ވަކިކޮށްގެން ކުނި އުކާލަން ދަތިކަމެއް ނެތް: ވެމްކޯ
ވަކިކޮށްގެން ކުނި އުކާލަން ދަތިކަމެއް ނެތް: ވެމްކޯ

އެކި ބާވަތްތަކުގެ ކުނި ވަކިކޮށްގެން ކުނި އުކާލަން ޖެހުނަސް ވެމްކޯގެ އޮޕަރޭޝަނަށް އެއްވެސް ދަތިކަމެއް ނެތް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ވެމްކޯއިން ބުނީ ކުނި އުކާލުމުގައި ތިން ބަޔަށް ކުނި ވަކިކުރި ނަމަވެސް، އެކަން ކުރަން ވެމްކޯ ފުރިހަމައަށް ތައްޔާރުކަމަށެވެ. ވަކިކޮށްގެން ކުނި ތިލަފުއްޓަށް އުފުލަން ވަކި ބާޖުތަކެއް މިހާރު ކަނޑައަޅާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ވެމްކޯގެ ސީނިއާ ޕަބްލިކް ރިލޭޝަންސް އޮފިސަރު އަހުމަދު އާޒިމް ވިދާޅުވީ ކުނި ކޮތަޅު ވަކިކޮށްފައި ކުރިން ވެސް ބަހައްޓާ ސަރަހައްދުގައި ބެހެއްޓުމުން ކުނި ނަގަން އަންނަ މީހުން އެތަނަކުން ކުނި ނަގައިގެން އެއީ ކޮންކަހަލަ ކުންޏެއްކަން ދެނެ ގަންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ވެމްކޯއިން ކުނި ނަގަން ދާ މީހުން، ކޮތަޅުގެ ބަރުމިނާއި ދުވާ ވަހަށް ބަލައިގެން އެއީ ކޮން ކުންޏެއްކަން ދެނެގަންނާނެ ކަމަށެވެ.

މިއަދުން ފެށިގެން ގޭގެއިން ބޭރުކުރާ ކުނިވާ ޒާތުގެ ކުންޏާއި ޕްލާސްޓިކް އަދި އެހެނިހެން ބާވަތްތަކުގެ ކުނި ނެރެން ޖެހޭނީ ވަކިންނެވެ. މިގޮތަށް ކުނި އުފުލުމަށް ކޮންމެ ސަރަހައްދަކަށް ވެސް ވެމްކޯގެ ވެހިކަލް ދާނެ އެވެ.

ދުވާލެއްގެ މައްޗަށް ވެމްކޯއިން 1،200 ޓަނުގެ ކުނި މާލެއިން އުފައްދަ އެވެ.

ވެމްކޯއިން ވަނީ ކުނިތައް ވަކިކޮށް ގޭގެއިން ނެރެންޖެހުމާ ގުޅިގެން އާންމުންގެ މެދުގައި އުފެދޭ ސުވާލުތަކަށް ޓްވިޓާގައި ޖަވާބުދީފަ އެވެ. ވެމްކޯއިން ދީފައިވާ ޖަވާބުތަކުގައިވާ ގޮތުން ކޮންމެހެން ވަކި ކުލައެއްގެ ކޮތަޅެއްގައި ކުނި ބަހައްޓާކަށް ނުޖެހޭނެ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ވެސް ކުނި ނަގާ ވަގުތުތަކުގައި އެ ގެއަކުން ކުނި ނަގަން ދާނެ ކަމަށް ވެމްކޯއިން ބުނެފައިވެ އެވެ.