31 މެއި 2022 - 13:51

އދ. މަންދޫ ބަނދަރުގެ ނެރަށް ވަންނަ ދިމާ ފުންކުރުމުގެ ބޮޑުބައެއް ނިންމައިފި އެވެ.
މަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއާ ހަވާލުވެފައިވާ އެމްޓީސީސީން މި މަސައްކަތުގެ ގާތްގަނޑަކަށް 90 ޕަސެންޓް މިހާރު ވަނީ ނިންމައިފަ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށިގެން ކުރިއަށް ދާ މި މަޝްރޫއުގެ ދަށުން، 65،854 ކިއުބިކް މީޓަރު ސަރަހައްދުގެ ބަނދަރު ފުންކޮށް، އެއްގަމު ތޮއްޓާއި ބޭރު ތޮށި ލުން ހިމެނެ އެވެ. އަދި 71 މީޓަރުގެ ރިވެޓްމެންޓާ އެކު 50 މީޓަރުގެ ގްރޮއިން ވެސް ޖަހާނެ އެވެ.
ބަނދަރާއި ނެރުގައި ބައްތި ހަރުކުރުމާއި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް ކުރާނީ އެމްޓީސީސީންނެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށި މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެއް އަހަރު ތެރޭ ނިންމަން އެއްބަސްވެފައިވާ މި މަޝްރޫއުގެ އަގަކީ 34.1 މިލިއަން ރުފިޔާ އެވެ.
މަންދޫ ބަނދަރުގެ މަޝްރޫއު ފެށުން ލަސްވީ އެ ރަށުގައި ބަނދަރު އަޅާނެ ދިމާލެއް ކަނޑަނޭޅިގެން ކަމަށް މީގެ ކުރިން އެމްޓީސީސީން ވަނީ ބުނެފަ އެވެ.