02 ޖޫން 2022 - 10:56

އެސްޓީއޯގެ ލީސިން ޕާޓްނަރުން މެދުވެރިކޮށް ވެސް އެ ކުންފުނީގެ ކްރެޑިޓް ސްކީމުން މުދާ ދޫކުރަން ހަމަޖައްސައިފި އެވެ.
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަ ކޮށްގެން އެސްޓީއޯ އިން ވަރަށް ކުރިއްސުރެ ފެށިގެން ހިންގާ ކްރެޑިޓް ސްކީމުން މިހާތަނަށް މުދާ ދޫކުރަމުން އައީ އެ ކުންފުނީގެ ފިހާރަތަކުން އެކަންޏެވެ. ނަމަވެސް އެސްޓީއޯ އިން ބުނީ، ސްކީމަށް ގެނައި ބަދަލާއެކު، އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިހާރު ހިންގާ ބައެއް އަމިއްލަ ވިޔަފާރިތަކުން ވެސް ކްރެޑިޓަށް މުދާ ނެގޭނެ ކަމަށެވެ.
އެސްޓީއޯ ކްރެޑިޓް ސްކީމަކީ ސަރުކާރުގެ ވަޒީފާއެއްގައި އުޅޭތާ ހަ މަސް ދުވަސް ވެ، ވަޒީފާ ދާއިމީ ވެފައި ތިބި މީހުންނަށް އެ ކުންފުނިން މުދާ ކްރެޑިޓަށް ނެގޭ ސްކީމެކެވެ.
މުވައްޒަފުންގެ ކްރެޑިޓް ލިމިޓް ނުވަތަ ކްރެޑިޓަށް މުދާ ނެގޭނެ ވަރު ކަނޑައަޅަނީ އަހަރަކު ލިބޭ މުސާރަ އަށް ބަލައިފަ އެވެ. ނަމަވެސް އެންމެ މަަތިން މުދާ ނެގޭނެ ލިމިޓަކީ 50،000ރ. އެވެ. ލިބޭ މުސާރަ އަށް ބަލައި، އެކި މުވައްޒަފުންގެ ލިމިޓް ތަފާތު ވާނެ އެވެ.
ކްރެޑިޓަށް ދޫކުރާ މުދަލުގެ، އެސްޓީއޯގެ އަގުން 10 ޕަސެންޓުގެ ސާވިސް ޗާޖެއް ނަގާނެ ކަމަށް އެ ކުންފުނީގެ ގަވައިދުގައި ބުނެ އެވެ. އަދި ސާވިސް ޗާޖާއެކު، ސްކީމު ބޭނުންކުރާ މުވައްޒަފުންގެ މުސާރަ އިން ކޮންމެ މަހަކު އެސްޓީއޯގެ ކްރެޑިޓަށް ވަކި ވަރެއް ކެނޑޭނެ އެވެ. މުސާރަ އިން ކަނޑާނީ އެ މީހެއްގެ މުސާރައިގެ ތިންބައިކުޅަ އެއްބައެވެ.