"ސްޓާ ވޯޒް"ގެ ބަތަލާ ކެރީ ފިޝާ މަރުވެއްޖެ
"ސްޓާ ވޯޒް"ގެ ބަތަލާ ކެރީ ފިޝާ މަރުވެއްޖެ

"ސްޓާ ވޯޒް" ގެ ފިލްމުތަކުން ޕްރިންސެސް ލިއާގެ ރޯލުން މަޝްހޫރުކަން ހޯދި އެމެރިކާގެ ބަތަލާ ކެރީ ފިޝާ އަށް މިދިޔަ ހުކުރު ދުވަހު ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ދެމުން ދަނިކޮށް ރޭ މަރުވެއްޖެ އެވެ.

އުމުރުން 60 އަހަރުގެ ބަތަލާ އަށް ހާޓްއެޓޭކް ޖެހުނީ ލަންޑަނުން ފުރައިގެން އެމެރިކާގެ ލޮސް އެންޖެލިސް އަށް ކުރި ދަތުރުމަތީގައި މަތިންދާބޯޓުގަ އެވެ.

ލޮސް އެންޖަލިސްގެ ރޮނަލްޑް ރޭގަން މެޑިކަލް ސެންޓަރުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ފިޝާ މަރުވީ ހޭޓްއެޓޭކެއް ޖެހުނު ގޮތަށް ހޭވެސް ނާރައި އޮއްވަ އެވެ.

އޭނާގެ މަރާ ގުޅިގެން އާއިލާގެ ތަރުޖަމާން ބުނީ މިއީ ކެރީގެ އާއިލާ އަށް ވަރަށް ހިތްދަތި ވަގުތެއް ކަމަށާއި އާއިލާ އަށް ހެޔޮ ދުއާކޮށް ދިން އެންމެންނަށް އިހުލާސްތެރި ޝުކުރެއް އަދާކުރާ ކަމަށެވެ.

ދަރިފުޅުގެ ކުއްލި މަރާ ގުޅިގެން ކެރީގެ މަންމަ އަދި ބަތަލާ ޑެބީ ރޭނޮލްޑްސް، 84، ބުނީ އޭނާގެ ދަރިފުޅަކީ އެތައް ބައެއްގެ ހިތްތައް އުފާކޮށް ދިން ފަންނާނެއް ކަމަށާއި އޭނާގެ ވަކިވެ ދިއުމަކީ އެތައް ބަޔަކަށް ލިބުނު ވަރަށް ބޮޑު ހިތްދަތިކަމެއް ކަމަށެވެ. އަދި ހިތާމައިގެ މި ދަނޑިވަޅުގައި އާއިލާ އެކު ތިބި ހުރިހާ އެންމެންނަށް ޑެބީ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މިދިޔަ އަހަރު ރިލީޒްވި "ސްޓާ ވޯޒް: ފޯސް އެވޭކަން" ގައި ކެރީއާ އެކު މަސައްކަތް ކުރި އެކްޓަރު އަދި ކުރީގެ ލޯބިވެރިޔާ ހެރިސަން ފޯޑް ބުނީ "އަބަދު ވެސް އޭނާގެ މަތިން ހަނދާން ވާނެ" ކަމަށެވެ.

ކެރީގެ މަރާ ގުޅިގެން އެތައް ބަޔަކު މިހާރު އަންނަނީ ހިތާމަ ފާޅުކޮށް ޓްވީޓް ކުރަމުންނެވެ.

"ސްޓާ ވޯޒް" ސިލްސިލާގެ ހަތަރު ފިލްމެއްގެ އިތުރުން ކެރީގެ ފާހަގަކޮށްލެވޭ އިތުރު ބައެއް ފިލްމުތަކުގެ ތެރޭގައި ޝޭމްޕޫ (1975)، ދަ ބްލޫސް ބްރަދާޒް (1980)، ހަނާ އެންޑް ހަ ސިސްޓާސް (1986) އަދި ވެން ހެރީ މެޓް ސެލީ (1989) ފާހަގަކޮށްލެވެ އެވެ.

މަސްތުވާތަކެއްޗާއި ނަފުސާނީ މައްސަލަތަކެއް ވެސް ކުރިމަތިވެފައިވާ ކެރީ މަރުވި އިރު، އަންހެން ދަރިއަކު ދުނިޔޭގައި އެބަ ހުއްޓެވެ.

ކެރީ އާއި މިއުޒިޝަން ޕޯލް ސައިމަން 1983 ގައި ކުރި ކައިވެނި ޖެހިގެން އައި އަހަރު ރޫޅުނު ފަހުން އޭނާ ކައިވެންޏެއް ނުކުރެ އެވެ.