ލިލީ ވެސް އެނބުރި ނިއު އަށް
ލިލީ ވެސް އެނބުރި ނިއު އަށް

މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްްސް ކްލަބަށް ކުޅުނު ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) އޭނާގެ ކުރީގެ ކްލަބް ނިއު ރޭޑިއަންޓާ އަލުން ގުޅިއްޖެ އެވެ.

ލިލީ ވަނީ ރޭ ނިއުއާ އެކު އެއް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ.

ނިއު އިން 2009 ވަނަ އަހަރު ކެރިއަރު ފަށައި އެ ކްލަބަށް ހަތް އަހަރު ކުޅެދިނުމަށް ފަހު މި އަހަރު ބޮޑު އަގުގައި ޓީސީ އަށް ބަދަލުވެ ލިލީ ވަނީ އެ ޓީމާ އެކު ވެސް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕުން ވެސް ދެ ވަނަ ލިބުނުއިރު ތަށްޓެއްގައި އަތްލެވޭ ގޮތެއް ނުވި އެވެ.

ލިލީ ވަނީ 2009 އިން 2011 އަށް ނިއު ބަލިކަށިކޮށް އޮތްއިރު ވެސް އަދި 2012-2015 އަށް އެ ޓީމު ވަރުގަދަ ބާރެއްގެ ގޮތުގައި އޮތްއިރު އެ ޓީމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އަދި އޭނާ އަކީ މިހާރު ގައުމީ ފުޓްބޯޅަ ޓީމުގެ ޖާގަ ވެސް ކަށަވަރުވެފައިވާ ކުޅުންތެރިޔެކެވެ.

ލިލީ އަކީ އަންނަ ސީޒަނަށް ނިއު އަށް ސޮއިކުރި ހަތަރު ވަނަ ކުޅުންތެރިޔާ އެވެ. ލިލީއާ އެކު ޓީސީ އަށް ކުޅުނު އަލީ ފާސިރު (ސެންޓޭ) އާއި މާޒިޔާގެ ގޯލްކީޕަރު އިމްރާން މުހައްމަދު އަދި ކްލަބް ވެލެންސިއާގެ އަކްރަމް އަބްދުލް ގަނީ ވެސް ވަނީ ނިއުއާ ގުޅިފަ އެވެ. މި ހަތަރު ކުޅުންތެރިންނަކީ ވެސް 2013 ވަނަ އަހަރު ރާއްޖޭގެ ސީޒަނުގައި ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ނިއު އިން ކާމިޔާބުކުރި ޓީމުގައި ހިމެނުނު ކުޅުންތެރިންނެވެ.

މި ސީޒަނުގައި ނިކަމެތިކޮށް ފެނުނު ނިއު އަލުން ވަރުގަދަކުރަނީ އެ ކްލަބާ އަލަށް ހަވާލުވާ އެގްޒެކެޓިވް ބޯޑުންނެވެ. އަންނަ މަހުގެ 6 ވަނަ ދުވަހުގެރޭ ބާއްވާ އިންތިހާބުގައި ކްލަބުގެ ރައީސްގެ މަގާމަށް ވަޑައިގަންނަވާނީ ދިވެހި ސިފައިންގެ ކްލަބުގެ ކުރީގެ ރައީސް މުހައްމަދު ޒިޔާދެވެ. އަދި ބޯޑް މެމްބަރުންގެ ގޮތުގައި ވިޔަފާރިވެރިންތަކެއް އަންނާނެ އެވެ.