02 ޖޫން 2022 - 06:15

ކަރަން ޖޯހަރުގެ ކުރިއަށް އޮތް ފިލްމު، "ޖުގް ޖުގް ޖިޔޯ" ގެ "ނާޗް ޕަންޖާބަން" ލަވަ ރިލީޒްކުރުމާ އެކު އެ ލަވައަކީ ޕާކިސްތާނުގެ ލަވައެއްގެ ކޮޕީއެއް ކަމަށް ބުނެ އެ މައްސަލަ ފެންމަތިކޮށްފި އެވެ.
ޕާކިސްތާނުގެ ލަވަކިޔުންތެރިއެއް ކަމަށްވާ، އަބްރާރް އަލް ހައްގު ބުނެފައިވާ ގޮތުގައި ކަރަންގެ ފިލްމުގައިވާ ލަވައަކީ އޭނާ ކިޔާފައިވާ ލަވައެއްގެ ޓިއުނެވެ.
އޭނާގެ ހުއްދަ ނެތި އެ ލަވަ ބޭނުންކުރި ކަމަށް ބުނެ އެކަން ކުށްވެރިކޮށް ގިނަ ބަޔަކު ވަނީ ކަރަންއަށް ފާޑުކިޔައިފަ އެވެ.
އަބްރާރް ބުނެފައިވާ ގޮތުގައި އެ ލަވަ ބޭނުންކުރުމުގެ ހުއްދަ އެއްވެސް މީހަކަށް އޭނާ ދީފައެއް ނުވާނެ އެވެ. އެ މައްސަލައާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދިނެވެ.
އަބްރާރުގެ އަޑުން ކިޔާފައިވާ "ނާޗް ޕަންޖާބަން" ނެރެފައި ވަނީ 2000 ވަނަ އަހަރު އެވެ.
އެއްވެސް ހުއްދައެއް ނެތި އެ ލަވައިގެ ރާގު ބޭނުންކުރިކަމުގެ ތުހުމަތު ކުރި ނަމަވެސް، މިއުޒިކް ކުންފުނި، ޓީ ސީރީޒް އިން ވަނީ އެ ތުހުމަތުތަކަށް ރައްދުދީފަ އެވެ. އެ މީހުން ބުނެފައިވާ ގޮތުގައި އައި ޓިއުންސްގައި 2002 ވަނަ އަހަރު ރިލީޒްކުރި އެ ލަވައިގެ ރައިޓްސް ވަނީ ގަނެފަ އެވެ.
މީގެ ކުރިން ވެސް ވަނީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިން ޕާކިސްތާނުގެ ލަވަތައް ކޮޕީކުރިކަމުގެ ތުހުމަތުކޮށްފަ އެވެ. މިފަހުން ލަވަކިޔުންތެރިޔާ ކަނީކާ ކަޕޫރް، ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ ހަދީގާ ކިއާނީގެ ލަވައެއް ކޮޕީކުރިކަމުގެ ތުހުމަތުކުރިޔަސް ކަނީކާ އެކަމަށް އެއްބަހެއް ނުވި އެވެ.