01 ޖޫން 2022 - 06:47

ބިރުކުޑަ މީހުންނަށް އަމާޒު ކޮށްގެން ވިއެޓްނާމުގައި ދުނިޔޭގެ އެންމެ ދިގު، ބިއްލޫރި ބްރިޖު ހުޅުވައިފި އެވެ.

ވިއެޓްނާމުގެ ވެރިރަށް ހަނޯއީގެ ސަން ލާ ޕްރޮވިންސްގައި އެ ބްރިޖު ހުޅުވީ، ފަރުބަދައިގައި ހުރި ރިސޯޓަކާ ގުޅުވައިގެންނެވެ. އެއީ ދެކުނު އޭޝިއާގައި ހުޅުވި އެ ފަދަ ތިންވަނަ ބްރިޖެވެ.

މި ހަފުތާގައި ހުޅުވި އެ ބްރިޖުގެ ދިގުމިނުގައި 2،087 ފޫޓު ހުންނާނެ އެވެ. މީގެ ކުރިން އެ ރެކޯޑް ހޯދާފައިވަނީ ޗައިނާގެ ގުއަންޑޮންގްގައި ހުޅުވާފައިވާ ބިއްލޫރި ބްރިޖެވެ. އެ ބްރިޖުގެ ދިގުމިނުގައި 1،720 ފޫޓް ހުރެ އެވެ.
"ވައިޓް ޑްރެގަން" ގެ ނަމުން ނަން ދީފައިވާ ވިއެޓްނާމުގެ ބިއްލޫރި ބްރިޖަކީ ދެ ފަރުބަދަ ދޭތެރޭގައި ހުރަސް ކުރުމަށް ހަދާފައިވާ ބްރިޖެކެވެ. އެ ބްރިޖުގައި ހުރެ ބިއްލޫރިގަނޑުން ތިރި ބަލައިލެވޭ އިރު އުދުހެވޭ އިހުސާސް ކުރެވޭނެ ކަމަށް ބްރިޖު އުފެއްދި ކުންފުނިން ބުނެ އެވެ.
ސަސްޕެންޝަން ބްރިޖެއްގެ ގޮތުގައި، އެ ބްރިޖު ހަދާފައި ވަނީ ވަށައިގެންވާ މާހައުލަށް ގެއްލުން ނުވާނެ ގޮތަކަށެވެ. ބްރިޖުގެ ދެ ފަރާތުގެ ފަރުބަދަތަކަށް ވަރަށް ބޮޑަށް ބަލައި، އެ ތަންތައް ރައްކާތެރި ކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދިނެވެ.
އާންމުން ވަށައިގެންވާ މާހައުލު ބަލައިލުމަށް ހުޅުވި ބްރިޖުގައި ބިއްލޫރީގެ ތިން ފަށަލަ ހިމެނޭނެ އެވެ. އެ އިން ކޮންމެ ބިއްލޫރިގަނޑެއްގެ ބޯމިނުގައި 1.5 އިންޗި ހުރެ އެވެ. އަދި ބްރިޖުގައި އެއް ވަގުތެއްގައި 450 މީހުންނަށް ތިބެވޭނެ އެވެ.