30 މެއި 2022 - 11:37

ލިވަޕޫލް (މެއި 30) - ލިވަޕޫލްގައި ފޯވާޑް ސާޑިއޯ މާނޭގެ ކުރިމަގާ މެދު ސުވާލު އުފެދިއްޖެ އެވެ.
ލިވަޕޫލްއާ އެކު ސެނަގާލްގެ 30 އަހަރުގެ ފޯވާޑް ހަދާފައިވާ ކޮންޓްރެކްޓް އަންނަ ސީޒަނުގައި ހަމަވާނެ އެވެ. އަޑުތައް ފެތުރިފައިވާ ގޮތުގައި މާނޭ ދެން ފެނުން އެންމެ ގާތީ ޖަރުމަނުގެ ބެޔާން މިއުނިކުންނެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ކުރިން މާނޭ ބުނެފައި ވަނީ އަންނަ ސީޒަނުގައި އޭނާ ހުންނާނެ ކްލަބަކާ ބެހޭ ގޮތުން ޚާއްސަ ޖަވާބެއް ދޭނީ ފައިނަލް މެޗަށް ފަހު ކަމަށެވެ. ފައިނަލުގައި ލިވަޕޫލް ވަނީ ރެއާލް މެޑްރިޑް އަތުން 1-0 އިން ބަލިވެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ބެޔާންގެ ސްޕޯޓިން ޑިރެކްޓަރު ވަނީ މާނޭގެ އެޖެންޓާ މި މަހު ކުރީކޮޅު ބަައްދަލުކޮށްފަ އެވެ.
ޖޫން 2016 ގައި ސައުތަންޓަން އިން 34 މިލިއަން ޑޮލަރަށް ލިވަޕޫލް އަށް ބަދަލުވި ކުޅުންތެރިޔާ ވަނީ އެ ކްލަބާ އެކު ހަ މެޑަލް ހޯދައިފަ އެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގު، ޗެމްޕިއަންސް ލީގު ވެސް ހިމެނެ އެވެ. އަދި ގޯލްޑަން ބޫޓް ވެސް ވަނީ ހޯދައިފަ އެވެ. މާނޭ ވަނީ އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.