31 މެއި 2022 - 10:37

މި އަހަރުގެ ރޯދަ މަހަށް ހާއްސަ ކޮށްގެން "މިހާރު" އިން ބޭއްވި ކުއިޒުގެ ނަސީބުވެރިން އިއްޔެ ހޮވައިފި އެވެ.

އެ ކުއިޒުން އެއް ވަނަ އަށް ހޮވުނު ސުލްތާން މުހައްމަދު ލަތީފަކީ އިސްލާމީ މަރުކަޒުގެ ކުރީގެ އިމާމު އަދި އިސްލާމިކް މިނިސްޓްރީގެ އޭރުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ލަތީފުގެ ބޭފުޅެކެވެ. ދެ ވަނަ ނަސީބުވެރިއަކީ ސުލްތާނަށް ބޮޑުބޭބެ ވިދާޅުވާ ސުލައިމާން ބިން ސަލްމާން މުހައްމަދެވެ. އަދި ތިން ވަނަ އިނާމު ކާމިޔާބު ކުރެއްވީ ސުލްތާންގެ ޅިޔަނު، ފަހުދު އަހުމަދެވެ.

ކުއިޒުގެ އެއްވަނަ ނަސީބުވެރިޔާ ސުލްތާން ވިދާޅުވީ، އާއްމުކޮށް ކުއިޒު މުބާރާތްތަކުގައި ބައިވެރިވެވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ފަހުދު ތަފާތެވެ. "މިހާރު" ގެ ކުއިޒުގެ މައުލޫމާތު އެނގި، އޭނާގެ އޮފީހުގެ ގިނަ ބަޔަކު ކުއިޒުގައި ބައިވެރިވެ، ޗެލެންޖު ކިޔައި ދިނުމުން އަޖުމަ ބައްލަވައިލަން ބޭނުންވީ އެވެ.

ސުލްތާން ވިދާޅުވިގޮތުގައި، އެއް އާއިލާއަކަށް އިނާމު ލިބުނަސް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ކުއިޒުގައި އެހީތެރިކަން ނުދެ އެވެ
"މިހާރު" ކުއިޒު ބޭއްވީ، ވީ އެންމެ ކުޑައިރުކޮޅެއްގެ ތެރޭގައި 30 ސުވާލަށް ޖަވާބުދޭން ޖެހޭ ގޮތަށެވެ. ސުލްތާނާއި ސަލްމާން ޖަވާބުތައް ދިމާކުރެއްވީ އެންމެ 31 ސިކުންތުންނެވެ.
ދެ ބޭފުޅުންގެ ތެރެއިން އެއްވަނަ އާއި ދެ ވަނަ ހޮވީ، ޕޮއިންޓް އެއްވަރުވުމުން ގުރުއަތުންނެވެ. އަދި ތިން ވަނަ އަށް ފަހުދު ހޮވުނީ އިތުރު ދެ ބައިވެރިއަކާ ވާދަކުރައްވައި، އެއް ސިކުންތުގެ ތަފާތުންނެވެ. ފަހުދުގެ އިތުރުން ފާތިމަތު ސަމާ އާއި މަރިޔަމް އާލިޔާ ޖަވާބު ދިމާކުރީ 32 ސިކުންތުންނެވެ. ކުއިޒުގެ ތިންވަނަ ނަސީބުވެރިއަކަށް ފަހުދު ހޮވުނީ އެ ތިން މީހުންގެ މެދުގައި ނެގި ގުރުއަތުންނެވެ.
އާންމު މައުލޫމާތު ހިމެނޭ ގޮތަށް ބޭއްވި ކުއިޒުގެ އެއްވަނަ އިނާމަކީ ލިޓަސް އިން ހުށަހެޅި ޔަމަހާ 125 ފިނޯގެ ސައިކަލެކެވެ. ދެ ވަނަ އިނާމަކީ ޓީއެމްއޭގެ ދެކޮޅު ޓިކެޓާއި ހެޕީ މާކެޓުން ދޭ ކޮފީ މެޝިނަކާއި 80 ކެޕްސޫލެވެ. ތިން ވަނަ އިނާމަކަށް ކަނޑައެޅީ ޔޫރޯ ސްޓޯރުން ދިން 3،000ރ. ގ ވައުޗަރެކެވެ.
"މިހާރު" ގެ ހެޑް އޮފް ސޭލްސް އެންޑް މާކެޓިން އިސްމާއިލް ޝިއުތު ވިދާޅުވީ، ކުއިޒުގައި 75،000 އެއްހާ މީހުން ބައިވެރިވި ކަމަށާއި އެއީ ވަރަށް ބޮޑު ތަރުހީބެއް ކަމަށެވެ.
"މި އަންނަ އަހަރު މި އަށް ވުރެ އަގުހުރި އިނާމުތައް މި ކުއިޒުގައި އަޅުގަނޑުމެން ދޭނަން. އަދި މިހާރަށް ވުރެ ފޯރިގަދަކޮށް ގެންދަން ވަރަށް ބޮޑަށް އިސްކަންދޭނަން،" އޭނާ ވިދާޅުވި އެވެ.
އޮންލައިންކޮށް ބޭއްވި ކުއިޒުގައި ހިމެނީ ރާއްޖޭގެ ތާރީހީ ބައެއް ހާދިސާތަކާއި ފާހަގަކޮށްލެވޭ އެކި ޝަހުސިއްޔަތުތަކުގެ މައުލޫމާތެވެ.