޭތެރޭގައި އަކުރެއް ވެސް ނޯންނާނެ ލިޔެފައެއް." ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން ވިލިމާލޭ ބްރިޖްގެ މަސައްކަތަށް ކަމަށް ބުނެ އިންޑިއާ ސިފައިން ގެންނަ ކަމަށް ވެސް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.