01 ޖޫން 2022 - 12:26

ތައިވާންގެ ވަށައިގެންވާ ސަރަހައްދުގައި، ޗައިނާ ސިފައިން އަސްކަރީ ތަމްރީންތަކެއް ފަށައިފި ކަމަށް އެ ގައުމުގެ އަސްކަރިއްޔާ އިން މިއަދު ބުނެފި އެވެ.

އަމިއްލަ އަށް މިނިވަންކަން އިއުލާންކޮށް އެމެރިކާ އާއި ހުޅަނގުގެ ބޮޑު ތާއީދެއް ހޯދާފައިވާ ތައިވާނަކީ، ޗައިނާ އިން ދެކޭ ގޮތުގައި އެ ގައުމުގެ އެއް ބައެވެ. ޗައިނާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި ތައިވާންގެ ކައިރީގައި އަސްކަރީ ތަމްރީންތައް ފެށީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.

މި ތަމްރީންތަކާ ބެހޭ ގޮތުން ޗައިނާ ސިފައިންގެ އިރުމަތީ ސަރަހައްދުގެ ކޮމާންޑުން ބުނި ގޮތުގައި މި ފަރިތަކުރުންތަކަކީ، ޗައިނާއާ ދެކޮޅަށް އެމެރިކާ އާއި ތައިވާނުން ބަދަހިކުރަމުންދާ ސިއްރު ގުޅުމަށް ރައްދު ދިނުމަށްޓަކައި ވަރަށް މުހިންމު ފަރިތަކުރުންތަކެކެވެ.
"މި ފަހަކަށް އައިސް އެމެރިކާ އިން އެ ދަނީ ތައިވާނާ ގުޅޭ ގޮތުން އެކި ކަންތައް ކުރަމުން. ދައްކަނީ އެހެން ވާހަކައެއް، ކުރަނީ މުޅިން އެހެން ކަމެއް. އަމިއްލަ މިނިވަންކަން ހޯދަން ތައިވާން ކުރާ މަސައްކަތަށް އެމެރިކާ އިން އެދަނީ އެހީވަމުން، އެ ކަމުގެ ސަބަބުން ވަރަށް ނުރައްކާތެރި ހާލަތަކަށް ތައިވާން ހިނގައިދާނެ،" ޗައިނާ ސިފައިންގެ އިރުމަތީ ސަރަހައްދުގެ ކޮމާންޑުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ތައިވާންގެ ވަށައިގެންވާ ސަރަހައްދުގައި ޗައިނާ އިން އަސްކަރީ ފަރިތަކުރުންތަކެއް ކުރިއަށް ގެންދާކަމަށް ޗައިނާ އިން މި ބުނީ، އެ ގައުމުގެ އަސްކަރީ މަތިންދާބޯޓުތަކެއް މިދިޔަ ހޯމަ ދުވަހު ތައިވާންގެ ވައިގެ ދިފާއީ ސަރަހައްދަށް ވަނުމާ ގުޅިގެން، ތައިވާނުން އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. އެ ދުވަހު ޗައިނާގެ އަސްކަރީ 30 މަތިންދާބޯޓު، ތައިވާންގެ ހުޅަނގު ދެކުނުން އޮންނަ ޕްރަޓާސް އަތޮޅުގެ މަތިން ބުރުތަކެއް އެޅި ކަމަށް ތައިވާނުން ބުނެ އެވެ.
ޗައިނާގެ އެ މަތިންދާބޯޓުތައް ތައިވާންގެ ވައިގެ ދިފާއީ ސަރަހައްދަށް ވަނީ، އެމެރިކާގެ ސެނެޓް މެމްބަރެއް ކަމަށްވާ ޓަމީ ޑަކްވޯތު ތައިވާނަށް ވަޑައިގެން އުޅުއްވަނިކޮށެވެ. ޗައިނާގެ ޚާރިޖިއްޔާ އިން ބުނި ގޮތުގައި، ސެނެޓް މެމްބަރުގެ އެ ޒިޔާރަތާ ދެކޮޅު ހެދުމުގެ ގޮތުން ޗައިނާ ސަރުކާރުން މިހާރު ވާނީ އެމެރިކާގެ ޚާރިޖިއްޔާ އަށް، އިހުތިޖާޖުގެ ރަސްމީ ލިޔުމެއް ފޮނުވައިފަ އެވެ.
ޗައިނާ އިން ބުނި ގޮތުގައި އެ ގައުމުން ގެންގުޅޭ އެއް ޗައިނާ ސިޔާސަތަށް އެމެރިކާ އިން ވެސް އިހުތިރާމް ކުރަންޖެހޭނެ އެވެ. އަދި ތައިވާނާ އެކު އޮފިޝަލުން ބަދަލުކުރުމުގެ މަސައްކަތް ހުއްޓާލައި، ވަކިވެގަތުމަށް މަސައްކަތް ކުރާ ތައިވާންގެ ހަނގުރާމަވެރިންނަށް ނުބައި މެސެޖެއް ލިބިދާނެ ފަދަ އެންމެހައި އަމަލުތައް ހުއްޓައިލުމަށް ވެސް ޗައިނާގެ ޚާރިޖިއްޔާ އިން ގޮވާލާފައިވެ އެވެ.
ތައިވާނަށް މިނިވަންކަން ހޯދައިދޭނެ އެމެރިކާ އިން ކުރަމުންދާ މަސައްކަތަށް އިޝާރާތް ކުރައްވައި، ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ޒައޯ ލިޖިއަން ވިދާޅުވީ ޗައިނާގެ ސަރަހައްދީ ރައްކާތެރިކަމާއި ސިޔާދަތީ މިނިވަންކަން، ބާރުގެ ބޭނުންކޮށްގެން ވެސް ދިފާއުކޮށް ދަމަހައްޓާނެ ކަމަށެވެ.
ޗައިނާ ސަރުކާރުން އުފައްދާފައި އޮންނަ، ތައިވާން އެފެއާޒް އޮފީސް އޮފް ދަ ސްޓޭޓް ކައުންސިލްގެ ތަރުޖަމާނު ޒޫ ފެންގްލިއަން ވިދާޅުވި ގޮތުގައި ތައިވާންގެ ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކުން ހިންގާ ވަކިވެގަތުމުގެ ހަރަކާތްތަކުގައި ސިއްރުން ވިޔަސް ބައިވެރިވެ ތާއީދުކުރުމަކީ، އެމެރިކާ އަށް ވެސް ހުރި ނުރައްކަލެކެވެ.
މީގެ 72 އަހަރު ކުރިން، 1949 ވަނަ އަހަރު ނިމުނު ޗައިނާގެ ދާހިލީ ހަނގުރާމައިގައި، ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރު ސިފައިންގެ މައްޗަށް ކުރި ހޯދީ، ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ ހަނގުރާމަވެރިންނެވެ. އެ ނާކާމިޔާބީއާ ގުޅިގެން، ރިޕަބްލިކް އޮފް ޗައިނާގެ މުޅި ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ އެތައް މިލިއަން ބަޔަކު، ޗައިނާގެ މައި ބިން ދޫކޮށް ރެފިއުޖީންގެ ގޮތުގައި ތައިވާން ޖަޒީރާ އަށް ހިޖްރަކޮށް، ތައިވާންގައި ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި އާ ސަރުކާރެއް ގާއިމުކުރި އެވެ.
އެއާ އެކު ޗައިނާގެ މައި ބިމުގައި، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި، ކޮމިޔުނިސްޓް ޕާޓީގެ ފަރާތުން މުސްތަގިއްލު ދައުލަތެއް ގާއިމުކޮށް ވެރިކަން ކުރަން ފެށި އެވެ. ނަމަވެސް އދ.ގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮތީ ރިޕަބްލިކް އޮފް ޗައިނާ (ތައިވާން) އެވެ. އަދި އެއީ ވީޓޯ ކުރުމުގެ ބާރާއެކު ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރެއްގެ ގޮތުގައި އޮތް ގައުމެކެވެ.
ޗައިނާ އަށް މިއައި ބޮޑު ބަދަލާ ގުޅިގެން، 1971 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު، އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓެއްގައި، ރިޕަބްލިކް އޮފް ޗައިނާ (ތައިވާން)، އދ. އިން ވަކިކުރި އެވެ. އޭގެ ބަދަލުގައި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ (މިހާރުގެ ޗައިނާ) އަށް، އދ.ގެ މެމްބަރުކަން ދިނެވެ.
ރެފިއުޖީންގެ ގޮތުގައި ތައިވާނަށް ހިޖްރަކުރި ކަމުގައި ވިޔަސް، އެމެރިކާ އިން އޭރުވެސް ތާއީދުކުރީ ތައިވާނުގައި އޮތް ރިޕަބްލިކް އޮފް ޗައިނާ އަށެވެ. އަދި 1970ގެ އަހަރުތަކުގައި ޗައިނާގެ މުޅި ބިން އެމީހުންގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް، ތައިވާނުން އޭރުން ދިޔައީ ބުނަމުންނެވެ.