02 ޖޫން 2022 - 00:09

މިއަހަރުގެ ވޮލީ ސީޒަނަށް، ކްލަބްތަކަށް ބިދޭސީ ކުޅުންތެރިން ގެނައުމަށް ވިއޭމުން ހަވާލުވެ، އެ އެސޯސިއޭޝަންގެ ހަރަދުގައި ގެނައި ކުޅުންތެރިން ކްލަބަތަކާ ހަވާލުކޮށްފި އެވެ.

އިންޑިއާގެ ގައުމީ ވޮލީ ލީގުން ފާހަގަ ކުރެވުނު 18 ކުޅުންތެރިން، ރާއްޖެ ގެނެސް ވީއޭއެމުން ވަނީ ކޮންމެ ކްލަބަކަށް ތިން ކުޅުންތެރިން ހަމަޖައްސައިދީފަ އެވެ. ޓީމުތަކަށް ބިދޭސީ ކުޅުންތެރިން ފޯރުކޮށްދިނީ ކްލަބްތަކުގެ މެދުގައި ގުރު ނަގައިގެން ތަރުތީބު ލައްވާލި ގޮތަށެވެ.

ޓީވީއެމްގެ ސްޓޫޑިއޯގައި މިރޭ ބޭއްވި ހަފުލާގައި ގުރުއަތުން ތަރުތީބު ދިމާވުމުން، ކޮންމެ ކްލަބަކުން ވެސް ވަނީ އެކްލަބަކުން ކުޅުންތެރިން ބޭނުންވާ މަގާމަކީ ކޮބައިކަން ހާމަކޮށް، އެމަގާމަށް ކުޅޭ ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިންްގެ ތެރެއިން ކުޅުންތެރިޔަކު އިހްތިޔާރު ކޮށްފަ އެވެ.

ރާއްޖޭގެ ތާރީހްގައި ކުޅިވަރު އެސޯސިއޭޝަނަކުން، ބިދޭސީ ކުޅުންތެރިން ކްލަބްތަކަށް ގެނެސް ދިނުމަށް ފެށި ހަރަކާތުގައި ފުރަތަމަ ނަސީބު ލައްވާލީ، ސްޕޯޓްސް ކްލަބް ސިޓީ އަށެވެ. މިރޭގެ ރަސްމިއްޔާތުގައި ވަނީ މުބާރާތުގަެ ގުރު ވެސް ނަގާފަ އެވެ. މިމަހު 14 ގައި ފަށާ މުބާރާތަށް މި ކުޅުންތެރިންނާއެކު ޕްރެކްޓިސް ކުރުމަށް 10 ދުވަހުގެ މުއްދަތެއް ލިބިގެންދާނެ އެވެ.

ރައްމިއްޔާތުގައި ވާހަކަ ދައްކަމުން، ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް ވިދާޅުވީ، މިހުރިހާ ކަމެއް ގުޅެނީ ގައުމީ ޓީމު ވަރުގަދަ ކުރުމުގެ މައްޗަށް ކަމަށެވެ. ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެ ވަޑައިގެންނެވި ހަފުލާގައި އެމަނިކުފާން ވެސް ވަނީ ވާހަކަ ދައްކައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ކުޅިވަރުގައި ކުރިން އޮތް ފޯރި ގެނައުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވީ، މީގެ ކުރިން ސަރުކާރުން އެހީތައް ލިބެމުން ދިޔައީ ފުޓްބޯޅަ ކްލަބްތަކަށް އެކަނި ކަމަށެވެ. އެކަމަކު މިރެއަކީ އެކަން ބަދަލުވެގެންދާ ރޭ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
އެސޯސިއޭޝަން ކަޕް ކުރިއަށް ދާނީ ތިން މަރުހަލާއަކަށެވެ. ފުރަތަމަ ކުރިއަށް ދާނީ ރައުންޑް ރޮބިން އުސުޅުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް ކުޅޭ ބުރެވެ. އެބުރުގެ އެއްވަނަ ހޯދާ ޓީމު ފައިނަލަށް ކޮލިފައި ވާނެ އެވެ. ދެވަނަ ޓީމާ ތިންވަނަ ޓީމަށް ޖެހޭނީ ސެމީ ފައިނަލްގެ ޕްލޭއޮފް ކުޅޭށެވެ. އެމަރުހަލާއިން މޮޅުވާ ޓީމެއް ފައިނަލަށް ދާނެ އެވެ.