28 ޑިސެމްބަރ 2016 - 11:44

އެއީ ފޭބި އަހަރުގެ ބޮޑު ބަންދެވެ. ފާތުން (އަސްލު ނަމެއް ނޫން) އޭނާގެ އުފަން ރަށަށް ދިޔައީ ކުޑަކުޑަ ޔައިޝް (އަސްލު ނަމެއް ނޫން) ގޮވައިގެން ހިތާނުކުރާށެވެ. މަންމަ ގޯތީގައި ހުރި ހީނާފަތް ގަހުން ފަތް ބިނދެ، ހިތާނު ކުރުމުގެ ކުރިން ޔައިޝްގެ ހަތަރެސްފައިގައި ހީނާ އަޅައި ރަތްކޮށްލާށެވެ. ފާޑުފާޑުގެ ނިވިދިއްލޭ ކުލަ ބޮކިތަކާއި ރަންވަރަން ކަރުދާސްތައް ގެ އާއި ގޯތި ތެރޭގައި ދަމާ، ހިތާނީ އުފާ ފުރިހަމައަށް ހޯދާށެވެ. ޔައިޝް އުފަލުން ފޮޅި ހިނިތުންވެ ހުންނަ މަންޒަރަކީ ފާތުން އެންމެ ދެކެން ބޭނުންވާ މަންޒަރެވެ. ނަމަވެސް ނޭނގި ހުއްޓާ އެ މަންޒަރަށް ހަންޖަރެއް ހެރުނީ އެވެ. ޚުދު ފާތުންގެ ދެ އަތުންނެވެ.
ޔައިޝްގެ ލޮލުގެ ތިރީ ރަވަ މަޑު ފިޔާތޮށި ކުލަޔަކަށް ބަދަލުވެ، ހުންއައިސް ބޮލުގައި ރިއްސަން ފެށީ އެވެ. އަދި ކުޑަކަމުދާ ތަކެތީގެ ކުލަ ގަދަވެ، ނޭވާލާން ވެސް އުނދަގޫވާން ފެށީ އެވެ. އަވަހަށް ރަށުގެ ޞިއްހީ މަރުކަޒަށް ޔައިޝް ގެންދިޔަ އެވެ. އަދި ވަގުތުން އެދުމަތިކޮށްފި އެވެ. ފާތުން އިނީ ވާނުވާ ނޭނގިފަ އެވެ. ގަބުކާފަ އެވެ. ޔައިޝްގެ ދޮށީބޭބެ ގައިޝް (އަސްލު ނަމެއް ނޫން) ނިޔާވި ގޮތަށް ޔައިޝް ވެސް ފާތުން ދޫކޮށްފައި ދަނީބާ އެވެ؟ ފާތުންގެ މޫނަށް ބަލަހައްޓައިގެން އޮވެ، މި ދުނިޔެއަށް އެފަކީރު އަލްވަދާއުކީ އުމުރުން އެންމެ ފަސް ދުވަހުގަ އެވެ. އެހަނދާންތައް ދެންމެ ވީ ކަމެއްހެން، ފާތުންގެ ހަނދާނުގައި އަދިވެސް އެބަ ހުއްޓެވެ. އެދަރިފުޅު އޮތީ ހުންއައިސް އެއްކޮށް ރީނދޫ ވެސް ވެފަ އެވެ. ކޮން ފަދަ ބޮޑު އިމްތިހާނެއްތޯ އެވެ؟
ކެތްކުރާށެވެ. އޮކްސިޖަން ގުޅާފައި އޮތް ޔައިޝްގެ ބޮލުގައި ފިރުމަމުން ގައިޝްގެ ހަނދާންތައް އެއްކައިރިއަށް ލެވޭތޯ ފާތުން ދިޔައީ މަސައްކަތްކުރަމުންނެވެ. މީހަކު ބަލައިލާފި ނަމަ ރައްދުގައި ހިނިތުންވެވޭތޯ ބަލަ އެވެ. ގަދަކަމުންނެވެ. ފުން ވިސްނުމެއްގެ ތެރޭންނެވެ. ޔައިޝް އަށް އެވީ ކީއް ހެއްޔެވެ؟ އަދި ގައިޝް މަރުވީ ކީއްވެ ހެއްޔެވެ؟
އާއެކެވެ. އެހެން އެވީ ޖީ.ސިކްސް. ޕީ. ޑީ ޑެފިސިއަންޓް ކުއްޖަކަށް ޔައިޝް ވުމުންނެވެ. އަދި އޭނާގެ ބޭބެ ގައިޝް އަކީ ވެސް އޭގެ ކުއްޖެކެވެ. އެހެނީ ގައިޝް ނިޔާވި ސަބަބު ކަމަށް ވާ ސިވިޔާ ނިއޯނޭޓަލް ޖޯންޑިސް (ޅަފަތުގައި ވަރަށް ބޮޑަށް ރީނދޫވުން) ޖެހުމުގެ އެއް ސަބަބަކީ ވެސް ހަމަ ޖީ.ސިކްސް.ޕީ.ޑީ ޑެފިސިއަންސީ އެވެ. އެއީ ކޮން އެއްޗެއް ހެއްޔެވެ؟
ޖީ.ސިކްސް.ޕީ.ޑީ ނުވަތަ ގުލުކޯސް ސިކްސް ފޮސްފޭޓް ޑީހައިޑުރޮނިޖޭސް ޑެފިސިއަންސީއަކީ އިންސާނާއަށް އޮކްސިޖަން ފޯރުކޮށްދޭ ރަތް ސެލް އޭގެ އެންމެ ފުރިހަމައަށް މަސައްކަތްކުރަން ބޭނުންވާ އެންޒައިމެއް (ހަށިގަނޑުގައި ހިނގާ ހަރަކާތްތައް ހިންގުމުގައި ބޭނުންވާ މުހިއްމު ބަހާއެއް) މަދުވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ.
ކަންމިހެން ހުރުމާ އެކު ޖީ.ސިކްސް.ޕީ.ޑީ ޑެފިސިއަންސީ އަކީ ކޮބައިކަން ކޮންމެހެން އެނގެން ޖެހެ އެވެ. މި ބަލި ގާތްގަނޑަކަށް 100 މިލިޔަނަށް ވުރެ ގިނަ މީހުން ތަހައްމަލްކުރެ އެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި މި ބަލި އާއްމު ނަމަވެސް ގިނަ ބަޔަކަށް މި ބައްޔެއް ނޭނގެ އެވެ. ރަތް ސެލް މަސައްކަތް ކުރަން ބޭނުންވާ އެންޒައިމެއް މަދުވުމުގެ ސަބަބުން ޖެހޭ މި ބައްޔަކީ މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަކުރާ ބައްޔެކެވެ. ޚާއްޞަކޮށް ފިރިހެން ދަރިންނަށެވެ. މީގެ މާނައަކީ އަންހެން ކުދިންނަށް މި ބަލި ޖެހުމުގެ އެއްވެސް ފުރުޞަތެއް ނެތް ވާހަކައެއް ނޫނެވެ. މަދުން ނަމަވެސް މިބަލީގެ ބައެއް އަލާމާތްތައް ބައެއް އަންހެންކުދިންގެ ފަރާތުން ވެސް ފެނެ އެވެ.
ހުންއައުމާއި، ބޮލުގައި ރިއްސުމާއި، ވަރުދެރަވުމާއި، ލޮލުގެ ތިރީ ރަވަ ފިޔާތޮށި ކުލަޔަށް ބަދަލުވުމާއި (ލޭ މަދުވުމުގެ ނިޝާނެއް)، ކުޑަކަމުދާތަކެތީގެ ކުލަ ގަދަވުމާއި ޅަފަތުގައި ރީނދޫ ވުމަކީ ޖީ.ސިކްސް.ޕީ.ޑީ ޑެފިސިއަންސީގެ އަލާމާތްތަކެވެ. މިއީ އޭގެ ޒާތުގައި ނުރައްކާތެރި ބައްޔަކަށް ނުވި ކަމަށް ވިޔަސް، ހާލަތު ނިޔާކުރާ ގޮތުން މަދުން ނަމަވެސް ފުރާނައަށް ނުރައްކާކުރާ ބައްޔެކެވެ.
ހީނާ ފަތް އެޅުމާއި، ކަރުބޮލަކުގެ ވަސް ބެލުމާއި، ކަރުބޮލަކު ލާފައި ހުންނަ އަލަމާރިތަކާއި، ކަބަޑުތަކުގައި އަޅުވާފައި ނުވަތަ ބަހައްޓާފައި ހުންނަ އަންނައުނު ލުމާއި، ފާވާ ބީންސް ނުވަތަ ބްރޯޑް ބީންސް ފަދަ ތޮޅި ބޭނުންކުރުމާއި، ތަފާތު ވައްތަރުތަކުގެ ވިހަ މާއްދާތައް އެކުލެވޭ މާހައުލުތަކަށް ދިއުމާއި ހުށަހެޅުމާއި، އަދި ބައެއް ކަހަލަ ބޭސްތަކަކީ މިބަލީގެ ބަލިމީހުންގެ، ބަލި އިތުރަށް ބޮޑުކޮށްދޭ ސަބަބުތަކެވެ. ފާވާ ބީންސް ފަދަ ތޮޅި، މި ބަލީގެ ކުދިންނަށް ކާން ނުދޭން ޑޮކްޓަރުން އިރުޝާދު ދެ އެވެ.
މި ބަލިން ރައްކާތެރިވުމަށްޓަކައި ޖީ.ސިކްސް.ޕީ.ޑީއަށް ސްކްރީން ކުރައްވާށެވެ. މިއީ ރާއްޖޭގައި ވެސް ވަރަށް ފަސޭހައިން ހެދޭ ޓެސްޓެކެވެ. މިބަލީގެ ބަލިމީހެއް ނަމަ ޑޮކްޓަރަށް ދައްކަން ދާއިރު އެވާހަކަ ބުނަން ހަނދުމަފުޅު ބައްޓަވާށެވެ. އަދި ނުގުޅޭ އެއްވެސް ބޭހެއް ހުރިތޯ އައްސަވާފި ނަމަ ލަސްނުކުރައްވާ ޖީ.ސިކްސް.ޕީ.ޑީގެ ވާހަކަ ވިދާޅުވާށެވެ.
މަތީގައި ދެންނެވި އެއްވެސް ބާވަތަކަށް ހުށަހެޅިއްޖެ ނަމަ ނުވަތަ އަލާމާތެއް ފެނިއްޖެ ނަމަ ގިނައިން ދިޔާ ތަކެތި ބޭނުންކުރައްވާށެވެ. އަދި ލަސްނުކުރައްވާ ޞިއްހީ އެހީތެރިއެއްގެ ލަފަޔާއި އިރުޝާދު ހޯއްދަވާށެވެ.
ނޯޓް: ޖީ.ސިކްސް.ޕީ.ޑީ ޑެފިސިއަންސީ ނޫނަސް ޅަފަތުގައި ރީނދޫ ވާން ދިމާ އެތައް ސަބަބެއް ހުރެ އެވެ.