30 މެއި 2022 - 14:40

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ދެމި ބެނާ ނަގަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުން އަސާސީ ހައްގުތަކަށް އަރައިގަންނަ ކަމަށް ނުބުނެވޭނެ ކަމަށާއި ކޮންމެ ހައްގެއްގައި ހުދޫދެއް އޮންނާނެ ކަމަށް ހައި ކޯޓުގެ ހުކުމުގައި ބުނެފި އެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނުގައި ޔާމީންގެ ގެކޮޅު، ހ. ދޫވެހީގައި ދެމި ބެނާ ނަގަން ކުރި އަމުރު ބާތިލްކޮށް ހައި ކޯޓުން ކުރި ހުކުމުގައި މިހެން ބުނީ އެ އަމުރަކީ ގާނޫނުއަސާސީން ލިބިދޭ ހައްގުތަކަށް އަރައިގެންފައިވާ އަމުރެއް ކަމަށް ޔާމީންގެ ފަރާތުން ކޯޓުގައި ބުނެފައި ވާތީ އެވެ.
ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހުސައިން ޝަހީދު ބެއްލެވި މައްސަލައިގެ ހުކުމުގައި ބުނެފައިވަނީ ގާނޫނުއަސާސީގައި ބަޔާންކުރާ ގިނަ ހައްގުތަކާއި މިނިވަންކަމަކީ މުޅިން މުތުލަގަށް ދޫކޮށްފައިވާ ހައްގުތަކެއް ނޫން ކަމަށެވެ. ގާނޫނުއަސާސީގެ ތެރެއިންނާއި ގާނޫނުތައް މެދުވެރިކޮށް އެ ހައްގުތަކާއި މިނިވަންކަމުގައި އެކި މިނަށް އެކި ގޮތަށް ހައްދުތަކާއި ހުދޫދުތައް ކަނޑައަޅާފައިވާ ކަމަށާއި ރާއްޖޭން ބައިވެރިވާ ބައެއް މުއާހަދާތައް ވެސް ހުރީ މިގޮތަށް ކަމަށް ހުކުމުގައިވެ އެވެ. މި ވާހަކައަށް ފަހު ހުކުމުގައި ވަނީ ގާނޫނުއަސާސީން ދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ވެސް މުތުލަގު މިނިވަންކަމެއް ނޫން ކަމަށެވެ.
"ވީމާ، ދަށު ކޯޓުގެ ފަނޑިޔާރު ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ބަލައި، ގާނޫނުގެ ދަށުން އެ ފަނޑިޔާރު ނެރޭ އަމުރަކީ ގާނޫނުއަސާސީގައި ބަޔާންކުރާ ހައްގުތައް ނިގުޅައިގަތުމުގެ ގޮތުން ކުރި ކަމެއްކަމަށް ބުނެވޭނެ ހަމައެއް ނެތެވެ. ސަބަބަކީ އެއީ މުތުލަގު ހައްގެއް ނުވަތަ މިނިވަންކަމެއް ކަމުގައި ނުވާތީ އެވެ."
އިސްތިއުނާފަށް ހުށަހެޅި މި ނުކުތާއާ ބެހޭ ގޮތުން ހުކުމުގައި ބުނެފައި ވަނީ އިސްތިއުނާފްކުރި މައްސަލައިގެ މައުލޫއަކީ އަސާސީ ހައްގުތަކާ ގުޅޭ މައުލޫއެއް ނޫން ކަމަށެވެ. މިއީ ހަތް ދުވަހުން ނިންމަން ގާނޫނު ލާޒިމްކުރާ އިޖުރާއަތާ ގުޅޭ މައްސަލައެއްގެ އަރިމަތިން ހުށަހަޅާ ނުކުތާއެއްގެ ތެރެއިން ދުސްތޫރީ މައްސަލައެއް ކަމަށް ފާހަގަވާ ނުކުތާއެއް ކަމަށާއި މި މައްސަލައިގެ ތެރެއިން މިކަން ބަލައި ފައިސަލާއެއް ނުކުރެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.
އަމުރު ނެރުމަށް ފުދޭ މިންވަރަށްވުރެ މަތިން ހެކި ހުށަހަޅާފައިވާ ކަމަށް ދެކޭ ކަމަށާއި އެގޮތުން، ހާދިސާ ރިޕޯޓާއި ފޮޓޯ ރިޕޯޓާއި އިންޓެލިޖެންސް ރިޕޯޓުގައި ހިމެނޭ މައުލޫމާތުތަކުން ތުހުމަތުކުރެވޭ ކުށުގެ އަމަލާ ގުޅޭ ހެކި ލިބޭ ކަމަށް ބެނާ ނަގަން ކުރި އަމުރުގައިވެ އެވެ. އެހެން ބަޔާންކޮށްފައި އޮތަސް އެއިން އެއްޗަކުން ހެކި ލިބޭ ގޮތެއް ބަޔާންކޮށްފައި ނުވާ ކަމަށް އިސްތިއުނާފްގެ ދައުވާ ފޯމުގައި ވަނީ ބުނެފަ އެވެ.
އަމުރު ބާތިލްކުރީ މައިގަނޑު ގޮތެއްގައި މި ކަންކަމުގެ މައްޗަށެވެ. އެއީ އަމުރެއް ނެރޭއިރު އޭގައި ބަޔާންކޮށްފައި ހުންނަންވާނެ ކަންކަން ފުރިހަމަ ނުވާތީ އެވެ.
ހުރިހާ ފަނޑިޔާރުން އިއްތިފާގުވެވަޑައިގެންފައިވާ ގޮތުގައި ކްރިމިނަލް ކޯޓުން އަމުރު ނެރުނީ މިފަދަ އަމުރެއްގައި ހުންނަންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަންކަން ފުރިހަމަ ނުކޮށެވެ. އެއީ؛
• ފަނޑިޔާރު އަމުރު ނެރުމަށް ވާސިލުވި ސަބަބެއް ނުވަތަ ގޮތެއް ނުވަތަ ހަމައެއް ބަޔާންކޮށްދީފައި އޮތް ކަމަކަށް ނުދެކެން
• ފަނޑިޔާރު ވަކި ގޮތަކަށް ދެކޭ ކަމަށް ނުވަތަ ބެލެވޭ ކަމަށް ބަޔާންކުރުމަކުން އަދި އެ މިންވަރު ނުފުދޭ
• ފަނޑިޔާރު ވަކި ކަމަކާ މެދު ވަކި ގޮތަކަށް ދެކޭ ނަމަ ނުވަތަ ބެލެވޭ ނަމަ އޭގެ ސަބަބު ބަޔާންކުރަން ޖެހޭނެ
މި ކަންކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްތަކަކާ ހައި ކޯޓުން ވަނީ ހަވާލާދީފަ އެވެ.
"ފަނޑިޔާރު ހުކުމަށް ވާސިލްވި ސަބަބުތައް ލިޔެ ބަޔާންކޮށްފައި ނެތް ނަމަ އެ ޝަރީއަތަކީ ސައްހަ ޝަރީއަތެއް ކަމަކަށް ނުބެލެވޭނެ އެވެ." ސުޕްރީމް ކޯޓުގެ ހުކުމެއްގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަކާ ހަވާލާދީ ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން މި އަމުރަކީ ގާނޫނާ އެއްގޮތަށް ނެރުނު އަމުރެއް ކަމަކަށް ހައި ކޯޓުގައި ދައުލަތުން ވެސް ބުނެފައިނުވާ ކަމަށާއި ގާނޫނާ އެއްގޮތަށް ނެރެފައިވާ އަމުރެއް ކަމަށް ކަނޑައަޅައިދޭކަށް ވެސް ދައުލަތުން އެދިފައި ނުވާކަން ހުކުމުގައި ފާހަގަކުރި އެވެ.
"ފަނޑިޔާރުން ނިންމާ ނިންމުންތަކަކީ ހެއްކާއި ގަރީނާއަށް ބިނާކޮށް އިންސާފުވެރިކަމާ އެކުގައި ކުރި ހުކުމެއްކަން ކަށަވަރުކުރެވޭނެ ހަމައެކަނި ގޮތަކީ ޝަރީއަތުގެ ކުރިމައްޗަށް ހުށަހެޅުނު ހެކިތަކަކީ ކޮބައިކަމާއި އެ ހެކިތައް ވަޒަންކުރި ގޮތާއި އެ ހުކުމަށް ފަނޑިޔާރު ވާސިލްވި ސަބަބުތައް ބަޔާންކުރުމެވެ. އެއީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާ އިން ކަށަވަރުކޮށްދީފައިވާ އިންސާފުވެރި ޝަރީއަތެއް ކުރެވުމުގެ މައިގަނޑު އުންސުރެވެ." އަމުރު ބާތިލްކުރި ސަބަބުތައް ބަޔާންކޮށް ހުކުމުގައިވެ އެވެ.