ކޭޕޮޕް އައިޑަލް އަކަށް ފުރަތަމަ ފަހަރަށް އިންޑިއާގެ ފަންނާނެއް
ކޭޕޮޕް އައިޑަލް އަކަށް ފުރަތަމަ ފަހަރަށް އިންޑިއާގެ ފަންނާނެއް

މަޝްހޫރު މިއުޒިކް އިންޑަސްޓްރީ "ކޭޕޮޕް"ގެ ބޭންޑަކަށް ފުރަތަމަ ފަހަރަށް އިންޑިއާގެ ޒުވާނަކު ހޮވައިފި އެވެ.

ކޭޕޮޕް އިންޑަސްޓްރީ އަކީ އަބަދުވެސް ޑައިވާސިޓީގެ ގޮތުން ވަރަށް ކުޑަ ތަނެއް ކަމަށް ބުނެ މީހުންގެ ފާޑު ކިޔަ އެވެ.

ކޮރެއާގެ ރެކޯޑިން ލޭބަލެއް ކަމަށްވާ ޑީއާރު މިއުޒިކުން ވަނީ ދާދި ފަހުން އެ ލޭބަލްގެ ބޭންޑެއް ކަމަށްވާ "ބްލެކްސްވޯން" އަށް ފުރަތަމަ އިންޑިއާގެ އައިޑަލްއެއް ހޮވައިފަ އެވެ.

އެ ބޭންޑަށް ހޮވާފައިވަނީ އުމުރުން 18 އަހަރުގެ ސްރިޔާ ލެންކާ އެވެ. އިންޑިއާގެ އޮޑިޝާގެ ސަރަހައްދަކަށް ނިސްބަތްވާ ސްރިޔާ އަކީ އެކި ފޯމްތަކަށް ނަށަން ދަސްކޮށްފައިވާ ޒުވާނެކެވެ.

އޭނާ އެންމެ ފުރަތަމަ ނަށަން ފަށައި ކޭޕޮޕްއާ ގުޅެން މަސައްކަތް ފެށީ މީގެ ފަސް އަހަރު ކުރިންނެވެ. ރައްޓެއްސެއްގެ ފަރާތުން ކޭޕޮޕްގެ މައުލޫމާތު ލިބި އެކަމަށް ޝައުގުވެރިކަން އުފެދުމުން ކޮރެއާ ބަސް ދަސްކޮށް ކޭޕޮޕް އާ ގުޅުމަށް މަސައްކަތް ފެށީ ކަމަށް އޭނާ ބުންޏެވެ.

ސްރިޔާ ހޮވިފައިވަނީ ޑީއާރު މިއުޒިކުން ފެށި "ސިގްނަސް" ނަމަކަށް ކިޔާ އިނިޝިއެޓިވްއެއްގެ ދަށުންނެވެ. އެ އިނިޝިއެޓިވްގެ ދަށުން ޓްރެއިންކޮށް އެންމެ މޮޅު ކުދިންގެ ތެރެއިން ހޮވުނީ ސްރިޔާ އާއި ބްރެޒިލްގެ ޒުވާނެކެވެ.

ދެ ޒުވާނުން ވެސް ހިމެނޭނީ އެ ލޭބަލްގެ ގާލް ގްރޫޕް ބްލެކްސްވޯންގަ އެވެ. މި ގްރޫޕަކީ މީގެ ކުރީން ވެސް ރެކޯޑެއް ހޯދާފައިވާ ގްރޫޕެކެވެ. ފުރަތަމަ ފަހަރަކަށް ކަޅު ނަސްލުގެ އައިޑަލްއެއް ހޮވާފައިވަނީ ވަނީ ވެސް އެ ގްރޫޕަށެވެ.