ފަނޑިޔާރު އަބްދުﷲ ހަމީދު ވަކިކުރަން ތްރީލައިން ވިޕެއް
ފަނޑިޔާރު އަބްދުﷲ ހަމީދު ވަކިކުރަން ތްރީލައިން ވިޕެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މާލޭގެ ހައި ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަށް އޭރުގެ ހައުސިން މިނިސްޓްރީން ދިން ފްލެޓްތައް ގަބޫލުކުރެއްވި މައްސަލާގައި މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ ފަނޑިޔާރުންގެ ތެރެއިން އަބްދުﷲ ހަމީދު ވަކިކުރަން އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފި އެވެ.

ފްލެޓް މައްސަލާގައި ދެން ވަކިކުރަން ނިންމި ފަނޑިޔާރު އަބްދުލްރައޫފް އިބްރާހިމް އިއްޔެ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ރައޫފާއި ހަމީދު މަގާމުން ވަކިކުރަން ނިންމުމުގެ ކުރިން ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރު ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. ފްލެޓް ލިބިވަޑައިގަތް ފަނޑިޔާރުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަތަސް އެ މައްސަލާގައި ޖޭއެސްސީން ގޮތެއް ނިންމުމުގެ ކުރިން އޭނާ އިސްތިއުފާ ދެއްވީ އެވެ. އޭނާ މިހާރު ވަނީ ޑެޕިއުޓީ ޕީޖީގެ މަގާމަށް އައްޔަންކޮށްފަ އެވެ.

ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ފަނޑިޔާރު އަބްދުﷲ ހަމީދު ވަކިކުރަން ތްރީލައިން ވިޕެއް ނެރުނީ މިއަދު ބޭއްވި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ކަމަށެވެ.

ރައޫފާއި ފަނޑިޔާރު އަބްދުﷲ ހަމީދު ވަކިކުރަން މަޖިލީހަށް ފޮނުވިޔަސް، ޖޭއެސްސީން އަމަލުކުރި ބައެއް އިޖްރައާތުތަކާ މެދު މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ވަނީ ސުވާލު އުފައްދައިފަ އެވެ.