28 ޑިސެމްބަރ 2016 - 11:12

ލިވަޕޫލް (ޑިސެމްބަރު 28) – ސްޓޯކް ސިޓީ އަތުން ފަހަތުން އަރައި 4-1 އިން މޮޅުވެ އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމަށް އަރައި އެއް ވަނައިގައި އޮތް ޗެލްސީއާ ހަ ޕޮއިންޓް ގާތަށް ލިވަޕޫލް ޖެހިލައިފި އެވެ.
އެއް ވަނައިގައި 46 ޕޮއިންޓާ އެކު ޗެލްސީ އޮތްއިރު ލިވަޕޫލް ދެ ވަނައިގައި އޮތީ 40 ޕޮއިންޓާ އެކު އެވެ. އަދި ރޭގެ ނަތީޖާއާ އެކު، 39 ޕޮއިންޓާ އެކު އޮތް މެންޗެސްޓާ ސިޓީ ވަނީ ތިން ވަނަ އަށް ވެއްޓިފަ އެވެ. ހަތަރު ވަނައިގައި 37 ޕޮއިންޓާ އެކު އޮތީ އާސެނަލެވެ.
ލިވަޕޫލުގެ އެންފީލްޑުގައި ރޭ ކުޅުނު މެޗުގެ 12 ވަނަ މިނެޓުގައި ސްޓޯކުން ވަނީ ލީޑު ނަގައިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލް ފަހަތުން އަރައި ކުރި ހޯދީ އެޑަމް ލަލާނާ އާއި ރޮބާޓޯ ފިރްމީނިއޯގެ ގޯލްތަކުންނެވެ. ލިވަޕޫލުގެ ތިން ވަނަ ލަނޑު 70 ވަނަ މިނެޓުގައި ވަނީ ސްޓޯކުގެ އިމްބޫލާ އަތުން ބައިކޮޅަށެވެ. އަދި ހަތަރު ވަނަ ލަނޑު 70 ވަނަ މިނެޓުގައި ޖެހީ ޑެނިއަލް ސްޓަރިޖެވެ.
ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނީ ތަފާތު ބޮޑުކޮށް މޮޅުވި ނަމަވެސް މިއީ ވަރަށް އުނދަގޫ މެޗެއް ކަމަށެވެ.
"ޑިފެންސް ކުރަން ވަރަށް އުނދަގޫ. އަހަރެމެން އަތުގައި ބޯޅަ އޮންނަ ވަގުތު ފަސޭހަ ކުޅެން. އެކަމަކު ސްޓޯކުގެ ދިގު ބޯޅަތަކުން އުފައްދާ އެޓޭކްތައް ހުއްޓުވަން ވަރަށް އުނދަގޫވި. އަހަރެމެންނަށް މި މޮޅު ހައްގުވަނީ އަހަރެމެން އަތުގައި ކޮންޓްރޯލް އޮތް ވަގުތު މޮޅަށް ކުޅެފައިވާތީ،" ކްލޮޕް ބުންޏެވެ.
ސްޓޯކުގެ ކޯޗު މާކް ހިއުސް ބުނީ ފުރަތަމަ ހާފުގައި އޭނާ ބޭނުންވި ގޮތަށް ކުޅުނު ކަމަށާއި އެކަމަކު މޮޅުވާން އައިސް ބަލިވެގެން ދާން ޖެހުމުން ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށެވެ.
"ރަނގަޅު ފުރުސަތެއްގައި ރަނގަޅު ގޯލެއް ޖެހިން. ފަހުން ތަފާތު ބޮޑުކުރަން ލިބުނު. އެކަމަކު ގޯސްތަކެއް ހެދި ބައިކޮޅަށް ވަނީ ގޯލެއް،" ހިއުސް ބުންޏެވެ.