ފޯޖު ޑޮކިއުމެންޓް ހުށަހެޅި ތިން ކުންފުންޏެއް ސަސްޕެންޑްކޮށްފި
ފޯޖު ޑޮކިއުމެންޓް ހުށަހެޅި ތިން ކުންފުންޏެއް ސަސްޕެންޑްކޮށްފި

ސަރުކާރުން ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދަން ފޯޖު ޑޮކިއުމެންޓް ހުށަހެޅި ތިން ކުންފުންޏަކާއި ދިން މުއްދަތަށް މަސައްކަތް ނުނިންމި އިތުރު ކުންފުންޏެއް ސަސްޕެންޑްކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީ އަށް ފޯޖު ޑޮކިއުމެންޓް ހުށަހެޅި މައްސަލައިގައި ސަސްޕެންޑް ކުރީ، އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެސްޓޮނިޝް ކްލީނިން ކޮމްޕެނީ އަދި ކޭއެސްއޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ. އަދި މަޝްރޫއުގެ އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުގެންދިއުމުން މޫވް އެކްސް ކުންފުނި ވެސް ސަސްޕެންޑްކުރި އެވެ.

މަޝްރޫއުތައް ލަސްވާ މައްސަލައިގައި ގެއްލުންވާތީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެސް ސަރުކާރުން ވަނީ ދެ ކުންފުންޏެއް ސަސްޕެންޑްކޮށްފަ އެވެ. އެއީ އެލްއެފް ކޮންސްޓްރަކްޝަނާއި އެނާޖީ މެނޭޖްމަންޓް ސިސްޓަމް ކުންފުންޏެވެ.

ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުން، އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ވަނީ ލ. ގަމު މުކުރިމަގު ސްކޫލު އިމާރާތުގެ ބީލަން މަރުހަލާގައި ފޯޖު ޑޮކިއުމެންޓް ހުށަހަޅައިފަ އެވެ. އެ ކުންފުނި ސަސްޕެންޑްކުރީ މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

އެސްޓޮނިޝް ކްލީނިން ކޮމްޕެނީ އާއި ކޭއެސްއޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ސަސްޕެންޑްކުރީ ހުޅުމާލޭ ހޮސްޕިޓަލް ސާފުކުރާނެ ބަޔަކު ހޯދަން ހުޅުވައިލުމުން ފޯޖު ޑޮކިއުމެންޓްތައް ހުށަހެޅުމުންނެވެ.

އެ ޑޮކިއުމެންޓްތައް ހުށަހެޅި ތިން ކުންފުނި ވެސް ސަސްޕެންޑްކުރީ މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

ހަވާލުކުރި މަސައްކަތް ކަނޑައެޅިފައިވާ ގޮތަށް ކުރިއަށް ނުގެންދިއުމުން ސަސްޕެންޑްކުރި މޫވް އެކްސް ކުންފުނި ސަސްޕެންޑް ކުރީ އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށެވެ.

ކުންފުންޏެއް ނުވަތަ ސަޕްލަޔަރަކާ ދޭތެރޭގައި ފިޔަވަޅު އަޅަނީ ބީލަމުގެ މައްސަލަތައް ބަލާ މުސްތަގިއްލު ރިވިއު ކޮމިޓީންނެވެ. އެ ފިޔަވަޅު އަޅަނީ ކުންފުންޏާ ދެކޮޅަށް ބަލާ މައްސަލައިގައި، ދިފާއުވާން މައުލޫމާތު ހުށަހެޅުމަށާއި ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ފަހު، ތަހުގީގުކޮށް ނިމޭއިރު މައްސަލަތަކެއް ސާބިތުވާ ނަމަ ކަމަށް ވެސް މާލިއްޔަތު ގަވާއިދުގައިވެ އެވެ.