އަފްގާނިސްތާނުގެ ފުރަތަމަ އަންހެން އެއާފޯސް ޕައިލެޓް އެމެރިކާގެ ހިމާޔަތަށް
އަފްގާނިސްތާނުގެ ފުރަތަމަ އަންހެން އެއާފޯސް ޕައިލެޓް އެމެރިކާގެ ހިމާޔަތަށް

ކާބުލް (ޑިސެމްބަރު 28) - އަފްޣާނިސްތާނުގެ ފުރަތަމަ އަންހެން އެއާފޯސް ޕައިލެޓުގެ ޝަރަފް ހޯދާ އަންހެނުންގެ ކެރުމާއި ހިތްވަރު ދުނިޔެ އަށް ދައްކާލި ނަމަވެސް ނިލޫފަރު ރަހުމާނީ އަށް ހިތްހަމަޖެހުމެއް ނެތެވެ. އަމިއްލަ ގައުމުގައި އުޅެވެން ނެތިގެން އޭނާ މިހާރު ވަނީ އެމެރިކާ އިން ސިޔާސީ ގޮތުން ހިމާޔަތް ހޯދަން ހުށަހަޅައިފަ އެވެ.

ކެޕްޓަން ރަހުމާނީ ބުނީ އަފްޣާނިސްތާނަކީ މިހާރު އޭނާ ދިރިއުޅެން ރައްކާތެރި ގައުމެއް ނޫން ކަމަށެވެ. ރަހުމާނީގެ ވަކީލް ކިމްބަލީ މޮޓްލޭ ބުނީ އެކި އެކި ގްރޫޕްތަކުން ރަހުމާނީ އަށް ތަފާތު އިންޒާރުތައް ކުރިމަތިކުރާ ކަމަށެވެ. އަދި ސަރުކާރުގެ އޮފިޝަލުންގެ ނުރުހުމާ ވެސް ރަހުމާނީ އަށް ކުރިމަތިލާން ޖެހޭ ކަމަށް ވަކީލް ބުންޏެވެ.

"ރަހުމާނީ އެނބުރި އަފްޣާނިސްތާނަށް ހިނގައްޖެ ނަމަ އޭނާގެ ފުރާނަ އަށް ނުރައްކާވާނެ. ރަހުމާނީގެ އާއިލާ އަށް ވެސް ދަނީ މަރުގެ އިންޒާރުތައް ލިބެމުން،" ވަކީލް ބުންޏެވެ.

ރަހުމާނީ، 25، އެއާފޯސް ޕައިލެޓަކަށްވީ 2013 ވަނަ އަހަރު އެވެ. ރަހުމާނީ ބުނީ އޭނާ އަބަދުވެސް ޕައިލެޓަކަށް ވާން ބޭނުންވާ ކަމަށާއި އެއީ އޭނާގެ ބައްޕަގެ ވެސް ހުވަފެނެއް ކަމަށެވެ. ވޭތުވެދިޔަ އަހަރެއްހާ ދުވަހު ރަހުމާނީ އުޅުނީ އެމެރިކާގެ ދެކުނުގެ ހިސާބުތަކުގެ ވައިގެ މަރުކަޒުތަކުގައި އިތުރަށް ޓްރޭން ވުމަށެވެ.

އެމެރިކާ އިން ހިމާޔަތް ހޯދަން ރަހުމާނީ ހުށަހެޅުމުން އަފްޣާނިސްތާނުގެ އަސްކަރިއްޔާގެ ވެރިން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ. ސިފައިންގެ ޖެނެރަލް މުހައްމަދު ރަދުމަނިޝް ވަނީ ރަހުމާނީގެ ހުށަހެޅުން އެމެރިކާ އިން ގަބޫލް ނުކުރުމަށް ގޮވާލައިފަ އެވެ. އަދި ބިރު ދައްކަނީ ކަމަށް ރަހުމާނީ ބުނަނީ އޭނާ އެމެރިކާ އިން ހިމާޔަތް ހޯދަން ފަސޭހައަކަށް ކަމަށް ޖެނެރަލް ބުންޏެވެ.

ސިޔާސީ ހިމާޔަތަށް އެދި ރަހުމާނީ ހުށަހަޅާފައިވާ އެޕްލިކޭޝަން ގަބޫލް ކުރުމަށް އޭނާ ވަނީ އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕުގެ ކިބައިން މެސެޖަކުން އެދިފަ އެވެ. ރަހުމާނީ ބުނެފައި ވަނީ އޭނާ އަކީ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ދެކޮޅު މީހެއް ކަމަށެވެ.