01 ޖޫން 2022 - 08:28

އާދިއްތަ ދުވަހާ ގުޅޭ
"ޒުހުރީ ކީއްވެ ދޮގުހެދީ؟" ނާސިހާ ބުންޏެވެ.
އަހަރެން ދޮގުހެދީ ކީއްވެގެންކަން ބުނެވިދާނެއެވެ. އެއީ އެއްވެސް ކަމެއް ނޫނެވެ. އެކަމަކު އޭރުން ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ނާސިހާޔާ އަޅައިބަލާ އިރު އަހަންނަކީ ކާކު ހެއްޔެވެ؟ އަހަރެން ކިތަންމެ ލޯތްބެއް ވިޔަސް އަހަރެން ދެކެ ނާސިހާ ލޯތްބެއް ނުވާނެއެވެ. އެއީ ހީވާހީވުމެއް ނޫނެވެ. ޔަގީންކަމެކެވެ.
"ކީއްވެހޭ ދޮގުހެދީ؟" ނާސިހާ ސުވާލު ތަކުރާރުކުރިއެވެ. "އަހަރެން ބުނެފާނަމޭ ކީއްވެގެންކަން. ޒުހުރީ ބޭނުންވަނީ އަހަރެންގެ އަގުވައްޓާލަން. އާނއެކޭ ބުނޭ!"
އަހަންނަކަށް އާނއެކޭ ނުބުނެވޭނެއެވެ. އަބަދުވެސް އަހަރެން އެދޭއެދުމަކީ ނާސިހާ އުފަލުގައި އުޅުމެވެ. ހިނިތުންވެފައި ހުރުމެވެ. ހިރަފުހާއި، ބަލިތަކާއި، އުނދަގޫތަކުން ދުރުވެ ހުރުމެވެ. އެހެނަސް ނާސިހާގެ ޝައްކު ޖާއިޒެވެ. ކުރާ ހުރިހައި ކަމެއް އަހަރެން ކުރަނީ ނާސިހާއަށް ސިއްރުންނެވެ. ދުނިޔެއަށް ސިއްރުންނެވެ. އަހަރެންގެ ހިތުގައި އޮތް އެއްޗެއް، އެންމެ އިންސާނަކަށް މެނުވީ ނޭނގޭނެއެވެ. އެކަމަކު އެއް ސުވާލު އަހަރެން އުފެއްދީމެވެ.
"ނާސިހާގެ އަގުވައްޓާލައިގެން އަޅުގަނޑަށް ކޮން ފައިދާއެއްތޯ ވާނީ؟" އަހަރެން ބުނީމެވެ.
"އޭރުން އަހަރެން އޮފީހުން ކަނޑާލާނެ. ދެން އިރުއިރުކޮޅާ އަހަންނަކަށް ޒުހުރީއަށް މަސައްކަތެއް ހަވާލެއް ނުކުރެވޭނެއްނު،" ވިސްނައި ނުލައި ނާސިހާ ބުންޏެވެ. "ބޮލަށްފަސޭހަވާނެއްނު. މަސައްކަތް މަދުވާނެއްނު. ތީ އަހަރެން ދަންނަ ވައްތަރެކޭ. ތި ކަހަލަ މީހުން ގާތުގަ ބުނާ އެއްޗެއް ހަނދާނެއް ނުހުންނާނެ. ކުރާ ކަމެއް ރަނގަޅަކަށް ނުކުރެވޭނެ. ބުނާ އެއްޗެއް ރަނގަޅަކަށް ނުވެސް އިވޭނެ. މިހާރު ވެސް އަހަރެން މި އަހަނީ ކީއްވެގެންހޭ އަހަންނަށް ދޮގުހެދީ؟ އަދިވެސް ނީވެއެއްނު!"
އަހަރެން ހިތަށްއެރިއެވެ. ސަބަބު ބުނާނަމެވެ. ބޮޑު ވަރަކަށް ކުރެވޭނެކަމަކީ އަހަރެން އޮފީހުން ކަނޑައިލުމެވެ. އޭރުން ދެން އަހަންނަކަށް ނާސިހާ ކައިރިޔަކު ނުހުރެވޭނެއެވެ. އެ ސެންޓުވަހުން އަހަރެން މަހުރޫމުވީއެވެ. އަހަރުމެން ދެމީހުންނަކަށް ވާހަކައެއް ނުދެއްކޭނެއެވެ. އަހަންނަކަށް ނާސިހާއަށް އެއްވެސް ކަމެއް ނުކޮށްދެވޭނެއެވެ. އެހެންވިޔަސް އަހަރެން ހިތްވަރުކުރީމެވެ.
"ނާސިހާ ދެކެ އަޅުގަނޑު ވަރަށް... ބިރުގަނޭ!" އެ ފަހަރު އަހަރެން ހެދީ ދޮގެކެވެ. "ހިތަށްއެރީ، ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑު އަތުންނޭ ކާޑު ގެއްލޭނީ. އެހެންވެ ބިރުން ވާހަކައެއް ހަދާލެވުނީ. މާފުކުރައްވާ!"
ނާސިހާ ކުއްލިއަކަށް ހޭން ފެށިއެވެ. އޮފީހުން ވަކިވާންޖެހިދާނެކަމުގެ ބިރާއި، ނާސިހާ ރުޅިއައީތީ އެ ކަމުގެ ހިތާމައާއި، އަހަރެންގެ ލޯބި ބޭޒާރުވެދާނެކަމުގެ ހާސްކަން އިހުސާސްކުރަމުންދިޔަ އަހަރެންގެ ހިތަށް ފިނިކަން ލިބުނެވެ. ހޭން ބޭނުންވިއެވެ. ހޭކަށް ނުކެރުނެވެ.
"ކިހިނެއްވީތޯ؟" އަހަރެން އެހީމެވެ.
"އަހަންނަކީ ހަމަ އެހާ ބިރުވެރި މީހެއްތަ؟" ނާސިހާ ސުވާލުކުރިއެވެ. "ދެން ދޭ! ދެން ވެސް އެ ކަހަލަ ކަމެއް ނުކުރާތި!"
މައްސަލަ ހައްލުވިއެވެ. އަހަރެން އެ ގެއިން ނުކުތީމެވެ. ހިތަށްއެރިއެވެ. އެ ފުރުސަތުގެ ބޭނުން، އެންމެ އެދެވޭ ގޮތުގައި ހިފުނު ނަމައެވެ. ވަރަށް ރީތި އަންހެންކުދިން ވަރަށް ހުތުރު ފިރިހެނުންނާ އިނދެއެވެ. ވަރަށް މުއްސަނދި އަންހެނުން ވަރަށް ފަގީރު ފިރިހެނުންނާ ވެސް އިނދެއެވެ. އަހަންނަށް އެ ނަަސީބު ނުލިބޭންވީ ކީއްވެގެން ހެއްޔެވެ؟ އާދައިގެ ފިރިހެނުންނަށް އާދަޔާ ހިލާފު އަންހެނުން ލިބެނީ ކެރިގެން ކުރިމަތިލީމައެވެ. ފީ ކުކުޅެއްހެން ހާލީގައި ކުކުރަން އޮވެގެނެއް ނޫނެވެ. ދެން ލިބޭ ފުރުސަތެއްގައި ހިތް ހުޅުވައިލާނަމެވެ. ނާސިހާ އެހެން މީހެއް ދެކެ ލޯބިވުން އެއީ އަދި މުޅީން އެހެން ކަމެކެވެ.
އަހަރެން ހަވީރު ވާޓަރު މައްޗަށް މަސްބާނަން ދަމެވެ. އެއީ އަހަރެންގެ ހޮބީއެކެވެ. އެ ކަމުން އަހަންނަށް ވަރަށް ބޮޑު ފައިދާއެއް ވެސް ކުރެއެވެ. މަހެއް ނުބޭނިގެން ހުންނަން ޖެހުމުން އަހަންނަށް ކެތްކުރަން ދަސްވެއެވެ. ބޮޑުމަހެއް ނުބޭނި ކުޑަމަހެއް ބޭނުމުން ޝުކުރުކުރަން ދަސްވެއެވެ. ހުޅުވިފައި އޮންނަ އުދަރެހާއި، ކަނޑުގެ ފުންކަމުން އަހަރެންގެ ކުޑަކަމާއި ނިކަމެތިކަން ތަސައްވަރުކުރެވެއެވެ.
ކާޑުގެ މައްސަލައިގައި އަހަރެން ދޮގުހެދިކަން ފަޅާއެރި ދުވަހުގެ ހަވީރު ވެސް މަސްބާނަން ދިޔައީމެވެ. ދިޔަ އިރު އެ ތަނުގައި ނަސީރު އިނެވެ. ބިމަށް ތުންގަނޑު ހަރާލައިގެންނެވެ. އޭނައަކީ އަހަރެންނަށް ވުރެ އަތްމަތި ތިޔާގި މީހެކެވެ. މޮޅަށް ކިޔަވައިގެން ހުރި މާ ރީތި މީހެއް ވެސް މެއެވެ. އަހަރުމެން ދެ މީހުންގެ އެއްގޮތްވާ ހަމަ އެކަނި ތަންކޮޅަކީ، ލޯބިވެރިޔާ ގާތުގައި ލޯބިވާ ވާހަކަ ބުނަން ނުކެރުމެވެ.
"ހާދަހާ ބަނަ ދުވަހެކޭ!" ސަމާސާ ރާގެއްގައި އަހަރެން ބުނީމެވެ. "މިއަދު މަހެއް ބޭނޭނެބާ؟"
"އެކަކަށް ވެސް ހެޔޮވާނެކަމެއް ނެތް. އެއްވެސް ކަމެއް ކޮށްދޭނެކަމެއް ނެތް،" އިސްޖަހައިގެން އިނދެ، ވަރަށް ރުޅިވެރި ރާގެއްގައި ނަސީރު ބުންޏެވެ. "އަހަރުމެން މާ ރަނގަޅީ. މާ ހެވީ. ތަންކޮޅެއް ނުލަފާވާންވީ. ހޭއަރާވަރު ކޮށްލަންވީ."
"އޭތްއޭތް! މާތްކަލާކޯ!" އަހަންނަށް ބުނެވުނެވެ. "ކޮން ހާސަރެއް ތި ދަމަނީ؟"
ނަސީރު ވާޓަރު މަތިން ފުންމާލިއެވެ. ނިކަން ބާރަށް ހިނގައިގަތެވެ. ތަންކޮޅަކަށް ގޮސްފައި އަލުން އެނބުރި އައެވެ.
"ތި ކުރަނީ ބޭކާރު ކަމެއް،" ފޫހިވެފައިވާ ރާގެއްގައި ނަސީރު ބުންޏެވެ. "އޭނައަކަށް ނޭނގޭނެ. އެނގުނަސް އެނގުނުކަމަކަށް ވެސް ނަހަދާނެ. ކަލޭ ދެކެ އޭނަ ލޯތްބެއްނުވާނެ. ދުވަހަކު ވެސް ނުވާނެ. ގަބޫލުކުރަންޏާ ކުރޭ ނުކުރަންޏާ ނުކުރޭ!"
ނަސީރު ދިޔަ ގޮތަށް ދިޔައީއެވެ. ނަސީރު ކުރިން އިން ތަނުގައި އަހަރެން އިށީނީމެވެ. ބިމަށް ތުންގަނޑު ހަރާލެވުނެވެ. ހިތަށްއެރިއެވެ. ނަސީރު އެ ބުނީ ތެދެއް ހެއްޔެވެ؟ އަހަރެންނަށް ކުރެވެމުންދިޔައީ ބޭކާރުކަމެއް ހެއްޔެވެ؟ ދެން ހިތަށްއެރިއެވެ. އާނއެކެވެ. އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ކޮށްދޭ އެއްވެސް ކަމެއް ނާސިހާއަކަށް ނޭނގޭނެއެވެ. ނާސިހާ ލޯބިވަނީ އެހެން މީހެއް ދެކެއެވެ. އޭނަޔާ ކައިވެނިކުރާނީ މާދަމާ ނޫންކަމެއް ވެސް ނޭނގެއެވެ.
"ޒުހުރީ!" ނަސީރު ގޮވާލުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ.
އޭރު އަނެއްކާ ވެސް ނަސީރު ހުރީ އެނބުރިއައިހެވެ. އަހަރެން ނުވެސް ދެނަހުރީމެވެ.
"ތި ކަން ހުއްޓާލާ! އެއީ އެއް ގޮތް،" ނަސީރު ލަފާދިނެވެ. "އަނެއް ގޮތަކީ، "ބޮޑު ޕާރުސަލެއް ތައްޔާރުކޮށްގެން ހުރޭ! އެ މަންޖެގެ ކައިވެނިޕާޓީއަށް އަހަންނަށް ދެވުނީ ހުސްއަތާ. ޒުހުރީ އަތުގަ ހަދިޔާއެއް އޮންނާނެ. ލަދަކުން ސަލާމަތްވާނެ."
އަހަރެންނަށް ހިޔާލުދީފައި ނަސީރު ދިޔައީކީ ނޫނެވެ. އަހަރެން އިނީ އިސްޖަހައިލައިގެންނެވެ. އެހެންކަމުން އަހަންނަށް ފެންނަނީ ނަސީރުގެ ފަޔެވެ.
"ތިންވަނަ ގޮތެއް ވެސް ބުނެދީފާނަން. އަސްލު އަހަރެން ވެސް ހަދަންވީ އެހެން،" ނަސީރު ބުންޏެވެ. "އޭނަ ގެއަށް ގެނެސް ބަނދެފަ ބައިންދަންވީ! އޭރުން އެހެން މީހަކާ ހިތައެއް ނުވެވޭނެ. އެހެން މީހެއްގެ އަންބަކަށް ވެސް ނުވެވޭނެ. ނިމުނީނު."
އަހަރެން އިސްއުފުލައިލީމެވެ. ހިތުގައި ސުވާލެއް އުފައްދަމުންނެވެ. ތީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ހެއްޔެވެ؟ ނަސީރު ވަގުތުން ބޯޖަހައިލިއެވެ. އަހަރެންގެ ހިތް ނަސީރު ކިޔައިލި ކަހަލައެވެ. އެ ވަގުތު އަހަރެންގެ ހިތް ބުނީ މިހެންނެވެ. އެއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. އެއީ އަނިޔާވެރި، ހުތުރުކަމެކެވެ.
މަސްބާނާ ނިމިގެން ގެއަށް އައި އިރު އަހަރެންގެ ހިޔާލު ހުރީ މިހެންނެވެ. އޭރުން ނާސިހާ ހިބައިން ލިބުނީއެވެ. ގެއަށް އަންނަ އިރު ގޭގައި އިންނާނެއެވެ. އަހަރެންގެ ކޮޓަރިއަކީ އެހެން މީހަކު ވަންނަ ތަނެއް ނޫނެވެ. އަނިޔާނުކުރީމަ އެއީ އަނިޔާވެރިކަމަކަށް ނުވާނެއެވެ. އެއީ ހުތުރުކަމެއް ވެސް ނޫނެވެ. މޮޅުކަމެކެވެ. އެއިން ދޭހަވާނީ އަހަރެންގެ ކެރޭކަމެވެ. އަހަރެން ކިހާ ލޯބިވާކަމެވެ.
މެހުމާނަށް ޓަކައި އަހަރެން ކޮޓަރި ތައްޔާރުކުރަން ފެށީމެވެ. އަހަރެންގެ ކޮޓަރިއަކީ ސާފުތާހިރުކޮށް އޮންނަ ތަނެކެވެ. އެކަމަކު އިތުރަށް ސާފުކޮށް، ކުލަލައި، ކުރިން ހުރި އެނދު ނެރިފައި އެހެން އެނދެއް ބެހެއްޓީމެވެ. އެ އެނދަކީ، ރައްޓެއްސަކު އަހަންނަށް ދިން، ބޮޑު އެނދެކެވެ. ކޮޓަރީގައި އޮތް ތަރަފާލު ހަލާކެއް ނުވެއެވެ. އެހެނަސް ބަދަލުކޮށްލަން ބޭނުންވިއެވެ. އެ ވަރަށް ފައިސާ ނެތީއެވެ. ހުރިހައިކަމެއް ކޮށް ނިންމި ތަނާ، އަނެއްކާ ވެސް ކުރިން ހިތަށްއަރާ އެތި ހިތަށްއެރިއެވެ. ހުތުރު މީހުންނަށް ރީތި މީހުން ލިބިފައި އެބަ ހުއްޓެވެ. ފަގީރު މީހުންނަށް މުއްސަނދިން ވެސް ލިބިފައި އެބަ ހުއްޓެވެ. ފަހަރެއްގައި އަހަންނަށް ވެސް ނާސިހާ ލިބިދާނެއެވެ. ނުލިބޭނެކަމަށް ނިންމަން ޖެހޭނީ ލިބޭތޯ ބަލައިފައެވެ.
ނާސިހާއަށް ސިޓީ ފޮނުވަނީ ކާކުކަން އަހަންނަށް އެނގިއްޖެއެވެ. އެއީ، އަންހެންކުދިންގެ ހިތުގައި ވިކަން ކުޅަދާނަ މީހެކެވެ. އަހަންނަށް ހީވާ ގޮތުގައި އޭނަ ރައްޓެހިވެގެން އުޅެނީ އެންމެ ކުއްޖަކާ ވެސް ނޫނެވެ. އޭނަޔާ ނާސިހާގެ ގުޅުން ވެސް ބަދަހިވެއްޖެއެވެ. އެ ދެ މީހުން އެއްތަންވުމުން ލޮލުން ފޮނުވާ މެސެޖުތައް ވަރުގަދަވެފައި، މާނަ ފުނެވެ. އެ ހުރިހައި ކަމެއް އެނގި ހުރެ އަހަރެން ލޯބިވާ ވާހަކަ ނާސިހާ ގާތުގައި ހަމަ ބުނަންވީ ހެއްޔެވެ؟ ހިތާ ސުވާލުކުރުމުން އަންނަނީ އެންމެ ޖަވާބެކެވެ. ނުބުނަނީހެއް ނާސިހާއަކަށް ނޭނގޭނެއެވެ.
ލޯބިވާ ވާހަކަ ބުނަން އަހަރެން ދަނޑިވަޅަކަށް އިންތިޒާރުކުރަން ފެށީމެވެ. އަހަންނަށް އެ ކަން ކުރެވޭނެއެވެ. އަހަންނަކީ، ކުޑަ އިރު ކުށެއްކޮށްފައި ފިލި މީހާއެވެ. ލޯބިވާ ވާހަކަ ބުނުމަކީ ކުށެއް ނޫނެވެ. އިންކާރުކޮށްފިއްޔާ ދެން ކުރަންވީ ކަންތަކަށް ވެސް އަހަރެން ހުރީ ތައްޔާރުވެގެންނެވެ.
"ޒުހުރީ!" އޮފީސް ކުނިކަހަން ހުއްޓައި ނާސިހާ ގޮވައިލިއެވެ.
އެއީ ވަރަށް ހެނދުނުގެ ވަގުތެކެވެ. ޗުއްޓީއާއި ސަލާމުގެ ސަބަބުން އޮފީސް ފަޅުވެފައި އޮތް ދުވަހެކެވެ. އަހަރެން ބަލައިލުމުން، ނާސިހާގެ ބޮލުގެ އިޝާރާތުން އައުމަށް އެދުނެވެ. އަހަރެން ދިޔައީމެވެ.
"ކިހިނެއްވީ؟" ނާސިހާ އެހިއެވެ.
"އެއްވެސް ކަމެއް ނުވޭ!" އަހަރެން ބުނީމެވެ.
"އެހެންނުވާނެ!" ނާސިހާ ވަރަށް ޔަގީންކަމާ އެކުގައި ބުންޏެވެ. "އަހަންނަށް ހީވަނީ ޒުހުރީ ކޮންމެވެސް ވާހަކައެއް ދައްކަން އުޅޭހެން. އިރުއިރުކޮޅާ ބެލިޔަކަސް، ނުބުނަންޏަކާ ނޭނގޭނެއްނު. ބުނެބަލަ! ފިރިހެނުންނަށް ނިކަން ކެރެންޖެހޭނެ."
އަހަންނަށް ހިތްވަރުދިނީ ނާސިހާއެވެ. އެ ކުރެވުނީ ކިހާ ވަރެއްގެކަމެއްކަމެއް ނާސިހާއަކަށް ނޭނގެއެވެ.
"އަޅުގަނޑު ބުނާ އެއްޗަކުން ނާސިހާ ރުޅިދުރުވެދާނެތީ ބިރުގަނޭ!" އަހަރެން ބުނީމެވެ.
"އެއްކަލަ ބޮޑު ބިރު،" ހީނގެންފައި ނާސިހާ ބުންޏެވެ. "ކޮންމެ އެއްޗެއް ބުންޏަސް އަހަރެން ރުޅިއެއް ނާންނާނަން. ދެން ނުޖެހޭނެއްނު ބިރުގަންނާކަށް. ކޮން ވާހަކައެއް ބުނަން ތި އުޅެނީ؟"
"އަޅުގަނޑު ނާސިހާ ދެކެ ވަރަށް ލޯބިވޭ!" އަހަރެން ބުނީމެވެ.
ނުނިމޭ