ބީއެމްއެލްގެ ސީއީއޯ މަގާމުން ވަކިވެވަޑައިގަންނަވަނީ
ބީއެމްއެލްގެ ސީއީއޯ މަގާމުން ވަކިވެވަޑައިގަންނަވަނީ

ބޭންކް އޮފް މޯލްޑިވްސް އާ އެކު ހަދާފައިވާ ތިން އަހަރުގެ އެއްބަސްވުން ނިމުމަކަށް އަންނަ ކަމަށާއި އެ މަގާމު އިތުރަށް އަދާކުރައްވަން ގަސްތުނުކުރައްވާ ކަމަށް އެ ބޭންކުގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވެއްޖެ އެވެ.

ބީއެމްއެލްގެ ސީއީއޯ މަގާމުން ވަކިވެވަޑައިގަންނަވަނީ
ބީއެމްއެލްގެ ސީއީއޯ މަގާމުން ވަކިވެވަޑައިގަންނަވަނީ

މުވައްޒަފުންނަށް މިއަދު ހެނދުނު ފޮނުއްވި ލިޔުމެއްގައި، އޭނާ ވިދާޅުވެފައިވާ ގޮތުގައި ކޮންޓްރެކްޓް އާ ނުކުރައްވަން ބޭންކުގެ ބޯޑާ ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

"ދެން ބޭންކުގައި ހިދުމަތްކުރާނީ މަހެއް ނުވަތަ ދެ މަހެއްހާ ދުވަހު،" އޭނާ ވިދާޅުވި އެވެ.

"މި ވޭތުވެދިޔަ އަހަރުތަކަކީ ބޭންކަށް ވަރަށް ދަތި އުނދަގޫ އަހަރުތަކެއް. ވަކިން ހާއްސަކޮށް ކޮވިޑްއާ އެކު ދިމާވި ބޮޑު ގޮންޖެހުންތަކެއް. އެހެންނަމަވެސް އެ ދަތިތަކުން އަރައިގަނެ މިއަދު ބޭންކު މިއޮތީ ކުރިމަގުގައި ވެސް ކާމިޔާބު ހޯދޭނެ ވަރަށް ވެސް ރަނގަޅު ހާލަތެއްގައި."

އޭނާ ވިދާޅުވެފައިވާ ގޮތުގައި ވޭތުވެދިޔަ މުއްދަތުގައި މުވައްޒަފުންނާއި ބޭންކު ހޯދި ކާމިޔާބީ އަށް އޭނާ ފަހުރުވެރިވެ ވަޑައިގަނެ އެވެ.

"އަދި ބޭންކާއެކު އަޅުގަނޑު ހޭދަކުރި މުއްދަތަކީ އަޅުގަނޑަށް ވެސް ވަރަށް އުފާވެރި ދުވަސްތަކެއް."

ބީއެމްއެލް އިން މިދިޔަ އަހަރު ބޭންކުން ވަނީ 1.9 ބިލިއަން ރުފިޔާގެ ސާފު ފައިދާ ހޯދައިފަ އެވެ. ބޭންކުން ވަނީ ޕްރޮފިޓް ޓެކްސްގެ ގޮތުގައި 543 މިލިއަން ރުފިޔާ ސަރުކާރަށް ދީފަ އެވެ. ޑިވިޑެންޑްގެ ގޮތުގައި 131 މިލިއަން ރުފިޔާ ދިނެވެ.

ބީއެމްއެލްގެ ވަރަށް ގިނަ މުވައްޒަފުން ފާހަގަކުރާ ގޮތުގައި ޓިމް އަކީ ރާއްޖޭގެ އިގްތިސާދު ވަރަށް ނާޒުކު ދަނޑިވަޅެއްގައި ގައުމީ ބޭންކް ހިފެހެއްޓުމުގައި މުހިންމު ފިޔަވަޅުތަކެއް އެޅުއްވި ބޭފުޅެއްގެ ގޮތުގަ އެވެ. އަދި އޭނާ އަކީ މޮޅު، ގާބިލް އަދި ހިންގުންތެރި ބޭފުޅެއްގެ ގޮތުގަ އެވެ.

ޓިމް ބީއެމްއެލްއާ ވަކިވެ ވަޑައިގަންނަވަނީ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެދާނެ ނުރައްކާތެރި އިންޒާރުތަކެއް ވެސް ދެއްވައިފަ އެވެ. މި ހަފުތާގައި ބޭއްވި، އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި އޭނާ ވިދާޅުވެފައިވާ ގޮތުގައި ދުނިޔޭގެ އިގްތިސާދަށް އަންނަ އިގްތިސާދީ ކަޅު ވިލާގަނޑު ރާއްޖެ އަށް ފޯރުމުގެ ފުރުސަތު އެބައޮތެވެ. އަދި އެއީ ތައްޔާރުވެ ތިބެން ޖެހޭ ކަމެއް ކަމަށް ވެސް ވިދޅުވި އެވެ.

"ފިނި މޫސުމް ރާއްޖެ އަށް ވެސް އައިސްދާނެ. އެކަމަށް ބީއެމްއެލްއިން މިދަނީ ތައްޔާރުވަމުން. މުޅި ރާއްޖެ ވެސް މިކަމަށް ތައްޔާރުވާން ޖެހޭ،" މަޝްހޫރު ޓީވީ ސީރީޒް "ގޭމް އޮފް ތްރޯންސް" ބުނާ "ވިންޓާ އިޒް ކަމިންގެ" އިންޒާރުން އޭނާ މިސާލު ޖެއްސެވި އެވެ.