30 މެއި 2022 - 14:26

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މިއަދުގެ ޝަރީއަތުގެ އަޑުއެހުމަށް، އެ މައްސަލާގައި ތުހުމަތުކުރެވޭ މީހުން ކޯޓަށް ނުގެނައުމުން ނަޝީދުގެ ވަކީލުން، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ކުށްވެރިކުރައްވައިފި އެވެ.
މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާ މި މައްސަލައިގެ އަޑުއެހުން ކެންސަލްކުރީ ތުހުމަތުކުރެވޭ މީހުން ނުގެނެވުނީ ވިއްސާރަވުމުގެ ސަބަބުން ކަމަށް ބުނެ އެވެ.
މިއީ، މި މައްސަލައިގެ ޝަރީއަތުގައި ނަޝީދުގެ ފަރާތުން ދެ އޮބްޒާވަރުންނަށް ފުރުސަތު ދޭން ނިންމި ފަހުން ބާއްވަން އުޅުނު ފުރަތަމަ އަޑުއެހުމެވެ.
މިއަދުގެ އަޑުއެހުން ކެންސަލް ކުރުމާ ގުޅިގެން ނަޝީދުގެ ކޮއްކޯފުޅު އަދި އެމަނިކުފާނުގެ ވަކީލް ނާޒިމް ސައްތާރު ސޮއިކުރައްވައި ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ ވިއްސާރަވެގެން ނުގެނެވުނީ ކަމަށް ބަޔާންކުރާއިރު، މިއަދަކީ މާލޭ ސަރަހައްދަށް މޫސުން ގޯސްވި ހަމައެކަނި ދުވަސް ނޫން ކަމަށެވެ.
"މޫސުން ގޯސްވާ ނަމަ ތުހުމަތު ކުރެވޭ ފަރާތްތައް އޭގެ ކުރީ ދުވަހު ގެނެސް، މާލޭ ޖަލެއްގައި ބެހެއްޓުމުގެ އިންތިޒާމު ވެސް ހަމަޖެއްސޭނެ އެވެ،" ބަޔާނުގައި ބުނެފައި ވެއެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި މައްސަލައިގެ އަޑުއެހުންތައް އޮންނާނެ ދުވަސްތައް މީޑިއާގައި އިއުލާނު ކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލާގައި މުއައްސަސާތަކުން އިހުމާލުވާކަމުގެ ޝަކުވާ ކެނޑިނޭޅި ކުރަމުންދާއިރު އެފަދަ ޝަކުވާއަކަށް ބެލުމެއް ނެތި ހޯމް މިނިސްޓްރީ އާއި ކަރެކްޝަންސް އިން ފަރުވާކުޑަ ކުރާތީ އެކަން ވަނީ ކުށްވެރިކޮށްފަ އެވެ.
މިދިޔަ އަހަރުގެ މެއި މަހު ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލައިގެން ދިން ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާ ކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ، ކުދެހިގޭ އިސްހާގާއި އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.