މަޝްހޫރު ލަވަކިޔުންތެރިޔާ ކޭކޭ ޝޯއެއް ހުށަހަޅާ ނިމުނުތަނާ މަރުވެއްޖެ
މަޝްހޫރު ލަވަކިޔުންތެރިޔާ ކޭކޭ ޝޯއެއް ހުށަހަޅާ ނިމުނުތަނާ މަރުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިޝްނާ ކުމާރު ކުންނަތު (ކޭކޭ) އަށް ހާޓް އެޓޭކެއް ޖެހިގެން ރޭ މަރުވެއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކޭކޭގެ ބަލިވީ އިންޑިއާގެ ސިޓީއެއް ކަމަށްވާ ކޮލްކަތާގެ ނަޒްރުލް މަންޗުގައި ޝޯއެެއް ހުށަހަޅަން ހުއްޓަ އެވެ. އެކަަމަކު ހަށިގަނޑަށް އުނދަގޫތަކެއްވާ ކަމަށް ބުނެފައި ވެސް އޭނާ ވަނީ ޝޯ ދީފަ އެވެ. މަރުވީ ޝޯ ނިންމާލުމަށް ފަހު ހޮޓަލަށް ދިޔަ ފަހުން ސިޑިން މައްޗަށް ވެއްޓިގެން ފަރުވާ ދެނިކޮށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކޭކޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފަ އެވެ.

އުމުރުން 53 އަހަރުގައި ކޭކޭ ސޯޝަލް މީީޑިއާގައި އެންމެ ފަހުގެ ޕޯސްޓްކޮށްފައި ވަނީ ރޭ ޝޯ ހުށަހަޅަމުންދިޔަ މަންޒަރާއި އެތަނަށް ސަޕޯޓަރުން އެއްވެފައި އޮތް ފޮޓޯތަކެވެ. އެ ޕޯސްޓުގައި ސަޕޯޓަރުން ދެކެ ވަރަށް ލޯބިވާ ކަމަށް ބުނެފައިވެ އެެވެ.

ހިޓު އެތައް ލަވައެއް ކިޔާފައިވާ ކޭކޭގެ ކުއްލި މަރާ އެކު ބޮލީވުޑްގެ ތަރިންނާއި ލަވަކިޔުންތެރިން ވެސް ދަނީ ހިތާމައިގައި ބައިވެރިވަމުންނެވެެ.

އެ ހިތާމައިގައި ބައިވެރިވެވަޑައިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކޭކޭގެ ލަވަތަކަކީ އެކި އުމުރުފުރާތަކުގެ މީހުންގެ މެދުގައި މަގްބޫލު ލަވަތަކެއް ކަމަށާއި އޭނާގެ ހަނދާންތައް އަބަދުވެސް އާކުރާނީ އެ ލަވަތަކާ އެކު ކަމަށެވެ.

ކޭކޭއަކީ އެކި އޯޑިއަންސްތަކަށް ލަވަކިޔާފައިވާ މީހެކެވެ. އޭނާ ވަނީ ހިންދީ ލަވަތަކުގެ އިތުރުން ތަމަޅަ އާއި ތެލޫގޫ އާއި ކަންނަޑާ އާއި މަލަޔާލަމް އަދި ބެންގަލީ ލަވަތަކުގެ އިތުރުން ވެސް އެކި ބަސްތަކުން ލަވަ ކިޔައިފަ އެވެ.

ކޭކޭ އޭނާގެ ފުރަތަމަ އަލްބަމް ނެރެފައި ވަނީ 1999 ގަ އެވެ. އޭގެ ފަހުން ބޮލީވުޑްގެ އެތައް ފިލްމަކަށް އޭނާ ލަވަކިޔާފައިވެ އެވެ.

އޭނާގެ ބޮލީވުޑް ކެރިއަރު ފެށީ ސަލްމާން ހާނާއި އައިޝްވާރިޔާ އަދި އަޖޭ ދޭވްޖަން ލީޑު ރޯލު ކުޅުނު ފިލްމު، "ހަމް ދިލް ދޭ ޗުކޭ ސަނަމް" އިންނެވެެ. އެ ފިލްމަށް އޭނާ ކިޔައިދިން "ތަޅަޕް ތަޅަޕް" އަކީ ހިޓެކެވެ. އެ ލަވައިން އޭނާގެ ރަން އަޑުގެ ޖާދޫގައި އެތައް ބަޔަކު ޖެއްސުވި އެވެ.

މިއުޒިކީ ކެރިއަރުގައި ކޭކޭއަކީ ވަރަށް ކާމިޔާބު ތަރިއެކެވެ. އޭނާގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ޕިޔާރު ކޭ ޕަލް" އާއި ޔާރޯ" އާއި "އޯ މޭރި ޖާން" އާއި "ހުދާ ޖާނޭ" އާއި "ޒަރާ ސަ" އާއި ދިލް އިބާދަތު" އަދި "ޕެހެލާ ޕެހެލާ ޕިޔާރު" ހިމެނޭނެ އެވެ. އެއީ މިއަދުވެސް ގިނަ ބައެއްގެ މެދުގައި މަގްބޫލު ލަވަތަކެކެވެ.

ކޭކޭ މަރުވިއިރު އޭނާގެ އަނތްބަކާ ދެ ކުދިން ދުނިޔޭގައި އެބަ ތިއްބެވެ.