މި ހުރީ ކުނި ވަކިކޮށްލާފައި
މި ހުރީ ކުނި ވަކިކޮށްލާފައި

އެކި ބާވަތްތަކުގެ ކުނި ވަކިކޮށްގެން ކުނި ނެރުމުން ނޫން ގޮތަށް މިއަދުން ފެށިގެން ކުނި ނުގެންދާނެ ކަމަށް ވެކްމޯ އިން އެންގުމާ އެކު އާންމުންގެ ފަރާތުން ފެނުނީ ތަފާތު މަންޒަރެކެވެ. ތިން، ހަތަރު ކޮތަޅަށް ކުނި ވަކިކުރުމަކީ ފަސޭހަ ކަމަކަށް ނުވިޔަސް ފެނުނީ ވެމްކޯގެ އެންގުމަށް ކިޔަމަންތެރިވި މަންޒަރެވެ.

ފުރަތަމަ ދުވަހުގެ ތަޖުރިބާ ވެމްކޯ އިން ހިއްސާކުރީ ބައެއް ގޭބިސީތަކުން ނަގާފައިވާ ފޮޓޯތަކާ އެކު އެވެ. ފެންނަނީ މާކަރަކުން ކޮތަޅުގެ ބޭރުގައި "ކުނިވެފައި" ނުވަތަ "ކުނިނުވާ" އަދި "ޕްލާސްޓިކް" ޖަހާފައިވާ މަންޒަރެވެ. އަދި ގޭބިސީތަކުގައި ބަހައްޓާފައި ހުންނަ ޑަސްބިންތަކުގައި ވެސް އެ ހުރިހާ ބާވަތްތަކެއް ވަކިކޮށްފައި ހުރި މަންޒަރު ފެނުމުން ވަރަށް ބޮޑަށް ވެމްކޯގެ މުވައްޒަފުން ވެސް ސަޕްރައިޒް ވެއްޖެ އެވެ.

ވެމްކޯ އިން ބުނީ ކަސްޓަމަރުންގެ ފަރާތުން ލިބުނު "ޕޮޒިޓިވް ރެސްޕޮންސް" އިން ސަޕްރައިޒްވި ކަމަށެވެ. ކަސްޓަމަރުންގެ ފަރާތުން ތަކުރާރުކޮށް ފެންނަނީ އެންގުންތަކަށް ކިޔަމަންތެރިވާ މަންޒަރު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"ވަކިކޮށްގެން ކުނި ނެރުނު ކަސްޓަމަރުންނަށް ޓީމް ވެމްކޯގެ ފަރާތުން ތަރުހީބުދެން،" ވެމްކޯ އިން ބުންޏެވެ.

އެ ކުންފުނިން މިހާރު އަމަލުކުރަން ފަށާފައިވާ ގޮތުން ކުނިކޮތަޅު ވަކިކޮށްފައި ކުރިން ވެސް ބަހައްޓާ ސަރަހައްދުގައި ބެހެއްޓުމުން ކުނި ނަގަންދާ މީހުން އެތަނަކުން ކުނި ނަގައިގެން އެއީ ކޮންކަހަލަ ކުންޏެއްކަން ދެނެގަންނާނެ އެވެ.

ވެމްކޯއިން ކުނި ނަގަން ދާ މީހުން، ކޮތަޅުގެ ބަރުމިނާއި ދުވާ ވަހަށް ބަލައިގެން އެއީ ކޮން ކުންޏެއްކަން ދެނެގަންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތަށް ކުނި އުފުލުމަށް ކޮންމެ ސަރަހައްދަކަށް ވެސް ވެމްކޯގެ ވެހިކަލް ދާނެ އެވެ.