ޕިނޯކިއޯގެ ލައިވް އެކްޝަން ޓްރެއިލާ ނެރެފި
ޕިނޯކިއޯގެ ލައިވް އެކްޝަން ޓްރެއިލާ ނެރެފި

ޑިޒްނީގެ މަޝްހޫރު ކެރެކްޓަރު "ޕިނޯކިއޯ"ގެ ލައިވް އެކްޝަން ފިލްމުގެ ފުރަތަމަ ޓީޒާ ޓްރެއިލާ އާންމުކޮށްފި އެވެ.

އެއީ އެތައް ޒަމާނެއް ވަންދެއް ކުޑަކުދިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ކެރެކްޓާ އެވެ. މިހާރު ޑިޒްނީ އިން މަސައްކަތް ކުރަނީ އެ ކެރެކްޓަރު އަސްލަށް ގެނެސް ފިލްމެއްގެ ގޮތުގައި ނެރުމަށެވެ.

އަލަށް ނެރުނު ޓީޒާ ޓްރެއިލާ އިން ގިނަ ކެރެކްޓަރުން ފެނެ އެވެ. އޭގެ ތެރޭގައި "ބްލޫ ފެއަރީ" އާއި "ޖެޕެޓޯ" ވެސް ހިމެނެ އެވެ. ނަމަވެސް ޓްރެއިލާގައި ޕިނޯކިއޯއެއް ނުފެނެ އެވެ. އެހެންވެ، މިހާރު ފޭނުން އިންތިޒާރު ކުރަނީ ޕިނޯކިއޯ ފެންނާނެ ދުވަހަކަށެވެ.

ފިލްމަކީ ބޮޑު ކާސްޓެއްގެ ފިލްމެކެވެ. އޭގެ ތެރޭގައި އެމެރިކާގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ޓޮމް ހޭންކްސް އާއި ޖޮސެފް ގޯޑޮން ލެވިޓް އަދި ސިންތިއާ އަރީވޯގެ އިތުރުން ލޫކް އެވަންސް ހިމެނެ އެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހު، އެ ފިލްމު ރިލީޒް ކުރާނީ ޑިޒްނީގެ ސްޓްރީމިން ސާވިސް ޑިޒްނީ ޕްލަސް އަށެވެ.