އެމްޓީޑީސީން އޮފީސް އިމާރާތް ހަދަން ހުޅުމާލެ އިން ބިމެއް ގަނެފި
އެމްޓީޑީސީން އޮފީސް އިމާރާތް ހަދަން ހުޅުމާލެ އިން ބިމެއް ގަނެފި

އެމްޓީޑީސީން ހުޅުމާލޭގައި އޮފީސް އިމާރާތެއް އެޅުމަށް ބިމެއް ގަނެފި އެވެ.

އެ ކުންފުނިން ވަނީ މިކަމާ ގުޅޭ އެއްބަސްވުމުގައި އެޗްޑީސީއާ އެކު މިއަދު ސޮއިކޮށްފަ އެވެ. އެމްޓީޑީސީގެ މެނެޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއް ސަމަދު ވިދާޅުވީ، ހުޅުމާލޭގައި ހަތް ބުރީގެ އޮފީސް އިމާރާތެއް އަޅަނީ އެ ކުންފުނިން ކުއްޔަށް ކުރާ ހޭދަ ކުޑަކޮށް އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ހޯދުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ، 3،500 އަކަފޫޓުގެ އޮފީސް އިމާރާތަށް އެމްޓީޑީސީން މިހާރު މަހެއްގެ މައްޗަށް ކުއްޔަށް 70،000ރ. ހޭދަކުރަން ޖެހޭ ކަމަށެވެ.

އަމީން އެވެނި ކައިރިން ހުޅުމާލޭ ސެންޓްރަލް ޕާކު ކުރިމައްޗަށްވާ ގޮތަށް އޮތް ހުސް ޖާގައިން އެމްޓީޑީސީ އަށް ވަނީ 7،000 އަކަ މީޓަރުގެ ބިމެއް ދީފަ އެވެ. އެބިން ގަތީ ކިހާ ވަރަކަށްކަން ތަޒްމީލް ވިދާޅެއް ނުވެ އެވެ. އެނާ ވިދާޅުވީ، އެ ބިން ގަންނަން ބޭނުންވާ ފައިސާ އެއްފަހަރާ ދައްކާފައިވާ ކަމަށެވެ.

"މި އިމާރާތުން އެމްޓީޑީސީގެ އޮފީސް ހިންގުމަށް ފަހު ކޮމާޝަލް އުސޫލުން ބާކީ ފްލޯތައް ދޫކުރާނަން،" އޭނާ ވިދާޅުވި އެވެ.

ތަޒްމީލް ވިދާޅުވީ، އެމްޓީޑީސީއަށް މިވަގުތު އާމްދަނީ ލިބެނީ ދެ ރިސޯޓުން ކަމަށާއި މި އިމާރާތާ އެކު އެ ކުންފުންޏަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ތަނަވަސްވާނެ ކަމަށެވެ.

އެމްޓީޑީސީގެ އޮފީސް އިމާރާތް ހެދުމަށްޓަކައި މިހާރު ކުރިއަށްދަނީ ޑިޒައިންގެ މަސައްކަތް ކަމަށް ތަޒްމީލް ވިދާޅުވި އެވެ. އަދި އިިމާރާތް އެޅުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ވެސް ތަޒްމީލް ވިދާޅުވި އެވެ. އެ ކުންފުނީގެ އަމާޒަކީ އަންނަ ނޮވެމްބަރު މަހު އެ އިމާރާތުގެ އަމަލީ މަސައްކަތް ފެށުމެވެ. އަދި 18 މަސް ދުވަހުގެ ތެރޭގައި އެ އިމާރާތް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްޓީޑީސީން ބުންޏެވެ.