03 ޖޫން 2022 - 09:52

ތައިލޭންޑުގައި މީހަކު މަސް ބާނަން ހުއްޓައި ފުންމާލި މަހެއް އެ މީހާގެ އަނގަޔަށް ވަދެ ކަރުބުޑަށް ދިއުމާ ގުޅިގެން ސާޖަރީއެއް ހަދަން ޖެހިއްޖެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު، ތައިލެންޑްގެ ޕަތަލޮންގް ޕްރޮވިންސްގަ އެވެ.
މަސް ބާނަން ހުރި މީހާގެ އަނގަޔަށް ވަނީ ސްޕައިކީ އަނާބަސް ނަމަކަށް ކިޔާ މަހެކެވެ. އޭތި މަސައްކަތްކުރީ އޭނާގެ ނޭފަތުން ނިކުންނަން ކަމަށްވެ އެވެ. އެ މަސް ތާށިވީ އެމީހާގެ ކަރުތެރެ އާއި ނާސަލް ކެވިޓީއާ ދެމެދުގަ އެވެ.
އެ ހާދިސާއާ އެކު ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ޑޮކްޓަރުން ވެސް ތިބީ ހައިރާންވެފައި ކަމަށް މީޑިއާއިން ބުނެފައިވެ އެވެ.
އަނިޔާވި މީހާ ޑޮކްޓަރުންގެ ގާތު ބުނެފައިވާ ގޮތުގައި އެ ހާދިސާ ހިނގުމުގެ ކުރިން އޭނާ ވަނީ ދަގަނޑު ޖަހައިގެން ވެސް މަސް ހިފަން އުޅެފަ އެވެ.
އެ މީހާގެ އެކްސްރޭއެއް ހައިގެން ބެލިއިރު ފަސް އިންޗީގެ ދިގު މަހެއް ކަރުތެރޭގައި ތާށިވެފައި އޮތް ކަމަށްވެ އެވެެ. އެހެންވެ އިމަޖަންސީ ސާޖަރީއެއް ހެދި އެެވެ.
އޭނާއަށް ފަރުވާދިން ހޮސްޕިޓަލުގެ އޮފިޝަލަކު ބުނެފައިވާ ގޮތުގައި އެ ހޮސްޕިޓަލުގެ ފިޒިޝަނުން ވަނީ އެމީހާގެ ގުނަވަންތައް ހަލާކުނުވާނެ ގޮތަށް ހެދުމަށް އެ މީހުންނަށް ކުރެވުނު މަސައްކަތެއްކޮށްފަ އެވެ. އަދި ޕޭޝަންޓު ސަލާމަތްކުރެވިފައިވާ ކަމަށް ވެސް ބުންޏެވެ.