02 ޖޫން 2022 - 13:28

މިލާން (ޖޫން 2) - އިނގިރޭސިވިލާތުގެ ލިވަޕޫލްގެ މައިނޯރިޓީ ހިއްސާ އޮންނަ އެމެރިކާގެ އިންވެސްޓްމަންޓް ކުންފުނި ރެޑްބާޑް ކެޕިޓަލް އިން 1.1 ބިލިއަން ޕައުންޑަށް (1.3 ބިލިއަން ޑޮލަރަށް) އިޓަލީގެ އޭސީ މިލާންގެ މެޖޯރިޓީ އޯނަރަކަށްވާން އެއްބަސްވެއްޖެ އެވެ.

މީގެ ހަތަރު އަހަރު ކުރިން އޭސީ މިލާން ގަތް މިހާރުގެ ވެރިން ކަމަށްވާ އެލިއޮޓް އެޑްވައިޒާ އިން ކްލަބް ވިއްކާލަން މީގެ ދުވަސްތަކެއް ކުރިން ވަނީ މަސައްކަތް ފަށައިފަ އެވެ. އަދި ކުލަބު ގަންނަން ޝައުގުވެރިކަން ފާޅުކުރި އެހެން އިންވެސްޓަރުންނާ އެކު ވަނީ މަޝްވަރާ ބައްދަލުވުންތައް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އޭސީ މިލާނުން އިއްޔެ ނެރުބު ބަޔާނެއްގައި ވަނީ، އަންނަ ސެޕްޓެމްބަރު މަހުގެ ކުރިން ރެޑްބާޑް ކުންފުންޏަށް ކުލަބުގެ މެޖޯރިޓީ ހިއްސާ ވިއްކާލަަން އެއްބަސްވެފައިވާކަން ހާމަކޮށްފަ އެވެ.
ރެޑްބޮކްސް އިން ވަނީ ލިވަޕޫލްގެ ވެރިން ކަމަށްވާ ފެންވޭ ސްޕޯޓްސް ގުރޫޕުގެ 10 ޕަސެންޓް ހިއްސާ މިދިޔަ އަހަރު ގަނެފަ އެވެ. މީގެ އިތުރުން 2020 ވަނަ އަހަރު ފްރާންސްގެ ތޫލޫސް އެފްސީ ގަތް އިރު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގެ ރާޖެސްތާން ރޯޔަލްސް ކްރިކެޓް ޓީމުގެ 15 ޕަސެންޓް ހިއްސާ ވެސް އޮންނަނީ އެ ކުންފުނީގަ އެވެ.
"އޭސީ މިލާންގެ މަޝްހޫރު ތާރީހުގެ ހިއްސާއަކަށް ވާން ލިބޭ ފުރުސަތަކީ ވަރަށް ބޮޑު ޝަރަފެއް. އިޓަލީ އާއި ޔޫރަޕް އަދި ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ މަތީ މަގާމަށް ކްލަބް އެނބުރި އަންނައިރު ކުރިމަގުގައި ކުލަބަށް ހިދުމަތް ކުރަން މިތިބީ ފޯރިއާ އެކު،" ރެޑްބާޑްގެ ފައުންޑާ އަދި މެނޭޖިން ޕާޓްނަރު ޖެރީ ކާޑިނަލް ވިދާޅުވެފައިވެ އެވެ.
"ރެޑްބާޑްގެ އިންވެސްޓްމަންޓްގެ ފަލްސަފާ އާއި ޓީމުގެ މިލްކުވެރިކަމުގެ ޓްރެކް ރެކޯޑުން ދައްކާ ގޮތުގައި ފުޓްބޯޅަ ކްލަބުތަކަށް ދަނޑުމަތީގައި އަދި ދަނޑުން ބޭރުގައި ވެސް ކާމިޔާބު ހޯދޭނެ."
އޭސީ މިލާނުން ވަނީ މި ސީޒަނުގެ އިޓާލިއަން ލީގުގައި ވާދަވެރި އިންޓަ މިލާން ފަހަތަށް ޖައްސާލައި މިދިޔަ ހަފްތާގައި ކުޅުނު ސީޒަނުގެ ފަހު މެޗު ކާމިޔާބުކޮށް، 11 އަހަރަށް ފަހު އަލުން އިޓަލީގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މިއީ އެ ޓީމުން ލީގު ކާމިޔާބުކުރި 19 ވަނަ ފަހަރެވެ. އަދި އޭސީ މިލާން ވަނީ ހަތް ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ހޯދައިފަ އެވެ.
އެލިއޮޓް އެޑްވައިޒާ އިން 2018 ވަނަ އަހަރު ކުލަބް ގަތީ އޭސީ މިލާން ހިންގަން 2017 ވަނަ އަހަރު ހަވާލުވި ޗައިނާގެ ކުންފުންޏަކުން ކުލަބުގެ ލޯނުގެ ބައެއް ނުދެއްކިގެންނެވެ. އޭގެ ކުރިން 1986 އިން ފެށިގެން 31 އަހަރު ވަންދެން އޭސީ މިލާން ކޮންޓްރޯލް ކުރީ އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބާލުސްކޯނީ އެވެ.
ޗައިނާ ކުންފުންޏަށް 830 މިލިއަން ޔޫރޯ އަށް އޭސީ މިލާން ވިއްކާލައި ބާލުސްކޯނީ ވަނީ ޖެހިގެން އައި 2018 ވަނަ އަހަރު ތިންވަނަ ޑިވިޝަނުގައި އޮތް އޭސީ މޮންޒާ ގަނެފަ އެވެ. މޮންޒާ ވަނީ ނިމުނު ސީޒަނުގައި އިޓާލީގެ ދެވަނަ ޑިވިޝަނުގެ ޕްލޭއޮފް ކާމިޔާބުކޮށް ފުރަތަމަ ފަހަރަށް ސެރީ އޭ އަށް ޕްރޮމޯޓްވެފަ އެވެ.
އޭސީ މިލާނުގެ ޓެކްނިކަލް ޑިރެކްޓަރުކަމުގެ މަގާމުގައި ހުރި އެޓީމުގެ ލެޖެންޑް ޕައޮލޯ މަލްޑިނީގެ ކޮންޓްރެކްޓް މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ. ނަމަވެސް ޖެރީ ކާޑިނަލް ހުރީ މަލްޑިނީއާ އެކު ކުލަބުގެ އާ ބާބު ކުރިއަށް ގެންދާށެވެ.
"މަލްޑިނީއާ އެކު އަހަރެމެން ކުރިއަށް ދާނީ. އަހަރެމެން ބަލިވާކަށް ބޭނުމެއް ނޫން. އަހަރެން ބޭނުމީ މޮޅުވާން. އެލިއޮޓް އާއި ޕައޮލޯ (މަލްޑިނީ) އަދި އިވާން ގަޒީޑިސް (މިލާނުގެ އެގްޒެކެޓިވް) ކްލަބާ އެކު ނިމުނު ސީޒަނުގައި ހޯދި ކާމިޔާބަށް މަރުހަބާ ކިޔަން،" އޭސީ މިލާނާ ހަވާލުވާނެކަން އިއުލާން ކުރުމަށް ފަހު ރެޑްބާޑްގެ ވެރިޔާ ކާޑިނަލް މީޑީއާއާ ވާހަކަ ދައްކަމުން ވިދާޅުވި އެވެ.
"އަހަރެން 25 އަހަރު ކުޅިވަރަށް އިންވެސްޓްކޮށްފިން. ބޭސްބޯލް ވޯލްޑް ސީރީޒް އާއި އެންބީއޭ ސުޕަ ބޯލް ވެސް ގާތުން ބަލައިފިން. އެކަމަކު މިދިޔަ އާދިއްތަ ދުވަހު (އޭސީ މިލާން ޗެމްޕިއަންކަން ހޯދި ދުވަހު) ކުރެވުނު ފަދަ އިހުސާސެއް އަދި ނުކުރެވޭ."