01 ޖޫން 2022 - 17:10

ބީއެމްއެލުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮންލައިންކޮށް، ފަންޑްރެއިޒް ކުރެވޭނެ ޕްލެޓްފޯމެއް ތައާރަފުކޮށްފި އެވެ.
'ކައިންޑްލީ ބައި ބީއެމްއެލް" ނަމުގައި ތައާރަފުކުރި މި ޕްލެޓްފޯމަކީ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމައަށް ހިންގުމަށް ރާވާފައިވާ، މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން އެއް ހަރަކާތެވެ.
އެއީ ޖަމިއްޔާތަކުން ފަންޑްރެއިޒް ކެމްޕޭން ގާއިމްކޮށް، ޖަމިއްޔާގެ ފަރާތުން މުޖުތަމައަށް ފައިދާ ކުރަނިވި ހަރަކާތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް، ފަސޭހައިން ބޭނުންކުރެވޭ ރައްކާތެރި ޕްލެޓްފޯމެއް ކަމަށް ބީއެމްއެލުން ބުނެ އެވެ.
އެ ބޭންކުން ބުނީ ޕްލެޓްފޯމުން ފަންޑްރެއިޒްކުރާ ފަރާތުގެ ގޮތުގައި ޖަމިއްޔާތަކަށް ގިނަ ކެމްޕޭންތަކެއް ހިންގައި، ފަސޭހައިން ރިޕޯޓުތައް ނެގޭ ގޮތަށް، އެހީގެ އަދަދު ވަގުތުން ބަލާލައި އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ކެމްޕެއިން ޕްރޮމޯޓްކުރެވޭނެ ކަމަށެވެ.
ރާއްޖޭގައި ރަޖިސްޓްރީކޮށް އަދި މަދުވެގެން ދެ އަހަރު ދުވަހު ހިންގާފައިވާ ޖަމިއްޔާތަކަށް 'ކައިންޑްލީ ބައި ބީއެމްއެލް' ގައި ރަޖިސްޓަރީ ކުރެވޭނެ އެވެ.
ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވިގޮތުގައި، ޖަމިއްޔާތަކުން ހިންގާ ކެމްޕޭނުތަކަށް އާންމުންނަށް ރައްކާތެރިކަމާއެކު ފައިސާ ހަދިޔާކުރުމަށް ރާއްޖޭގައި އެންމެ ފުރަތަމަ ތައާރަފުކުރާ އޮންލައިން ފަންޑްރެއިޒިން ޕްލެޓްފޯމް ހެދުމަކީ ލިބުނު އުފަލެއް ކަމަށެވެ.
"މުޅި ދުނިޔޭގައި ވެސް ކްރައުޑްފަންޑިން އަކީ މަގުބޫލު ކަމެއް. ކައިންޑްލީގެ ހިޔާލު އައީ ފަންޑްރެއިޒްކުރާ ފަރާތްތަކާއި އަދި އެހީ ބޭނުންވާ ފަރާތްތަކަށް މުހިންމު އަދި އެންމެ ފަހުގެ ކެމްޕެއިންތަކަށް، ހެޔޮ އެދޭ ފަރާތްތަކުން ރައްކާތެރިކަމާއެކު އެހީދިނުމަށް މަގުފަހިކޮށްދިނުމުގެ ބޭނުމުގައި،" އޭނާ ވިދާޅުވި އެވެ.