"ދަންގަލް"ގެ ވިޔަފާރި ދުވަހަކަށް ވުރެ ދުވަހެއް މައްޗަށް
"ދަންގަލް"ގެ ވިޔަފާރި ދުވަހަކަށް ވުރެ ދުވަހެއް މައްޗަށް

އާމިރު ޚާންގެ އާ ފިލްމު "ދަންގަލް" އަށް ހަތަރު ދުވަހުގެ ތެރޭގައި 132.43 ކްރޯޑު (1324 މިލިއަން ރުޕީސް) ލިބިއްޖެ އެވެ.

ޑިސެމްބަރު 23 ގައި ރިލީޒްކުރި މި ފިލްމަށް ހޯމަ ދުވަހު އެކަނި 254 މިލިއަން ރުޕީސް ލިބުނެވެ. ހޯމަ ދުވަހަކީ ބަންދު ދުވަހަކަށް ނުވިޔަސް ފިލްމުގެ ވިޔަފާރިއަށް ކުޑަ މަޑުޖެހުމެއް ނާންނަކަން ފިލްމު އިންޑަސްޓްރީގެ މީހުން ހައިރާންކަމާ އެކު ފާހަގަކުރެ އެވެ.

ހުކުރު ދުވަހުން ފެށިގެން މިހާތަނަށް އެއް ދުވަހުން އަނެއް ދުވަހަށް ފިލްމު ވިޔަފާރި އަށް އަންނަނީ ކުރިއެރުން ލިބެމުންނެވެ. އެގޮތުން ހޮނިހިރު ދުވަހު ފިލްމު ބަލަން ވަން މީހުންގެ އަދަދު 16.92 ޕަސެންޓް އިތުރު ވީއިރު އާދިއްތަ ދުވަހު 21.63 ޕަސެންޓް މައްޗަށް ދިޔަ އެވެ.

ފުރަތަމަ ހަފުތާ ބަންދު ނިމުނުއިރު ތިން ދުވަސް މަތިން މި ފިލްމަށް 100 ކްރޯޑު ލިބުނެވެ. ސަތޭކަ ކްރޯޑަކީ ބޮލީވުޑްގައި ކާމިޔާބު ފިލްމުތައް ގިރާކުރާ ފުރަތަމަ ހަރުފަތެވެ. ނަމަވެސް ގިނަ ފިލްމުތަކަށް މި ހަރުފަތާ ހަމައަކަށް ނުދެވެ އެވެ.

ސަލްމާން އާއި އާމިރުގެ ބައެއް ފިލްމުތައް 200 ކްރޯޑު އަދި 300 ކްރޯޑު ވެސް ފަހަނައަޅާފައިވެ އެވެ.

"ދަންގަލް" މިހާރު ހަދާ ރެކޯޑްތަކާ އެކު ބެލެވެނީ އާމިރުގެ ކާމިޔާބު ފިލްމުތައް ކަމަށްވާ "ގަޖްނީ" އާއި "ދޫމް 3" އަދި "ޕީކޭ" އަށް ވުރެ މިފަހަރުގެ ފިލްމު މާ ބޮޑު ކުރިއެއް ހޯދާނެ ކަމެވެ.

ބޭރު ގައުމުތަކުގައި ވެސް "ދަންގަލް"ގެ ވިދުން ވަރަށް ގަދަ އެވެ. ޚާއްސަކޮށް މެދުއިރުމައްޗާއި ނޯތު އެމެރިކާގަ އެވެ.

ޓްރޭޑް އެނަލިސްޓް ކޯމަލް ނަހާތާ ކުރި ޓުވީޓެއްގައި ބުނީ އާދިއްތަ ދުވަހުގެ ނިޔަލަށް މި ފިލްމަށް ބޭރު ގައުމުތަކުގެ ސިނަމާތަކުން ނުވަ މިލިއަން ޑޮލަރު (60.99 ކްރޯޑު) ލިބުނު ކަމަށެވެ. އަދި އެއީ ބައެއް ސްކްރީންތަކުން ލިބުނު މިންވަރު ނުހިމަނާ ކަމަށް ވެސް އޭނާ ބުނެ އެވެ.

"ދަންގަލް" ކިތަންމެ ރަނގަޅަށް ހިނގިޔަސް ސަލްމާން ގެ "ސުލްތާން"ގެ ރެކޯޑްތަކުގެ ތެރެއިން ގިނަ ރެކޯޑްތައް މި ފިލްމަށް އަދި މުގުރައެއް ނުލެވުނެވެ. ސަބަބަކީ އާމިރަށް ވުރެ ސަލްމާންގެ ފޭނުން އިންޑިއާގައި ގިނަވީމަ އެވެ.