30 ޑިސެމްބަރ 2016 - 06:35

ބޮލީވުޑްގެ ޖޯޑެއް ކަމަށްވާ މަލައިކާ އަރޯރާ ޚާން އާއި އަރްބާޒް ޚާންގެ ވަރީގެ މައްސަލަ މިހާރު ކޯޓުގައި ދަނީ ހިނގަމުންނެވެ.
އަށާރަ އަހަރު ވަންދެން ކައިވެނިކޮށްގެން އުޅުމަށް ފަހު ސުލްހައިގައި އަރްބާޒް ކައިރިން ވަރިވުމުގައި މަލައިކާގެ ޝަރުތެއް އެބަ އޮތް ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ. އެއީ ވަރީގެ ބަދަލުގައި 10-15 ކްރޯޑު (100-150 މިލިއަން ރުޕީސް) އަރުބާޒް ދިނުމެވެ. މަދުވެގެން 100 ކްރޯޑު (1000 މިލިއަން) މަލައިކާ ބޭނުންކަމަށްވެ އެވެ. އަދި މިއަދަދު އެއްފަހަރާ ނުދިނަސް ވަކި މުއްދަތެއްގައި ދައްކަން އަރްބާޒް ކޯޓުގައި އެއްބަސްވެފައިވާ ކަމުގެ އަޑު ވެސް ފެތުރުނެވެ.
މަލައިކާ އާއި އަރްބާޒުގެ ދަރިފުޅު އަރްހާން ހުންނާނީ އޭނާގެ މަންމަ ކައިރީގައި ކަމަށް ކޯޓުގައި ދެ މީހުން ވަނީ އެއްބަސްވެފަ އެވެ.
މި ދެ މީހުންގެ ވަރި ފައިނަލްވާނީ އަންނަ އަހަރުގެ މޭ މަހު އެވެ. ނަމަވެސް އެއީ މިހާރު ހުރި މައްސަލަތައް ދެ މީހުން ވާހަކަ ދައްކައިގެން ހައްލު ކުރެވިއްޖެ ނަމަ އެވެ. އޭގެ ތެރޭގައި ފައިސާގެ މައްސަލަތައް ހިމެނެ އެވެ.
އަަރްބާޒު ކައިރިން މަލައިކާ ވަރިވާން ކުރާ ޚިޔާލު ދޫކޮށްލަން އެދި އަރްބާޒްގެ ދޮށީ ބޭބެ ސަލްމާން ޚާން ވެސް ވަރަށް ގިނަ ވާހަކަ ދެއްކި އެވެ. ނަމަވެސް މަލައިކާ ހުރީ ގޮތްދޫކުރާ ކަހަލަ ގޮތަކަށެއް ނޫނެވެ. އަރްބާޒާ އެކު އުޅެން އޭނާ އެއްގޮތަކަށް ވެސް ބޭނުންނުވަނީ އެވެ.
އިންޑިޔާގެ ނޫސްތަކުން ބުނެފައިވަނީ މަލައިކާ އާއި އަރްބާޒްގެ މެދުގައި މައްސަލަ ޖެހުނީ ފިލްމު އެކްޓަރު އަރްޖުން ކަޕޫރާއި މަލައިކާގެ ގުޅުން މާ ބޮޑަށް ބަދަހިވެގެން ކަމަށެވެ. ނަމަވެސް އަރްޖުން އާއި މަލައިކާ ވެސް އެ ވާހަކަތައް ދޮގުކުރެ އެވެ. އެމީހުން ބުނަނީ އެއީ ގާތް ދެ ރައްޓެހިން ކަމަށެވެ.