ގއ. ވިލިނގިލީގައި 50 ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފި
ގއ. ވިލިނގިލީގައި 50 ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފި

ޑިޒައިން އެންޑް ބިލްޑް އުސޫލުން ގއ. ވިލިނގިލީގައި 50 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް މިއަދު ހަވާލުކޮށްފި އެވެ.

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކުރަން ނިންމާފައިވާ މި މަޝްރޫއުގެ އަގަކީ 48 މިލިއަން ރުފިޔާ އެވެ. ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މި މަސައްކަތް ނުވަ މަސް ތެރޭ ނިންމަން ޖެހެ އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 700 އަކަފޫޓުގެ ޖާގަ ހުންނަ ގޮތަށް ޔުނިޓުތައް ހުންނަ މި އިމާރާތް ހަދާނީ އިރޯ ހައުސް ގޮތަށް، ދެ ބުރިއަށް ކަމަށެވެ.

މިތަނުގައި ތިން ކޮޓަރާއި ތިން ފާހަނާ، ސިޓިން ރޫމް، ކާގެ އާއި ބަދިގެ، ލޯންޑްރީ އަދި ގުދަނެއް ވެސް ހުންނާނެ އެވެ. އަދި ކޮންމެ ޔުނިޓެއްގައި ބެލްކަންޏެއް ވެސް ލާނެ އެވެ.

ހައުސިން ޔުނިޓްތައް އަޅާ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކުކުރާނެ ސަރަހައްދެއް އެ މަޝްރޫގެ ދަށުން ގާއިމްކުރަން ވަނީ ހަމަޖެހިފަ އެވެ.

މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން ޑިޕާޓްމެންޓްގެ ޑިރެކްޓަ ޖެެނެރަލް އަހްމަދު ވިޝާނެވެ. ދޮންބޭޒްގެ ފަރާތުން ސޮއިކުރެއްވީ ހެޑް އޮފް އޮޕްރޭޝަން އަލީ ހަމްދޫނެވެ. މި ރަސްމިއްޔާތުގައި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވެސް ބައިވެރިވެވަޑައިގަތެވެ.