02 ޖޫން 2022 - 06:14

ބޮލީވުޑްގެ އެކްޓަރު ސަލްމާން ހާންގެ ސެކިއުރިޓީ ވަރުގަދަކޮށްފި އެވެ.
ސަލްމާންގެ ސެކިއުރިޓީ ވަރުގަދަކޮށްފައި ވަނީ އިންޑިއާގެ ޕަންޖާބުގެ މަޝްހޫރު ރެޕާ، ސީދޫ މޫސް ވާލާ ގަޔަށް ބަޑި ޖަހައި މަރައިލިކަމުގެ ޒިންމާ އުފުލި ގޭންގަކީ މީގެ އަހަރުތަކެއް ކުރިން ސަލްމާނަށް ވެސް މަރުގެ އިންޒާރު ދިން ގޭންގަކަށްވާތީ އެވެ.
ސީދޫ މަރާލާފައި ވަނީ ވެސް އޭނާއަށް އިންޒާރުތަކެއް ދިންތާ އަހަރުތަކެއް ފަހުން، އޭނާގެ ސެކިއުރިޓީ އުވާލިތަނާހެންނެވެ.
ސަލްމާނަށް 2018 ގައި އިންޒާރުދިން ލޯރެންސް ބިޝްނޯއީ ހުރީ އެހެން މައްސަލައެއްގައި ތިހާރުގެ ޖަލެއްގައި ކަމަށްވެ އެވެ. އެކަމަކު އޭނާގެ ގޭންގުގެ މެމްބަރުން އެކި ތަންތަނުގައި އުޅޭތީ ސަލްމާން ހާނުގެ މުމްބާއީ ގޭގެ ސެކިއުރިޓީ ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.
ލޯރެންސް ސަލްމާނަށް އިންޒާރުދިނީ ހިމާޔަތްކޮށްފައިވާ ޖަނަވާރެއް ޝިކާރަކުރި މައްސަލާގައި ކަމަށްވެ އެވެ.